މިދިޔަ މަހުގެ ފަހުކޮޅު ޝޫޓިން ފެށި އަކްޝޭ ކުމާރުގެ ފިލްމު "ލަކްޝްމީ ބޮމްބް" ގެ ޑައިރެކްޓަރު ރަގަވާ ލޯރެންސްގެ ފިލްމުގެ ޓީމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، އެ ފިލްމު ދޫކޮށްލައިފި އެވެ.
އޭނާ ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ކުޅުނު ތަމަޅަ ފިލްމު "ކަންޗަނާ" އަސްލަކަށް ބަލައިގެން ހަދާ ފިލްމުގެ ޑައިރެކްޝަނުން އޭނާ ވަކިވީ "ލަކްޝްމީ ބޮމްބް" ގެ ޕޯސްޓަރެއް ވެސް ހޮނިހިރު ދުވަހު ދައްކާލާފައި ވަނިކޮށެވެ.
މިކަމަށް އިޝާރާތްކޮށް ޓްވިޓްކުރި ބަޔާނެއްގައި ރަގަވާ ބުނީ ފިލްމުގެ ޕޯސްޓަރު ވެސް ނެރުނީ އޭނާ ނޭނގި ކަމަށެވެ. އަދި އެއީ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން އޭނާގެ ގަދަރު ކުޑަކޮށްލި އަދި ވަރަށް ހިތުގައި ޖެހުނު ކަމެއް ކަމަށާއި އެ ޕޯސްޓަރާ މެދު ހިތްހަމަ ވެސް ނުޖެހޭ ކަމަށް ބުންޏެވެ. އަދި ޕޯސްޓަރު ނެރުނުކަން އެނގުނީ ތިން ވަނަ މީހެއްގެ ފަރާތުން ކަމަށް ބުންޏެވެ.
"އަހަރެން ބޭނުން ނަމަ ފިލްމުގެ ސްކްރިޕްޓް ވެސް ނުދީ ހިފެހެއްޓި ދާނެ. އަހަރެން ނޯންނާނެ ލަކްޝީ ބޮމްބްގެ ޓީމާ އެކު އެއްވެސް އެއްބަސްވުމެއް ހަދާފައެއް. އެކަމަކު އަކްޝޭ އަށް ކުރާ އިހުތިރާމެއްގެ ސަބަބުން ސްކްރިޕްޓް އޭނާއާ ހަވާލު ކުރާނަން،" ފްރެންޗައިޒެއްގެ ގޮތުގައި މަޝްހޫރުވެފައިވާ "ކަންޗަނާ" ގެ ޑައިރެކްޓަރު ބުންޏެވެ.
ރަގަވާ ބުނީ "ލަކްޝްމީ ބޮމްބް" ދޫކޮށްލުމުގައި ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެކަމަކު ސީދާ ސަބަބު ހާމަ ކުރަން ބޭނުން ނުވާ ކަމަށް ބުންޏެވެ.
"އަހަންނަށް އިހުތިރާމެއް ނެތް ބަޔަކާ އެކީގައި މަސައްކަތެއް ނުކުރެވޭނެ. ތަމަޅަ ހަރު ބަހެއްގައި ވެސް އޮންނާނެ ތިމާ އަށް އިހުތިރާމެއް ނުލިބޭ ގެއަކަށް ނުވަންނާށޭ. އެ އުސޫލުގެ މަތިން އަހަރެން ފިލްމު ދޫކޮށްލީ،" އޭނާ ބުންޏެވެ. "އަހަންނަށް ދެން ވަރިހަމަ ލަކްޝްމީ ބޮމްބްގެ ޓީމުން ބޭނުންވާ މީހަކު ލައިގެން ފިލްމު ހެދިޔަސް."
އަކްޝޭ އާއި ކިއާރާ އަދުވާނީ ލީޑް ރޯލް ކުޅޭ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖޫން، 5، 2020 ގަ އެވެ.
"ލަކްޝްމީ ބޮމްބް" އަކީ އަކްޝޭގެ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސް ޕްރޮޑަކްޝަނާއި ޝަބީނާ އެންޓަޓައިންމަންޓާއި ތުޝާރު އެންޓަޓައިންމަންޓް ހައުސް އަދި ފޮކްސް ސްޓާ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.