މިސްރުން ލިބުނު ތަރުހީބުން ހަރުބީ ހެއްވާލައިފި

ހަރުބީއަކީ ރާއްޖޭގެ ބޮޑުބެރުގައި ނަގާ ކިޔާ އެންމެ ވަރުގަދަ އެއް ގްރޫޕެވެ. ދިވެހިންގެ މެދުގައި ހަރުބީގެ މަގުބޫލުކަން ކިތަންމެހާ ވެސް ބޮޑެވެ. އެކަމަކު ރާއްޖޭން ބޭރުގައި ހަރުބީގެ ނަން ގުގުމާލައިފިއޭ ބުނެފި ނަމަ ހާއްސަ ކަމަކަށް ވެދާނެ އެވެ. ދިވެހި ބޮޑުބެރުގެ ރަހަތަކާއި ވައްޓަފާޅި ރާއްޖޭން ބޭރުގައި ބީރައްޓެހި އެއްޗަކަށް ވެދާނެ އެވެ.


މިސްރުގައި އޮތް ފެސްޓިވަލެއްގައި ބައިވެރިވުމަށް ފަހު ފޮނި އަދި އެހާމެ ތަޖުރިބާ ލިބުނު ދަތުރަކަށް ފަހު ހަރުބީ މިހާރު ވަނީ އެނބުރި އައިސްފަ އެވެ.

މިސްރުގެ އިސްމައިލިއާ ސިޓީގައި މި މަހުގެ 3-9 އަށް ބޭއްވި "އިސްމައިލިއާ އިންޓަނެޝަނަލް ފޯކްލޯރް ފެސްޓިވަލް" އަކީ ހަރުބީ އަށް މުޅިން އާ ތަޖުރިބާއެކެވެ. މި ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެއްގޮތަކަށް ވެސް ހަރުބީން ކުރިން އުންމީދު ކުރި ކަމެއް ވެސް ނޫނެވެ.

އިސްމައިލިއާގެ މޭޔަރު ހަރުބީ އަށް ހަނދާނީ ހަދިޔާއެއް އަރުވަނީ. ފޮޓޯ: ހަރުބީ

އެކަމަކު ހަރުބީގެ ހުނަރުތައް ފެސްޓިވަލް އިންތިޒާމް ކުރާ ފަރާތަށް ފެނިގެން ތަނަވަސްވި ފުރުސަތުގެ ބޭނުން ހަރުބީން ވަނީ އެންމެ ފުރިހަމަ ގޮތުގައި ހިފައިފަ އެވެ.

ރާއްޖެ ކަހަލަ ކުޑަކުޑަ ގައުމެއްގެ ސަގާފަތާއިގެން ހަރުބީ މިސްރަށް ދިޔައީ ބޭރުގެ ވަރަށް ގިނަ ފަންނާނުންގެ ހުށަހެޅުންތައް ފެސްޓިވަލުން ފެންނާނެ ކަމަށް ވެސް އުންމީދުކޮށްގެންނެވެ. ކަންތައްވީ ވެސް އެހެންނެވެ. ފެސްޓިވަލްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 14 ގްރޫޕަކުން އެ މީހުންގެ ހުށަހެޅުންތައް ދައްކާލި އެވެ.

އޭގެ ތެރޭގައި އިންޑިއާ، އިންޑޮނީޝިއާ، ރަޝިއާ، ޖޯޑަން،. ފަލަސްތީން އަދި އަލްޖީރިއާ ފަދަ ގައުމުތައް ހިމެނެ އެވެ.

ހަރުބީގެ ފަރާތުން އިސްމައިލިއާގެ މޭޔަރަށް ހަނދާނީ ހަދިޔާއެއް އަރުވަނީ. ފޮޓޯ: ހަރުބީ

ހަރުބީން ބުނީ މުޅި ފެސްޓިވަލަށް ބަލާ އިރު ވެސް އެ ގްރޫޕްކީ އެންމެ ތަފާތު ބޮޑު ހުށަހެޅުންތައް ދައްކާލި ގްރޫޕްކަން ފެސްޓިވަލް ބެލި ގިނަ ބަޔަކު ފާހަގަ ކުރި ކަމަށެވެ. އެހެންވެ ހަރުބީ އަށް އާދަޔާހިލާފު ސަޕޯޓެއް ލިބިގެން ދިޔަ އެވެ.

"މިއީ ވަރަށް ތަފާތު ތަޖުރިބާއެއް. ފެސްޓިވަލްގެ ތެރެއިން ރާއްޖެ ޕްރޮމޯޓް ކުރަން ވެސް އަހަރެމެން ވަރަށް ބޮޑަށް މަސައްކަތް ކުރިން. އެހެންވެ މި ފުރުސަތު ލިބުނުކަމަށްޓަކައި މި ހިސާބަށް އަންނަން އެހީތެރިވެ ދިން ހުރިހާ ފަރާތްތަކަށް ޝުކުރު ވެސް އަދާ ކުރަން،" ހަރުބީގެ މެނޭޖަރު މުހައްމަދު ޝާފިއު ބުންޏެވެ.

ހަރުބީން ފެސްޓިވަލްގައި ބައިވެރިވުމުން ލިބުނު ހަނދާނީ ލިޔުމާ އެކު މަންޑޭ. ފޮޓޯ: ހަރުބީ

"އިސްމައިލިއާ އިންޓަނެޝަނަލް ފޯކްލޯރް ފެސްޓިވަލް" އަކީ ހަރުބީގެ ކެރިއަރުގައި ކުރިއަށް އެޅުނު ފިޔަވަޅެކެވެ. އެހެންވެ ގްރޫލްގެ މެމްބަރުން ތިބީ ވަރަށް އުފަލުންނެވެ. ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ ބޮޑު ބެރާ އެކު ސަގާފީ ހުށަހެޅުންތައް ބޭރުގައި ދައްކާލަން ހަރުބީ އޮތީ ތައްޔާރަށެވެ.

ފެސްޓިވަލްގައި ބައިވެރިވުމުން ހަރުބީ އަށް ވަނީ ހަނދާނީ ލިޔުމަކާ އެކު އިސްމައިލިއާ ސިޓީގެ މޭޔަރުގެ ފަރާތުން ހާއްސަ ހަނދާނީ ހަދިޔާއެއް ވެސް ލިބިފަ އެވެ. އަދި ހަރުބީގެ ފަރާތުން ވެސް މޭޔަރަށް ހަދިޔާއެއް އެރުވި އެވެ.