ސައިފް އަލީ ހާންގެ "ޖަވާނި ޖާނެމަން" އަންނަ ނޮވެމްބަރު މަހު ސިނަމާތަކަށް ގެންނަން ނިންމައިިފި އެވެ.
މި މަހުގެ ތެރޭގައި ލަންޑަނުގައި ޝޫޓިން ފަށާ ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 29 ގަ އެވެ. މި ފިލްމަކީ ސައިފްގެ ފިލްމު ކުންފުނި ބްލެކް ނައިޓް ފިލްމްސްގެ އަލަތު ފިލްމެވެ. އަދި ފިލްމުގައި ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓައިންމަންޓާއި ނަދަން ލައިޓް ފިލްމްސް ހިއްސާ ވާނެ އެވެ.
"ޖަވާނި ޖާނެމަން" އަކީ ބައްޕައަކާއި ޒުވާން އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމުން ސައިފް ދަރިއެއްގެ ގޮތުގައި ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ އަންހެން ދަރިފުޅު އަލައިއާ ފަރުނީޗަރުވާލާ ބޮލީވުޑަށް ތައާރަފު ކުރާނެ އެވެ.
މި އަހަރު "ނޯޓްބުކް" ގެނެސް ދިން ނިތިން ކައްކަރު ޑައިރެކްޓް ކުރާ ފިލްމުގެ ޝޫޓިން ލަންޑަނުގައި ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަ އިރު، ސައިފް މި ވަގުތު ހުރީ ޗުއްޓީއެއްގައި އަންހެނުން ކަރީނާ ކަޕޫރާއި ދަރިފުޅު ތައިމޫރާ އެކު އިޓަލީގަ އެވެ.
އެ ދަތުރު ނިންމައިލުމަށް ފަހު "ޖަވާނި ޖާނެމަން" ގެ ޝޫޓިން ފަށާނެ އެވެ. މި ފިލްމަށް ސައިފް ވަނީ ބޯ ވެސް ތުނިކޮށް ކޮށާލައި، ބަރުދަން ވެސް ލުއިކޮށްފަ އެވެ.
"2.0" ޖުލައިގައި ޗައިނާ އަށް
މިދިޔަ އަހަރު ރިލީޒްކުރި ރަޖްނީކާންތުގެ ސައިންސް ފިކްޝަން ފިލްމު "2.0" ޗައިނާގައި ދައްކަން ނިންމައިފި އެވެ.
އިންޑިއާގައި މިހާތަނަށް ހެދި އެންމެ އަގު ބޮޑު ފިލްމު ޗައިނާގައި ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ގަ އެވެ. އެގޮތުން ޗައިނާ ބަހުން ހަދާފައިވާ ޕޯސްޓަރުތަކެއް ވެސް މިހާރު އަންނަނީ މީޑިއާތަކުގައި ދައުރުވަމުންނެވެ.
ޝަންކަރު ޑައިރެކްޓްކޮށްފައިވާ ފިލްމު އެ ގައުމުގެ 56،000 ސިނަމާއެއްގައި ދައްކާ އިރު، އޭގެ ތެރެއިން 47،000 ސިނަމާއަކީ 3ޑީ ސިނަމާތަކެވެ.
އަކްޝޭ ކުމާރު ނެގަޓިވް ރޯލަކުން ފެނިގެން ދިޔަ "2.0" އަކީ ޝަންކަރު 2010 ގައި ގެނެސް ދިން "ރޮބޮޓް" ގެ ދެވަނަ ބައެވެ. ފުރަތަމަ ބައިގައި އައިޝްވާރިޔާ ރާއީ ބަތަލާގެ ރޯލް ކުޅުނު އިރު، "2.0" ގެ ބަތަލާއަކީ އެމީ ޖެކްސަނެވެ.
