ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަމީތާބް ބައްޗަން 1985 ގައި ކުޅުނު ފިލްމު "މަރުދު" ގެ ނަމުގެ ރައިޓްސް ހޯދައިގެން، އެކްޓަރު ރަންދީޕް ހޫޑާ އެ ނަމުގައި ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.


މި ޒަމާނުގެ ލޯބީގެ ވާހަކައަކަށް ބިނާކޮށް ހަދާ ފިލްމުގައި އޭނާއެކު ބަތަލާގެ ރޯލް ކުޅޭނީ ކާކު ކަމެއް އަދި ނޭނގެ އެވެ. އެކަމަކު "މަރުދު" ގެ ޝޫޓިން އަންނަ ނޮވެމްބަރު މަހު ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ 2014 ވަނަ އަހަރު ކަންގަނާ ރަނާވަތުގެ "ރިވޯލްވާ ރާނީ" ގެނެސް ދިން ސައީ ކަބީރެވެ.

އަންނަ އަހަރު ރިލީޒް ކުރާ "މަރުދު" ގެ ޝޫޓިން ފަށަން ރަންދީޕް ތައްޔާރުވަމުން އަންނަ އިރު، މިދިޔަ ހަފުތާގައި އޭނާ ވަނީ އިމްތިއާޒް އަލީގެ "އާޖް ކަލް" ގެ ޝޫޓިން ނިންމާލައިފަ އެވެ. އެ ފިލްމުގައި އޭނާ ފެނިގެން ދާނީ ކާތިކް އާރިޔަން އާއި ސާރާ އަލީ ހާނާ އެކީގަ އެވެ.

"އާޖަލް ކަލް" ރިލީޒް ކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ 14 ގަ އެވެ.

"ބާގީ 3" ގެ ރޯލަކަށް ރިތޭޝް

މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ޓައިގާ ޝްރޮފްގެ އެކްޝަން ފްރެންޗައިޒް "ބާގީ 3" ގެ ރޯލަކަށް ރިތޭޝް ދޭޝްމުކް ސޮއިކޮށްފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު ހާން ޑައިރެކްޓް ކުރާ ފިލްމުގައި މި ފަހަރު ޓައިގާއާ އެކު ބަތަލާގެ ރޯލް ކުޅޭނީ "ބާގީ" ގެ ފުރަތަމަ ބައިގައި ވެސް ބަތަލާގެ ރޯލް ކުޅުނު ޝްރަދާ ކަޕޫރެވެ. ޝްރަދާ އާއި ރިތޭޝް މީގެ ކުރިން ވަނީ 2014 ގެ "އޭކް ވިލަން" ގައި މަސައްކަތްކޮށްފަ އެވެ. އެ ފިލްމުގައި އޭނާ ކުޅުނީ ނުބައިބައި ރޯލެކެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ "ބާގީ 3" ގައި ރިތޭޝް ކުޅޭނީ ކޮން ކަހަލަ ކެރެކްޓާއެއްކަން އަދި ނޭނގުނަސް، އޭނާ ވެސް ވަރުގަދަ އެކްޝަން މަންޒަރުތަކުން ފެންނާނެ ކަމަށް ބުންޏެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސް ކުރާ ފިލްމު ސިނަމާތަކަށް އަންނާނީ މާޗް، 6، 2020 ގަ އެވެ.

ރިތޭޝްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އޮކްޓޯބަރު 2 ގައި ރިލީޒް ކުރާ މިލަޕް މިލަން ޒަވޭރީގެ "މަރުޖާވާ" އެވެ. ސިދާތު މަލްއުތުރާ އާއި ތާރާ ސުތާރިއާ އަދި ރަކުލް ޕްރީތު ސިންގް ލީޑް ރޯލް ކުޅޭ ފިލްމުން ރިތޭޝް ފެންނާނީ އިސްކޮޅުން ކުރު ވިލަންއެއްގެ ރޯލުންނެވެ.

