އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހަށް ތާވަލުކޮށްފައި އޮތް، ރިތިކް ރޯޝަންގެ ފިލްމު "ސުޕަ 30" އަނެއްކާ ވެސް ފަސްކޮށްފި އެވެ.
މި ފިލްމަކީ އެންމެ ފުރަތަމަ މި އަހަރުގެ ޖެނުއަރީ މަހުގެ 25 ގައި ރިލީޒް ކުރަން ނިންމި ފިލްމެކެވެ.
ނަމަވެސް ފަހުން ތާރީހު ބަދަލުކޮށް، ޖުލައި 26 ގައި ރިލީޒް ކުރަން ނިންމާފައި ވަނިކޮށް ދެވަނަ ފަހަރަށް ތާރިހު ބަދަލު ކުރަން ޖެހުނީ ލޯބީގެ މައްސަލަގަނޑެއްގައި ރިތިކްގެ ބޮޑު ދުޝްމަނަކަށް ބަދަލުވެފައިވާ ކަންގަނާ ރަނާވަތުގެ ފިލްމު "މެންޓަލް ހޭ ކިޔާ" އެ ތާރީހަށް ތާވަލު ކުރުމުންނެވެ.
އެކްތާ ކަޕޫރް ޕްރޮޑިއުސް ކުރާ އެ ފިލްމު ޖުލައި 26 އަށް ފަސްކުރީ، ކުރިން އަންނަ މަހުގެ 21 ގައި ރިލީޒް ކުރަން ނިންމުމަށް ފަހު އެވެ.
ނަމަވެސް ރިތިކްގެ ފިލްމާ އެއް ދުވަހެއްގައި ކަންގަނާގެ "މެންޓަލް ހޭ ކިޔާ" ރިލީޒް ކުރަން ނިންމުމާ އެކު، އެ ކަމަކީ ބޮކްސް އޮފީހުގައި ކަންގަނާގެ ވަރުގަދަކަން ދައްކައިލާނެ ކަމެއް ކަމަށް ބުނެ، ރިތިކަށް ވަރަށް ހުތުރުކޮށް ކަންގަނާގެ ދައްތަ ރަންގޯލީ ޗަންދެލް ވަނީ ޓްވިޓާގައި ބަހުގެ ހަމަލާތަކެއް ވެސް ފޮނުވައިފަ އެވެ.
އެކަމަށް އިޝާރާތްކޮށް ރިތިކް ކުރި ޓްވީޓެއްގައި ބުނީ މީޑިއާ ޗަރުކޭސްގަނޑެއްގެ ތެރޭގައި އޭނާގެ ފިލްމު ރިލީޒް ކުރަން ބޭނުން ނުވާތީ "ސުޕަ 30" ރިލީޒް ކުރާނެ އާ ތާރީހެއް ކަނޑައަޅައި ދޭން ޕްރޮޑިއުސަރުންގެ ކިބައިން ވެސް އެދިފައިވާ ކަމަށެވެ. އޭނާ އަދި ބުނީ މި ފަހަކަށް އައިސް ބަޔަކު ދިމާކޮށްލައި، އެކި ގޮތްގޮތުން ގޯނާ ކުރަމުންދާ ކަމަށެވެ.
އޭނާ ބުނީ މިހާތަނަށް ވެސް ހުރީ ހިމޭނުން ކަމަށާއި ދެން ވެސް ހުންނާނީ ހިމޭނުން ކަމަށެވެ.
"ސުޕަ 30" ޖެނުއަރީ 25 ގައި ރިލީޒް ނުކުރަން ނިންމި އިރު، އޭރު އެ ފިލްމާ ވާދަކުރަން ނުކުތީ ކަންގަނާގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އެވެ.
ނަމަވެސް ރިތިކްގެ ފިލްމު ލަސްކުރުމުން ކަންގަނާ އަށް އެ ފަހަރު ވެސް ބޮކްސް އޮފީހުގައި ސޯލޯ ރިލީޒަކަށް ދާން ފުރުސަތު ލިބުނު ގޮތަށް ޖުލައި 26 ގައި "މެންޓަލް ހޭ ކިޔާ" ވެސް ރިލީޒްކުރާނީ ވާދަކުރާނެ ބޮޑު ފިލްމެއް ނެތި ސޯލޯކޮށެވެ.
ކަންގަނާގެ ތުރާ މި ފަހުން ބޮލީވުޑްގެ ބައެއް މީހުންނަށް އެކި ގޮތްގޮތުން ކުރިތިވަމުންދާ އިރު، އޭނާގެ ދައްތަ ރަންގޯލީ ފާހަގަ ކުރެވިފައި ވަނީ ކަންގަނާ މީސްމީހުންނާ ދިމާލަށް ކިޔަން ބޭނުންވާހާ އެއްޗެއް ސޯޝަލް މީޑިއާގައި ގޮވަން ހުންނަ ތަރުޖަމާނެއްގެ ގޮތުގަ އެވެ. ކަންގަނާއަކީ އަމިއްލަ އަށް ސޯޝަލް މީޑިއާގެ އެއްވެސް ފްލެޓްފޯމެއް ބޭނުން ކުރާ މީހެއް ނޫނެވެ.
އެހެންވެ އޭނާގެ ގޮވެލިފަތި އަބަދު ވެސް ހައްދުން ނެއްޓޭ މިންވަރަށް ގޮވައި ދެނީ ދައްތަ އެވެ.
"ސުޕަ 30" އާއި "މެންޓަލް ހޭ" ކިޔާ އެއް ދުވަހެއްގައި ރިލީޒް ކުރާކަން އެނގުމާ އެކު ރަންގޯލީ ރިތިކަށް ނިސްބަތްކޮށް ކުރި ޓްވީޓްތަކާ ގުޅިގެން އެކްތާ ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ޓްވީޓްކޮށްފަ އެވެ. އަދި އެފަދަ ހުތުރު ކަންކަން ހުއްޓާލަން ޖެހޭ ކަމަށް ބުންޏެވެ.