ކްރިސްޓޯފާ ނޯލަންގެ އާ ފިލްމުގައި "އިންސެޕްޝަން" ގެ ކުލަވަރު

ކުޅަދާނަ ޑައިރެކްޓަރު ކްރިސްޓޯފާ ނޯލަން އާ ފިލްމެއްގެ މަސައްކަތް މިހާރު ފަށަން ތައްޔާރުވަމުން އަންނަ، ފިލްމުގެ ޕްލޮޓާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އަދި ނުދެ އެވެ. އެކަމަކު އެ ފިލްމާ ބެހޭ ގޮތުން މީޑިއާތަކުގައި ދެކެވޭ ވާހަކަތައް ގިނަ އެވެ. ހާއްސަކޮށް ފިލްމުގެ ސްޓޯރީ ލައިނާ ބެހޭ ގޮތުންނެވެ.


ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި އަދި ނަން ވެސް އިއުލާން ނުކުރާ ނޯލަންގެ އާ ފިލްމަކީ އޭނާ 2010 ގައި ގެނެސްދިން ކާމިޔާބު ސައިންސް ފިކްޝަން/އެކްޝަން ފިލްމު "އިންސެޕްޝަން" ގެ އިހްސާސްތައް އަނެއްކާ ވެސް ބެލުންތެރިން ގެނެސްދޭނެ ފިލްމެކެވެ.

އެ ނޫހުން ނޯލަންގެ އާ ފިލްމު ސިފަކޮށްފައި ވަނީ "އިންސެޕްޝަންގެ ޝޭޑްސް" އެކުލެވޭ، ނޭވާ ހިފަހައްޓައިލަން ޖެހޭ ކަހަލަ ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމެއްގެ ގޮތުގަ އެވެ. އެހެންވެ މި ފިލްމަކީ ވަރަށް ޝައުގުވެރި އަދި އެހާމަ މޮޅު ފިލްމަކަށް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުނެފައި އެވެ.

"އިންސެޕްޝަން" ގެ ޓްރެއިލާއެއް.

އަންނަ އަހަރުގެ ޖުލައިގައި ރިލީޒްކުރަން ނިންމާފައިވާ ފިލްމުގެ ލީޑް ތަރިންނަކީ ރޮބަޓް ޕެޓިންސަން، އެލިޒަބަތު ޑެބީކީ އަދި ޖޯން ޑޭވިޑް ވޮޝިންޓަނެވެ.

ފިލްމާ ބެހޭ ގޮތުން "ޓްވައިލައިޓް" ގެ ފިލްމުގެ ބަތަލު ޕެޓިންސަން ބުނީ ނޯލަންގެ މި ފިލްމަކީ އޭނާ މިހާތަނަށް ކީ އެންމެ މޮޅު އަދި އެންމެ ފުރިހަމަ ސްކްރިޕްޓް ކަމަށެވެ.

"އަހަރެން އޭތި ކިޔަން ޖެހުނީ ވެސް ކޮޓަރިއެއްގެ ތެރޭގައި ބަންދުވެގެން ހުރެ،" އޭނާ ބުންޏެވެ. "މިއީ ޔަގީނުން ވެސް ސީދާ ހަމަ ނޯލަން ސްޓައިލް އެންމެ ފުރިހަމަ އަށް ފެންނާނެ ފިލްމެއް. އަހަރެން އަންތަރީސްވި މީގެ ސްކްރިޕްޓް ކިޔާފައި."

އޮސްކާ އެވޯޑްސްގައި 8 ކެޓަގަރީއަކުން ނޮމިނޭޓްވެ، ހަތަރު އެވޯޑެއް ގެންދިޔަ "އިންސެޕްޝަން" އަކީ ލިއޮނާޑޯ ޑި ކެޕްރިއޯ ލީޑް ރޯލް ކުޅުނު ފިލްމެކެވެ. މި ފިލްމުގެ ޕްލޮޓް ކުރުކޮށް ސިފަކޮށްދޭ ނަމަ މިއީ މީސްމީހުންގެ ސިކުނޑިން ވައްކަން ކުރާ ޕްރޮފެޝަނަލް ވަގެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ޖުމްލަ 160 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި، ބޮކްސް އޮފީހުގައި 828.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "އިންސެޕްޝަން" އަށް ލިބުނު އޮސްކާގެ ތެރޭގައި ބެސްޓް ސިނަމޮޓޯގްރަފީ، ބެސްޓް ސައުންޑް އެޑިޓިން، ބެސްޓް ސައުންޑް މިކްސިން އަދި ބެސްޓް ވިޝުއަލް އިފެކްޓްސް ހިމެނެ އެވެ.

ނޯލަން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ ދެވަނަ ބޮޑު ހަނގުރާމައިގެ ވާހަކައެއް ކިޔައި ދިން 2017 "ޑަންކާކް" އެވެ.