"ޗަޕާކް" ގެ ޝޫޓިން ނިންމާލައިފި
މިދިޔަ މާޗް މަހުގެ 24 ވަނަ ދުވަހު ޝޫޓިން ފެށި ދީޕިކާ ޕަދްކޯންގެ ފިލްމު "ޗަޕާކް" ގެ ޝޫޓިން ނިންމާލައިފި އެވެ.
މެގްނާ ގުލްޒާޒު ޑައިރެކްޓް ކުރާ ފިލްމުގެ ޝޫޓިން ނިންމައިލިކަން ފިލްމުގެ ޓީމާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރަމުން ދީޕިކާ ބުނީ މިއީ އޭނާގެ ކެރިއަރުގެ އެންމެ އަގުހުރި ފިލްމު ކަމަށެވެ. "ޗަޕާކް" އަޕީ ދީޕިކާ ބަތަލާގެ ރޯލް ކުޅުމުގެ އިތުރަށް، ޕްރޮޑިއުސް ކުރާ އަލަތު ފިލްމު ވެސް މެ އެވެ.
މި ފިލްމަކީ އެސިޑްގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.
ވިކްރާންތު މަސޭ ބަތަލުގެ ރޯލުން ފެނިގެންދާ "ޗަޕާކް" ސިނަމާތަކަށް އަންނާނީ ޖެނުއަރީ، 10، 2020 ގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ޝޫޓިން ނިމުމަކަށް އައިސްފައިވާތީ ދީޕިކާ ދެން މިސްރާބު ޖަހާނީ ލަންޑަނަށެވެ. ސަބަބަކީ ފިރިމީހާ ރަންވީރު ސިންގްގެ އާ ފިލްމު "83" ގެ ޝޫޓިން ބުދަ ދުވަހުން ފެށިގެން އެ ގައުމުގައި ކުރިއަށް ދިއުމެވެ. އެހެންވެ އޭނާއާ އެކު ވަގުތު ހޭދަ ކުރަން ދީޕިކާ ލަންޑަނަށް ދަނީ އެވެ.
ބަޖާޖް އަންނާކަށް ދެން މާ ގިނަ ދުވަހެއް ނެތް
ސްޓާ ޕްލަސް އިން މިހާރު ގެނެސްދޭ "ކަސޯޓީ" ގެ އާ ސީޒަނުގައި ބަޖާޖްގެ ކެރެކްޓާ ބެލުންތެރިންނަށް ގެނެސްދޭކަން ދެން މާ ގިނަ ދުވަހެއް ނެތެވެ.
ސިލްސިލާގެ އާ ޕްރޮމޯއަކާ އެކު މިހާރު ވަނީ ބެލުންތެރިންގެ ހިތްތައް ވެސް ތަޅުވާލައިފަ އެވެ. މޫނު ދައްކާ ނުލައި، ބަޖާޖް ސިލްސިލާ އަށް އަންނަ މަންޒަރު އާ ޕްރޮމޯ އިން ދައްކައިލި އިރު، އޭގައި ފެންނަނީ ޕްރޭނާ އާއި އަނޫރާގްގެ ކައިވެނީގެ ހަފުލާގެ ތެރެއަށް ބަޖާޖް އަންނަ ތަނެވެ.
މި ފަހަރު ބަޖާޖުގެ ރޯލުން ފެންނާނީ ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ އެވެ. އެކަން ޕްރޮޑިއުސަރު އެކްތާ ކަޕޫރާއި ސްްޓާ ޕްލަސް އިން އެންމެ ފަހު ވަގުތާ ހަމައަށް ސިއްރުކޮށްގެން އުޅުނަސް އެކަން ކަށަވަރު ކަމަށް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.
ޔަގީނުން ވެސް ބަޖާޖްގެ ކެރެކްޓާ "ކަސޯޓީ" އަށް އައުމަކީ މީގެ ވާހަކަ އަށް ބޮޑެތި ޓްވިސްޓަތެއް އަންނާނެ ކަމެކެވެ.