"ބޫލް ބުލައްޔާ 2" އަށް ތަފާތު ކާސްޓެއް

ދެހާސް ހަތެއްގައި ރިލީޒް ކުރި ހޮރޯ ކޮމެޑީ "ބޫލް ބުލައްޔާ" ގެ ދެވަނަ ބައި ހަދަން ތައްޔާރުވަމުން އަންނަ އިރު، މި ފަހަރު ފިލްމުގެ ކާސްޓުން ތަފާތު ވާނެ ކަމަށް ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފި އެވެ.

އަކްޝޭ ކުމާރު އެންމެ މުހިއްމު އެއް ކެރެކްޓާ ކުޅުނު ފިލްމުގެ ދެވަނަ ބަޔަށް މިހާރު ޒުވާން ހަތަރު އެކްޓަރަކު ޝޯޓްލިސްޓްކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. އެއީ އަޔޫޝްމަން ކުރާނާ، ރާޖްކުމާރު ރާއޯ، ވިކީ ކޯޝަލް އަދި ކާތިކް އަރިޔަން އެވެ.

ކުރިން ޕްރިޔާދަރުޝަން ޑައިރެކްޓް ކުރި ފިލްމުގެ ދެވަނަ ބައި ލިޔެ، މި ފަހަރު ޑައިރެކްޓް ކުރާނީ ފަރުހާދު ސަމްޖީ އެވެ.

"ބޫލް ބުލައްޔާ" ގެ މުހިއްމު ތަރިންނަކީ އަކްޝޭއާ އެކު ވިދިޔާ ބާލަން، ޝައިނީ އަހޫޖާ އަދި އަމީޝާ ޕަޓޭލް އެވެ.

ސިދާންތު "އަލައްދިން" އަށް އޮޑިޝަން ހެދި

ޑިޒްނީން މިދިޔަ މަހު ރިލީޒް ކުރި "އަލައްދިން" ގެ ލައިވް-އެކްޝަން ފިލްމުގެ ބަތަލާ ޖޭޒްމިންގެ ރޯލަށް އޮޑިޥަން ހަދާފައިވާ ކަމަށް "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ބަތަލާ ތާރާ ސުތާރިއަ ބުނެފައި ވަނިކޮށް، އަލައްދިންގެ ރޯލަށް އޮޑިޝަން ހެދި ކަމަށް ސިދާންތު ޗަތުރަވެދީ ބުނެފި އެވެ.

ސިދާންތަކީ ފެބްރުއަރީ މަހު ރިލީޒް ކުރި ރަންވީރު ސިންގްގެ "ގަލީ ބޯއި" އިން ތައާރަފުވި އެކްޓަރެކެވެ. އޭނާ ބުނީ އަލައްދިންގެ ރޯލަށް އިންޑިއާ އިން އޮޑިޝަން ހަދައި، ޝޯޓްލިސްޓް ކުރި 20 އެކްޓަރުންގެ ތެރޭގައި ވެސް ހިމެނުނު ކަމަށެވެ. އެކަމަކު އެ ރޯލް ކުޅެން ނުލިބުނީ އަލައްދިންގެ އެކްސެންޓް އިންޓަނެޝަނަލް ކުރަން ބޭނުންވުމުން ކަމަށް އޭނާ ބުންޏެވެ.

ގައި ރިޗީ ޑައިރެކްޓް ކުރި "އަލައްދިން" ގެ ޓައިޓްލް ރޯލް ކުޅުނީ މިސްރަށް އުފަން ކެނެޑާގެ އެކްޓަރު މޭނާ މައްސޫދެވެ.

"ގަލީ ބޯއި" ގައި ސިދާންތު ކުޅުނު ރެޕާއެއްގެ ރޯލުން ގިނަ ބައެއްގެ ސަމާލުކަން އޭނާ ހޯދާފައިވާ އިރު، ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމު ގެނެސް ދިން އެކްސެލް އެންޓަޓައިންމަންޓްގެ އާ ފިލްމެއްގެ ލީޑް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ ފިލްމު ޑައިރެކްޓް ކުރާނީ 2017 ގައި ސްރީދޭވީގެ "މޯމް" ގެނެސް ދިން ރަވީ އުދޭވަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.