ތާވަލުކުރި ތާރީހަށް ރިލީޒް ނުކުރެވުނު "ޕީއެމް ނަރެންދުރަ މޯދީ" ގެ ޓްރެއިލާ ޔޫޓިއުބުން ގެއްލިއްޖެ

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދޭ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" މިދިޔަ ބުރާސްފަތި ދުވަހު ރިލީޒް ނުކުރެވި، ފިލްމު ދެން ރިލީޒް ކުރެވޭނީ މިހާރު ކުރިއަށްދާ އާންމު އިންތިހާބުގެ ފަހުން ކަމަށް އިންޑިއާގެ އިލެކްޝަން ކޮމިޝަނުން އެންގުމާ އެކު ފިލްމުގެ ޓްރެއިލާ ވެސް ޔޫޓިއުބުން ގެއްލިއްޖެ އެވެ.


މިކަމާ ބެހޭ އެ ފިލްމުގެ އެއް ޕްރޮޑިއުސަރު ސަންދީޕް ސިންގް ބުނީ ފިލްމަށް ތަކުރާރުކޮށް މައްސަލަތައް ކުރިމަތިވަމުން ގޮސް އެންމެ ފަހުން ޓްރެއިލާ ވެސް ގެއްލުމަކީ އިތުރު ކަންބޮޑުވުމެއް ކަމަށެވެ. އަދި މި މައްސަލާގައި ކޯޓަަށް ދާނެ ކަމަށް ވެސް ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ޕީއެމް ނަރެންދުރަ މޯދީ" ޑިޖިޓަލް ޕާޓްނަރުން ވެސް ވަނީ ފިލްމު ދޫކޮށްލަން ނިންމައިފަ އެވެ.

ޔޫޓިއުބުން ޓްރެއިލާ ގެއްލުމުން ވަރަށް ގިނަ މީޑިއާތަކާއި ފިލްމަށް ލޯބިކުރާ މީހުން އެ ވާހަކަ ސޯޝަލް މީޑިގައި ވެސް ހިއްސާކޮށްފައިވެ އެވެ.

އޮމަންގް ކުމާރު ޑައިރެކްޓްކޮށް، ވިވެކް އޮބެރޯއީ މޯދީގެ ރޯލް ކުޅެފައިވާ ފިލްމު ރިލީޒްކުރުން އީސީން ހުއްޓުވީ އެ ފިލްމަކީ އިންތިހާބާ ދިމާކޮށް، މޯދީ އަށް ކެމްޕޭންކޮށް ދޭން ހަދާފައިވާ ޕްރޮޕެގެންޑާއެއް ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ ކޮންގްރެސް އާއި އިންޑިއާގެން އެހެން ޕާޓީތަކުގެ އިތުރުން ބައެއް ސިޔާސީ އެކްޓިވިސްޓުން އަމިއްލަ ގޮތުން ވެސް ފިލްމު ހުއްޓުވައި ދޭން ހުށަހެޅުމުންނެވެ.

މި މައްސަލަ ބަޔަކު ސްޕްރީމް ކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ ކޯޓުން ވަނީ "ޕީއެމް ނަރެންދުރަ މޯދީ" ރިލީޒް ކުރުން ނުހުއްޓުވޭނެ ކަމަށް އަންގައިފަ އެވެ. އަދި އެގޮތަށް ކޯޓަށް ނިންމުމުން ފިލްމުގެ ޓީމުން އެކަމަށް މަރުހަބާ ވެސް ކިޔާފައިވެ އެވެ.

އެކަމަކު އެންމެ މަތީ ކޯޓުން އެގޮތަށް ނިންމާފައި ވަނިކޮށް ވެސް ފިލްމު ރިލީޒްވިޔަ ނުދީ ހިފަހެއްޓުމުން، ވިވެކް ވަނީ އީސީ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އަދި މި މައްސަލާގައި ބޮލީވުޑުން ފިލްމުގެ ޓީމަށް އެއްވެސް ގޮތަކުން އެހީ ނުވެ، އެކަމާ ބެހޭ ގޮތުން ވާހަކަ ވެސް ނުދައްކާތީ އޭނާ ވަނީ ގިނަ ބަޔަކަށް އިނގިލި ދިއްކޮށްފަ އެވެ.

ސަންދީޕް ބުނި ގޮތުގައި އީސީން ފިލްމު ރިލީޒް ކުރުން ހުއްޓުވީ ފިލްމު ބަލާފައި ވެސް ނޫން ކަމަށެވެ. އެހެންވެ އެ ނިންމުމަކީ އެއްވެސް އަސާސެއްގެ މައްޗަށް ނިންމި ނިންމުމެއް ނޫން ކަމަށް ބުންޏެވެ.

މި މައްސަލާގައި އިތުރު އަޑުއެހުމެއް މި މަހުގެ 22 ވަނަ ދުވަހަށް ވެސް ސުޕްރީމް ކޯޓްގައި ވަނީ ތާވަލުކޮށްފަ އެވެ.

"ޕީއެމް ނަރެންދުރަ މޯދީ" އެންމެ ފުރަތަމަ ރިލީޒް ކުރަން ތާވަލު ކުރީ އާންމު އިންތިހާބު ފަށާ ތާރީހު ކަމަށްވާ މި މަހުގެ 11 ވަނަ ދުވަހުގެ އެއް ދުވަސް ފަހުން މި މަހުގެ 12 ވަނަ ދުވަހު އެވެ. އެކަމަކު ފަހުން މި މަހުގެ 5 އަށް ތާރީހު ބަދަލުކޮށްފައި އަލުން އަނެއްކާ މި މަހުގެ 11 އަށް ފިލްމު ތާވަލު ކުރީ އިންތިހާބުގެ ކުރިން ފިލްމު ރިލީޒް ނުކުރެވޭނެ ކަމަށް އީސީން އެންގުމުންނެވެ.

ނަމަވެސް މިހާރު އީސީން ވަނީ މި ފިލްމުގެ އިތުރުން ސިޔާސީ އެއްވެސް މީހެއްގެ ވާހަކަ އަށް ބިނާކޮށް ހަދާފައިވާ ފިލްމެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ އާންމު އިންތިހާބުގެ ތެރޭގައި ރިލީޒް ނުކުރެވޭނެ ކަމަށް އަންގައިފަ އެވެ.

އެހެންވެ "ޕީއެމް ނަރެންދުރަ މޯދީ" ސިނަމާތަކަށް އަންނާނެ އިރެއް ނޭނގެ އެވެ.