ފާއިތުވި އެއް އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެކްޓަރަކީ ރޮކް

ފާއިތުވި އެއް އަހަރުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް މުޅި ދުނިޔެއިން ލިބުނު އެކްޓަރަކީ ހޮލީވުޑްގެ އެކްޓަރު ޑްވޭން (ރޮކް) ޖޯންސަން ކަމަށް ފޯބްސް އިން ބުނެފި އެވެ.


ޖޫން 1، 2018 އިން ޖޫން 1، 2019 އަށް އެކްޓަރުންނަށް ލިބުނު އާމްދަނީގެ ލިސްޓް ތަރުތީބުކޮށް، ފޯބްސް އިން އާންމުކުރި ލިސްޓްގައިވާ ގޮތުން ކުރީގެ ރެސްލިން ތަރި އަދި ދާދި ފަހުން ކައިވެނިކުރި ރޮކަށް ފާއިތުވި އެއް އަހަރު އާމްދަނީގެ ގޮތުގައި ގޮތުގައި 89.4 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ހޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ޑިމާންޑް ވެސް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރޮކް، 47، އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ 2 ގައި ރިލީޒްކުރި "ހޮބްސް އެންޑް ޝޯ" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ޑިސެންބަރު މަހުގެ 13 ގައި ރިލީޒްކުރާ "ޖުމާންޖީ: ދަ ނެކްސްޓް ލެވެލް" އެވެ.

ފާއިތުވި އެއް އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި 10 އެކްޓަރުންނަށް ބަލާ އިރު، ލިސްޓްގެ ދެވަނާގައި އޮތީ 76.4 މިލިއަން ޑޮލަރާ އެކު ކްރިސް ހެމްސްވޯތެވެ. ތިން ވަނައިގައި އޮތީ 66 މިލިއަން ޑޮލަރާ އެކު ރޮބަޓް ޑައުނީ ޖޫނިއާ އެވެ.

ލިސްޓްގެ ހަތަރު ވަނަ ލިބުނީ ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރަށެވެ. އޭނާގެ އާމްދަނީއަކީ 65 މިލިއަން ޑޮލަރެވެ. އަކްޝޭއަކީ މި އަހަރުގެ ލިސްޓްގައި ހިމެނުނު ހަމައެކަނި ބޮލީވުޑްގެ އެކްޓަރު ވެސް މެ އެވެ.

ޗައިނާ އަށް އުފަން ޗެކީ ޗެން އަށް 58 މިލިއަން ޑޮލަރާ އެކު ލިސްޓްގެ ފަސް ވަނައިން ޖާގަ ލިބުނު އިރު، ހަ ވަނައިގައި ދެ އެކްޓަރަކު ލައްވައިލި އެވެ. އެއީ 57 މިލިއަން ޑޮލަރުގެ އާމްދަނީއާ އެކު ބްރެޑްލީ ކޫޕާ އާއި އެޑަމް ސޭންޑްލާ އެވެ.

ލިސްޓްގެ އަށެކުން ކްރިސް އިވަންސް އަށް 43.5 މިލިއަން ޑޮލަރާ އެކު، ޖާގަ ލިބުނު އިރު، ނުވަ ވަނައިގައި އޮތީ 41 މިލިއަން ޑޮލަރާއެކު ޕޯލް ރޮޑެވެ. ލިސްޓްގެ ފުލުން ވިލް ސުމިތަށް ޖާގަ ލިބުނީ 35 މިލިއަން ޑޮލަރުގެ އާމްދަނީއާ އެކީގަ އެވެ.