ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރިލީޒް ނުކުރެވި ދިގުލައިގެން ގޮސްފައި އޮތުމަށް ފަހު، އަންނަ މަހުގެ 12 އަށް ތާވަލުކޮށްފައިވާ ރިތިކް ރޯޝަންގެ އާ ފިލްމު "ސުޕަ 30" ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި އެވެ.


މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރުގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. "ކްއީން" ގެނެސް ދިން ވިކާސް ބާލް ޑައިރެކްޓްކޮށްފައިވާ "ސުޕަ 30" ގެ ބަތަލާއަކީ މުރުނާލް ތާކޫރެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަމިތު ސާދާއި ޕަންކަޖް ތުރިޕަތީ ހިމެނެ އެވެ.

ދެހާސް ސަތާރައިގައި ރިލީޒް ކުރި "ކާބިލް" އަށް ފަހު ސްކްރީނަށް އަންނަ ރިތިކްގެ ފުރަތަމަ ފިލްމު "ސުޕަ 30" ސިނަމާތަކަށް މި ގެންނަނީ ފިލްމުގެ ޑައިރެކްޓަރު ވިކާސްގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުން އޭނާ ސަލާމަތްވެ، ފިލްމުގެ ޑައިރެކްޓަރުގެ ކްރެޑިޓާ ވެސް އެކީގަ އެވެ. އޭނާގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން ކުރިން އޮތީ ކްރެޑިޓް ނުދޭން ނިންމައިފަ އެވެ.

"ސުޕަ 30" ޓްރެއިލާ ފިތުރު އީދުގައި ދައްކައިލި އިރު، ރިތިކް މި ވަގުތު ހުރީ "ކާބިލް" ޗައިނާގައި ޕްރިމިއާ ކުރަން އެ ގައުމަށް ގޮހެވެ. އެ ފިލްމު ޗައިނާގެ ސިނަމާތަކުގައި ދައްކަން ފަށާނީ މިއަދެވެ.

"ޖަބަރިޔާ ޖޯޅީ" އަނެއްކާ ވެސް ފަސްކޮށްފި

ސިދާތު މަލްއުތުރާ އާއި ޕަރިނީތީ ޗޯޕްޅާ ލީޑް ރޯލުން ފެނިގެންދާ ފިލްމު "ޖަބަރިޔާ ޖޯޅީ" ރިލީޒް ކުރުން އަނެއްކާ ވެސް ފަސްކޮށްފި އެވެ.

މިއީ އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށްފައިވާ ފިލްމު ލަސްކުރި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މިދިޔަ މަހުގެ 17 އިން އަންނަ މަހުގެ 12 އަށް ފަސްކުރި ފިލްމު، މިހާރު ތާވަލުކޮށްފައި ވަނީ އޮގަސްޓް މަހުގެ 2 އަށެވެ.

އެ ތާރީހަށް ފިލްމު ފަސްކުރީ ރިތިކް ރޯޝަންގެ "ސުޕަ 30" ޖުލައި 12 އަށް އަވަސް ކުރުމުންނެވެ. ކުރިން، އަންނަ މަހުގެ 26 ގައި ރިލީޒްކުރަން އުޅުނު އެ ފިލްމު، އަވަސްކުރީ އެކްތާ ޕްރޮޑިއުސްކޮށްފައިވާ "މެންޓަލް ހޭ ކިޔާ" ރިތިކްގެ ފިލްމާ އެއް ދުވަހެއްގައި ރިލީޒް ކުރަން ނިންމުމުންނެވެ.

"ޖަބަރިޔާ ޖޯޅީ" އަކީ ޕްރަޝާންތު ޑައިރެކްޓްކޮށްފައިވާ ކޮމެޑީ ޑްރާމާއެކެވެ. އަދި މި ފިލްމަކީ 2014 ގެ "ހަސީ ތޯ ޕަސީ" އަށް ފަހު، ސިދު އާއި ޕަރީ އެކީގައި ފެންނާނެ ދެވަނަ ފިލްމެވެ.

"ކޮމާންޑޯ 3" އަވަސްކޮށްފި

ކުރިން ސެޕްޓެމްބަރު މަހުގެ 20 ގައި ރިލީޒް ކުރަން އޮތް އެކްޝަން ތުރިލާ "ކޮމާންޑޯ 3" ރިލީޒް ކުރުން އަވަސްކޮށްފި އެވެ.

މިހާރު ތާވަލުކޮށްފައިވާ ގޮތުން ވިދުޔަތު ޖަމްވަލް ވަރުގަދަ އެކްޝަން ކެރެކްޓާއަކުން ފެނިގެންދާ "ކޮމާންޑޯ" ސީރީޒްގެ ތިން ވަނަ ފިލްމު ސިނަމާތަކަށް އަންނާނީ ސެޕްޓެމްބަރު މަހުގެ 6 ގަ އެވެ.

"ކޮމާންޑޯ 3" ގެ ބަތަލާއިންނަކީ ދެވަނަ ބައިން ވެސް ފެނިގެން ދިޔަ އަދާ ޝަރުމާގެ އިތުރުން އަންގިރާ ދާރެވެ. އަދި ގުލްޝަން ދެވިއާ ވެސް ފިލްމުގެ ރޯލަކުން ފެނިގެން ދާނެ އެވެ. "ކޮމާންޑޯ 3" ގެ ޑައިރެކްޓަރަކީ އަދިތިޔާ ދަތު އެވެ.

މި ސީރީޒްގެ ފުރަތަމަ ފިލްމު 2013 ގައި ގެނެސް ދިނުމަށް ފަހު ދެވަނަ ބައި ރިލީޒް ކުރީ 2017 ގަ އެވެ. މިއީ ޑައިރެކްޓަރު ވިޕުލް ޝާހް ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

"ސޫރިޔާވަންޝީ" ގެ ޓީމް ތައިލެންޑްގައި

މިދިޔަ މަހު ޝޫޓިން ފެށި ރޯހިތު ޝެޓީގެ އާ ފިލްމު "ސޫރިޔާވަންޝީ" ގެ ޓީމް، ފިލްމުގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ތައިލެންޑްގައި ނަގަން ފަށައިފި އެވެ.

ފިލްމުގެ ސެޓުން ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. "ސޫރިޔާވަންޝީ" އަކީ އަކްޝޭ ފުލުހެއްގެ ރޯލުން ފެނިގެންދާ ކޮޕް ޑްރާމާއެކެވެ. މި ފިލްމުގެ މައިގަނޑު މަންޒަރުތައް ނަގާނީ ތައިލެންޑާއި އިންޑިއާގެ ގޯއާގަ އެވެ.

ފިލްމުގެ ބަތަލާ ކެޓްރީނާ ކެއިފް ކާސްޓާއި ކްރޫއާ ގުޅޭނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ބާރަތު" މިއަދު ރިލީޒް ކުރުމުންނެވެ.

އަންނަ އަހަރުގެ ފިތުރު އީދަށް ތާވަލުކޮށްފައިވާ "ސޫރިޔާވަންޝީ" އަކީ ރޯހިތާއި ކަރަން ޖޯހަރު ގުޅިގެން ހަދާ ދެވަނަ ފިލްމެވެ. އެ ދެ މީހުން އެކީގައި ގެނެސް ދިން ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ "ސިމްބާ" އެވެ.