ކްލިންޓް އީސްޓްވުޑްގެ އާ ފިލްމު ސޭމް ރޮކްވެލް އަށް ހުށަހަޅައިފި

އެޓްލާންޓާގައި 1996 ގައި ބޭއްވި ސަމާ އޮލިޕިކް ގޭމްސްގައި ބޮން ގޮއްވިކަމުގެ ތުހުމަތު ކުރެވުނު އެމެރިކާގެ ކުރީ ފުލުސް އޮފިސަރު އަދި ސެކިއުރިޓީ ގާޑް ރިޗަޑްގެ ވާހަކަ ކިޔައިދޭ ފިލްމު "ދަ ބެލޭ އޮފް ރިޗަޑް ޖުވެލް" މަޝްހޫރު އެކްޓަރު ސޭމް ރޮކްވެލް އަށް ހުށަހަޅައިފި އެވެ.


އޭނާ އަކީ 2017 ގައި ފިލްމު "ތުރީ ބިލްބޯޑްސް އައުޓްސައިޑް އެބިން، މިސޯރީ" އިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އޮސްކާ އެވޯޑް ވެސް ހޯދާފައިވާ އެކްޓަރެކެވެ. ވެރައިޓީން ބުނީ ކްލިންޓްގެ އާ ފިލްމު ސޭމަށް ހުށަހަޅާފައިވާ އިރު، ފިލްމަށް އޭނާ ސޮއިކުރާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

"ދަ ބެލޭ އޮފް ރިޗަޑް ޖުވެލް" އަކީ ކުރިން އެކްޓަރު ލިއޮނާޑޯ ޑި ކެޕްރިއޯއާ އެކު ކްލިންޓް ހަދަން އުޅުނު ފިލްމެކެވެ. އެކަމަކު ފިލްމުގެ އެކްޓަރެއްގެ ގޮތުގައި އޭނާ ހިއްސާ ނުވިޔަސް، މި ފަހަރު ކްލިންޓްގެ ފިލްމު ކުންފުނި މެލްޕެސޯ ޕްރޮޑަކްޝަނުން ހަދާ ފިލްމުގެ ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައި ލިއޮނާޑޯ ހިއްސާވާނެ އެވެ.

"ދަ ބެލޭ އޮފް ރިޗަޑް ޖުވެލް" ގެ އިތުރު ކާސްޓުންނާއި ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. ކްލިންޓް އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސް ދިން ފިލްމަކީ އޭނާ އެކްޓިން އިން ރިޓަޔާ ކުރި ފިލްމުގެ ގޮތުގައި މިދިޔަ އަހަރު ރިލީޒްކުރި "ދަ މިއުލް" އެވެ.

އެޕްރީލް މަހު ރިލީޒް ކުރި "ދަ ބެސްޓް އޮފް އެނެމީޒް" އިން ފެނިގެން ދިޔަ ސޭމްގެ ކުރިއަށް އޮތް ފިލްމަކީ އޮކްޓޯބަރު 18 ގައި ރިލީޒް ކުރާ ޑާކް ކޮމެޑީ "ޖޯޖޯ ރެބިޓް" އެވެ.