ލިއޮނާޑޯ: އޭނާ އެންމެ ބޮޑަށް ވިދައިލީ "ޓައިޓޭނިކް" އަށް ފަހު.
26 އެޕްރީލް 2019 - 06:37
މިދިޔަ އަހަރު އެން މޮޅު ފިލްމުގެ އޮސްކާ އެވޯޑް ހޯދި ޑައިރެކްޓަރު ގްލިމޯ ޑެލް ޓޯރޯގެ ފިލްމު "ދަ ޝޭޕް އޮފް ވޯޓާ" ގެ ފޮލޯއަޕެއް ހަދަން ނިންމައި، އޭގެ ބަތަލުގެ ރޯލް ލިއޮނާޑޯ ޑި ކެޕްރިއޯ އަށް ހުށަހަޅައިފި އެވެ.
ވެރައިޓީން ބުނީ ފޮކްސް ސާޗް ލައިޓުން "ނައިޓްމެއާ އެލީ" ގެ ނަމުގައި ހަދަން ނިންމާފައިވާ ފިލްމު ލިއޮނާޑޯ އަށް ހުށަހެޅި ނަމަވެސް، އޭނާ ފިލްމަށް ސޮއިކުރިކަން އަދި ކަށަވަރު ނޫން ކަމަށެވެ. އެކަމަކު މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ބުންޏެވެ.
ލިޔުންތެރިޔާ ވިލިއަމް ލިންޒީ ގްރެޝަމް 1946 ގައި ގެނެސް ދިން ވާހަކަ "ނައިޓްމެއާ އެލީ" އަށް ބިނާކޮށް ހަދާ ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ "ދަ ޝޭޕް އޮތް ވޯޓާ" ގެ ސްކްރީންޕްލޭ ވެސް ލިޔުނު ޑައިރެކްޓަރު ގްލިމޯ އާއި ކިމް މޯގަން ގުޅިގެންނެވެ.
އެ ވާހަކަ އަށް ބިނާކޮށް 1947 ގައި ވެސް ވަނީ ފިލްމެއް ހަދައިފަ އެވެ. އެޑްމަންޑް ގޯލްޑިން ޑައިރެކްޓް ކުރި ފިލްމުގެ ތަރިންނަކީ ޓައިރޯން ޕަވާ، ޖޮއާން ބްލޮންޑެލް، ކޮލީން ގްރޭ އަދި ހެލެން ވޯކާ އެވެ.
ވެރައިޓީން ބުނި ގޮތުގައި "ނައިޓްމެއާ އެލީ" ގެ އިތުރު ކާސްޓުން ވެސް ވަރަށް އަވަހަށް ފައިނަލްކޮށް، ފިލްމުގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަނަން ވަނީ ނިންމައިފަ އެވެ.
"ދަ ޝޭޕް އޮފް ވޯޓާ" އަކީ 90 ވަނަ އޮސްކާ އެވޯޑްސްގައި 13 ނޮމިނޭޝަން ލިބި، ހަތަރު އެވޯޑް ގެންދިޔަ ފިލްމެކެވެ. އެއީ އެންމެ މޮޅު ފިލްމު، އެންމެ މޮޅު ޑައިރެކްޓަރު، އެންމެ މޮޅު އޮރިޖިނަލް ސްކޯ އަދި އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިިނެވެ.
މި ފިލްމުގެ މައިގަނޑު ތަރިންނަކީ ސެލީ ހޯކިންސް، މައިކަލް ޝެނަން، ރިޗަޑް ޖެންކިންސް، ޑަގް ޖޯންސް، މައިކަލް ސްޓޫލްބާގް އަދި އޮކްޓޭވިއާ ސްޕެންސާ އެވެ.
ދެހާސް ފަނަރައިގައި "ދަ ރިވެނަންޓް" އިން ފެނިގެން ދިޔަ ލިއޮނާޑޯގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ޖުލައި 26 ގައި ރިލީޒް ކުރާ "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy