އިންޑިއާގެ ޖޯދުޕޫރްގައި ހިމާޔަތްކޮށްފައިވާ ފުއްލާގެ ބާވަތެއް ކަމަށްވާ ބްލެކްބަކް މީގެ 21 އަހަރު ކުރިން ސަލްމާން ހާނާ އެކު، ޝިކާރަކުރި ކަމަށް ބުނާ މައްސަލާގައި ދައުވާކުރި ހަތަރު ތަރިއެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޖޯދްޕޫރް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް އެ ސްޓޭޓްގެ ސަރުކާރުން އިސްތިއުނާފު ކުރުމުން، މައްސަލަ ރައްދުވާ ތަރިންނަށް ޖޯދުޕޫރް ހައި ކޯޓުން ހޯމަ ދުވަހު ނޯޓިސް ފޮނުވައިފި އެވެ.

އެ ހަތަރު ތަރިންނަކީ ސައިފް އަލީ ހާނާއި ތައްބޫ އާއި މިހާރު ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބަތަލާ ސޮނާލީ ބެންޑްރޭގެ އިތުރުން ކުރީގެ ބަތަލާ ނީލަމް ކޮތާރީ އެވެ.

އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޖޯދުޕޫރް ކޯޓުން ހުކުމް ކުރީ، ޝިކާރަ ކުރި މައްސަލާގައި ސަލްމާންގެ މައްޗަށް ކުށް ސާބިތުވެ ހުކުމް އިއްވި ދުވަސް ކަމަށްވާ އެޕްރީލް، 5، 2018 ގަ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުށް ސާބިތު ނުވި ތަރިންގެ މައްސަލަ އަހެއްރާ ދުވަސް ފަހުން އިސްތިއުނާފު ކުރީ އެ ނިންމުމާ ދޭތެރޭ ޖޯދުޕޫރުގެ ސަރުކާރުން ހިތްހަމަނުޖެހިގެންނެވެ.

ސަލްމާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ އަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި ޖަލުގައި ބަންދު ކުރިތާ ދެ ދުވަސް ފަހުން ކަފާލާތުގެ ދަށުން ދޫކޮށްލީ އެޕްރީލް މަހުގެ 7 ވަނަ ދުވަހު އެވެ.

ސަލްމާނާއި އިތުރު ތަރިންތަކެއްގެ މައްޗަށް ދައުވާ އުފުލީ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ 1999 ގައި ގެނެސް ދިން ފިލްމު "ހަމް ސާތު ސާތު ހޭ" ގެ މަންޒަރުތަކެއް 1998 ގައި ޖޯދްޕޫރުގައި ނެގި އިރު ފުއްލާ ބްލެކްބަލް ޝިކާރަ ކުރި ކަމަށް ބުނާ މައްސަލައިގަ އެވެ.