"ދައުވަތު" ގެ ވަދާއީ ޝޯތައް ހަފުތާ ބަންދުގައި

އޮލިމްޕަސް ސިނަމާގައި މިހާރު ދައްކަމުން އަންނަ ވީ މީޑިއާގެ ފިލްމު "ދައުވަތު" ގެ ވަދާއީ ޝޯތައް މި ހަފުތާ ބަންދުގައި ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.


ހުކުރާއި ހޮނިހިރު ދުވަހުގެ ރޭ ޝޯގެ ޓިކެޓް މިހާރު ވިއްކަމުން އަންނަ "ދައުވަތު" އަކީ މި މަހުގެ 12 ވަނަ ދުވަހު ރިލީޒް ކުރި ފިލްމެކެވެ.

ވީ މީޑިއާގެ ފުރަތަމަ ފީޗާ ފިލްމު "ދައުވަތު" އަކީ މަޝްހޫރު އެކްޓަރު ޔޫސުފް (ޔޫއްޕެ) ޝަފީއު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މިއީ ދެމަފިރިއަކު ދުރުކުރަން ސިހުރު ހެދުމުން ކުރިމަތިވާ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ.

"ދައުވަތު" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ އަހުމަދު (އާނަންދު) އީސަ އާއި މަރިޔަމް އައްޒަގެ އިތުރުން އަލީ (ދޮންއައްޔަ) އާޒިމެވެ.

އޮލިމްޕަހުގައި ކުރިއަށް ހުރީ ފިލްމުގެ ވަދާއީ ޝޯތައް ކަމަށް ވިޔަސް، ރާއްޖޭގެ އެކި ރަށްރަށުގައި ވެސް ފިލްމު މިހާރު އަންނަނީ އަޅުވަމުންނެވެ. އެގޮތުން މިހާތަނަށް ބައެއް ރަށްރަށުގައި އަޅުވައިގެން ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

ވީ މީޑިއާ އިން ބުނި ގޮތުގައި އަމާޒަކީ ވެސް ވީހާ ވެސް ގިނަ ރަށެއްގައި ފިލްމު ދެއްކުމެވެ. އަދި ފިލްމަށް އާންމުން ދިން ބޮޑު ތަރުހީބާ ގުޅިގެން "ދައުވަތު" ގެ އިތުރު ބައެއް ވެސް ފެނިދާނެކަމުގެ އިޝާރާތެއް ފިލްމުގެ ޓީމުން ދީފައިވެ އެވެ.

މި ފިލްމަކީ މި އަހަރު އެޅުވި ފަސް ވަނަ ފިލްމެވެ. ދެން އެންމެ އަވަހަށް އޮލިމްޕަހަށް އަންނާނީ އަންނަ މަހުގެ 1 ގައި އަޅުވާ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ކޮމެޑީ ފިލްމު "މާމުއި" އެވެ.