ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"ރާޒް" އާއި "ހޯންޓެޑް" ފަދަ ކާމިޔާބު ބިރުވެރި ފިލްމުތަކެއް އުފެއްދި ޑައިރެކްޓަރު ވިކްރަމް ބަޓް އަނެއްކާ ވެސް ބެލުންތެރިންނަށް ބިރުވެރި ފިލްމެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.


އަންނަ މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރާ ފިލްމުގެ ނަމަކީ "ގޯސްޓް" އެވެ. މި ފިލްމުގެ ލީޑް ތަރިންނަކީ ސްޓާ ޕްލަސްއިން ކުރިން ގެނެސްދިން މަގުބޫލު ސިލްސިލާ "އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫ" އިން މަޝްހޫރުވި ބަތަލާ ސަނާޔާ އިރާނީ އާއި ޝިވަމް ބަރްގާވް އެވެ.

"ގޯސްޓް" އަކީ އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ޕޯސްޓަރު ވެސް މިހާރު ދައްކާލާފައިވާ އިރު ވަރަށް އަވަހަށް ޓްރެއިލާ ވެސް އާންމުކުރާނެ އެވެ.

"ގޯސްޓް" ޕްރޮޑިއުސްކޮށްފައި ވަނީ ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓުންނެވެ.

ވިކްރަމް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ޒަރީން ހާނާއި ކަރަން ކުންދުރާ ލީޑް ރޯލް ކުޅުނު މިދިޔަ އަހަރުގެ ބިރުވެރި ފިލްމު "1921" އެވެ.

"ދަ ބިގް ބުލް" ގައި އަބީޝެކް

އަޖޭ ދޭވްނަގް ޕްރޮޑިއުސްކުރާ ފިލްމު "ދަ ބިގް ބުލް: އޭން އަންރިއަލް ސްޓޯރީ" ގެ ބަތަލަކަށް އަބީޝެކް ބައްޗަން ހަމަޖައްސައި، ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.

އަޖޭ އާއި ކުމާރު މަންގަތާއި އާނަންދު ޕަންޑިތު ގުޅިގެން ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރަކީ ޕިޔާރޭ މޯހަން (2006) އާއި ޕްރިންސް (2011) ގެނެސް ދިން ޑައިރެކްޓަރު ކޫކީ ގުލާޓީ އެވެ.

"ދަ ބިގް ބުލް" ގެ ޝޫޓިން ވެސް މިހާރު ފަށާފައިވާ އިރު، މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ނުލިބެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ބަތަލާއަކީ އިލިއާނާ ޑި ކްރޫޒެވެ.

ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ. އަބީޝެކް ދާދި ފަހުން ވަނީ ޑައިރެކްޓަރު އަނޫރާގް ބާސޫ އަންނަ އަހަރު ގެނެސްދޭ އެންތޮލޮޖީ ފިލްމުގެ ޝޫޓިން ވެސް ނިންމާލައިފަ އެވެ.

އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ބްރީތު" ގެ ދެވަނަ ސީޒަންގެ ރޯލެއް ވެސް ބަތަލާ އައިޝްވާރިޔާ ރާއީގެ ފިރިމީހާ ކުޅެފައިވެ އެވެ.

އަރުޖުން އަށް ބިރުވެރި ފިލްމެއް

މިހާރު ހާލަކުން ފަހަރަކު ނޫނީ ފިލްމަކުން ނުފެންނަ އެކްޓަރު އަރުޖުން ރާމްޕާލް ފުރަތަމަ ފަހަރަށް ބިރުވެރި ފިލްމަކަށް ސޮއިކޮށްފި އެވެ.

ޕޫޖާ ބަލޫތިއާގެ ސްކްރީންޕްލޭއަކަށް "އަންޖާން" ގެ ނަމުގައި ހަދާ ފިލްމުގެ ޑައިރެކްޓަރަކީ އަމިތެންދުރަ ވަތުސް އެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ ފިލްމުގައި އަރުޖުން ފެންނާނީ ފުލުހެއްގެ ރޯލުންނެވެ. މީގެ މައިގަނޑު ވާހަކަ އަކީ ޒުވާން ތިން އަންހެނެއްގެ ސިއްރު މަރުގެ ހަގީގަތް ހޯދަން ކުރާ މަސައްކަތެވެ.

އަރުޖުން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ހަނގުރާމަ ފިލްމު "ޕަލްޓާން" އިންނެވެ. އަދި އޭނާ މިހާރު އަންނަނީ "ނާސްޓިކް" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.

"ބޫޖް" ގެ ރޯލަކަށް ޓޫވީ އެކްޓަރު މަހޭޝް

ދާދި ފަހުން ޝޫޓިން ފަށާފައި އޮތް އަޖޭ ދޭވްގަންގެ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ ރޯލަކަށް ޓީވީ އެކްޓަރު މަހޭޝް ޝެޓީ ސޮއިކޮށްފި އެވެ.

އޭނާއަކީ "ކަލާޝް: އޭކް ވިޝްވާސް" އާއި "ޕިޔާރު ކޯ ހޯ ޖާނޭ ދޯ" އާއި "ގަރް: އޭކް ސަޕްނާ" ފަދަ ސިލްސިލާތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. "ބޫޖް" ގައި މަހޭޝް ކުޅޭނީ އަޖޭގެ ކޮއްކޮގެ ރޯލެވެ.

މި ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ތެރޭގައި އިންޑިއާގެ ދިފާއުގައި އިންޑިއަން އެއާ ފޯސް (އައިއޭއެފް) ސްކޮޑްރަންގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރި ވިޖޭ ކަރްނިކްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ކަރަނިކްގެ ރޯލް އަޖޭ ކުޅޭ އިރު، "ބޫޖް" ގެ ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތު، ރާނާ ދަގޫބަތީ، ސޮނާކްޝީ ސިންހާ، ޕަރިނީތީ ޗޯޕްޅާ އަދި އައްމީ ވާކް ހިމެނެ އެވެ.

"ބޫޖް" ގައި ކިޔައިދޭނީ އިންޑޯ-ޕާކް ހަނގުރާމައިގެ ތެރޭގައި ބޫޖްގައި ގާއިމުކޮށްފައިވާ އެއާފޯސް އެއާސްޓްރިޕް ހަލާކުކޮށްލުމުން، ކަރްނިކް އިސްކޮށް ހުރެގެން ބޫޖާއި އެ އަވަށާ ކައިރީގައި ހުރި އަވަށްތަކުގެ 300 އެއްހާ އަންހެނުންގެ އެހީއާ އެކު އަލުން އެއާސްޓްރިޕް ގާއިމުކުރަން ކުރި މަސައްކަތެވެ.