އަހަރެންގެ ޖީލުގެ އެކްޓަރުންނަށް އަދިވެސް ބޮލީވުޑްގައި ރަސްކަން ކުރެވިދާނެ: ސަލްމާން ހާން

މަޝްހޫރުކަން ގެއްލި ތަރި އޮއްސިދާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު އޭނާގެ ޖީލަށް ނިސްބަތްވާ އެކްޓަރުންނަށް އަދިވެސް ބޮލީވުޑްގައި އަހަރުތަކެއް ވަންދެން ހިފަހައްޓާލެވިދާނެ ކަމަށް ސަލްމާން ހާން ބުނެފި އެވެ.


ފިލްމްފެއާ އަށް، 53 އަހަރުގެ އެކްޓަރު ދިން އިންޓަވިއުއެއްގައި ބުނީ އަބަދުވެސް މަސައްކަތް ކުރަނީ ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ފިލްމުތައް ކުޅެން ކަމަށެވެ. އަދި ބުރަކޮށް މަސައްކަތްކުރަން އަބަދުވެސް ބޭނުންވާ ކަމަށް ބުންޏެވެ.

އެގޮތުން އޭނާ އާއި އާމިރު ހާނާއި ޝާހްރުކް ހާނާއި އަޖޭ ދޭވްގަންގެ އިތުރުން އަކްޝޭ ކުމާރަކީ އަބަދު ވެސް ވަރަށް ބުރަކޮށް މަސައްކަތްކުރާ ތަރިން ކަމަށް ސަލްމާން ބުންޏެވެ.

"އަހަރެމެން ހޯދި ކާމިޔާބީ އަކީ ބުރަ މަސައްކަތުން ހޯދި އަދި އެ ކާމިޔާބީތައް ދަމަހައްޓަން ލައްކަ ގިނަ ދުވަހު ކުރި ހިތްވަރުން ހޯދުނު ކާމިޔާބީތަކެއް،" އޭނާ ބުންޏެވެ. "އެހެންވެ އަދިވެސް އަހަރެން ގަބޫލުކުރަނީ އަހަރުތަކެއް ވަންދެން އަހަރެންގެ ޖީލު އެކްޓަރުންނަށް ބޮލީވުޑްގައި ރަސްކަން ކުރެވިދާނެ ކަމަށް."

ސަލްމާން މި މޭރުމަކުން ވާހަކަ ދެއްކި ނަމަވެސް ގިނަ ބަޔަކު އޭނާ އާއި ޝާހްރުކް ސިފަކުރަނީ އަބަދު އެއްކަހަލަ ފިލްމުތައް ކުޅޭ އަދި ފޭނުންގެ ނާޖާއީޒު ފައިދާ ނަގައިގެން، އެ މީހުން ގުނބޯ ހައްދަން މަސައްކަތް ކުރާ ދެ އެކްޓަރުންގެ ގޮތުގަ އެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ މި ފަހުން އެ ދެ ތަރިންގެ ފިލްމުތަކެއް ބެލުންތެރިން ބަލައި ނުގަތުމެވެ.

އެގޮތުން ޝާހްރުކް މި ފަހުން ކުޅުނު ހުރިހާ ފިލްމުތަކެއް ޕްލޮޕްވެފައިވާ އިރު، ސަލްމާން މި ފަހުން ކުޅުނު ފިލްމުތަކުގެ ތެރެއިން 2017 ގެ "ޓިއުބްލައިޓް" އާއި މިދިޔަ އަހަރު ރިލީޒް ކުރި "ރޭސް 3" އަކީ ވަރަށް ފީކަޅާ ފިލްމުތަކެއްކަން ބެލުންތެރިންނާއި ކްރިޓިކުން ވެސް ފާހަގަކޮށްފައިވެ އެވެ.

ޝާހްރުކަށް ކުރިމަތިލާން ޖެހިފައިވާ ނާކާމިބީތަކާ ގުޅިގެން އޭނާގެ ފިލްމީ ކެރިއަރު ވެސް މިހާރު އޮތީ ސުވާލު މާކެއްގެ ތެރޭގަ އެވެ. އަދި އާމިރު އެންމެ ފަހުން ކުޅުނު "ތަގްސް އޮފް ހިންދުސްތާން" ބޮޑު ތަނުން ބޮކްސް އޮފީހުގައި ފޭލިވުމަކީ އޭނާގެ ތަރި ވެސް އޮއްސުމުގެ ނިޝާނެއް ކަމަށް ފިލްމީ މަސްރަހު ދިރާސާ ކުރާ މީހުން ބުނެ އެވެ.

ދުވަސްވީ އެކްޓަރުންގެ ތެރެއިން އަބަދު ވެސް ތަފާތު އެކި ވައްތަރުގެ ފިލްމުތައް ކުޅޭ އަދި އުމުރާ ވެސް ގުޅޭ ކަހަލަ ރޯލްތައް ކުޅެގެން ބެލުންތެރިންގެ ލޯބި ހޯދާ ދެ އެކްޓަރުންނަކީ އަޖޭ އާއި އަކްޝޭ ކުމާރެވެ. އަދި މި ދެ ތަރިންނަކީ މިހާރު ވެސް ބޮލީވުޑްގައި ތިބި އެންމެ ބިޒީ އަދި އެންމެ ޑިމާންޑް ބޮޑު ދެ ތަރިންނެނެވެ.