02 އޮކްޓޯބަރ 2019 - 06:59
އެއް އިރެއްގައި ވެސް ބައްޕައާ ގުޅުން ގޯސް ނޫން ކަމަށާއި އެކަހަލަ ވާހަކަތައް ގަބޫލުނުކުރަން ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތުގެ ދޮށީ އަންހެން ދަރިފުޅު ތުރިޝަލާ ދަތު ފޭނުންގެ ކިބައިން އެދެފި އެވެ. ވަރަށް ތުއްތު އިރުއްސުރެ މަންމަ ފަރާތު އާއިލާގެ މީހުންނާ އެކު އެމެރިކާގެ ނިއު ޔޯކްގައި ދިރިއުޅޭ 31 އަހަރުގެ ތުރިޝަލާ އިންސްޓަގްރާމްގައި ފޭނުންނާ އެކު ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަނެއްގައި ފޭނަކު ކުރި ސުވާލެއްގެ ޖަވާބުގައި ބުނީ ބައްޕަ އާއި އޭނާގެ ގުޅުމާ ބެހޭ ގޮތުން ދޭތެރެ ދޭތެރެ ބައެއް މީޑިއާތަކުން ފަތުރާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. "އަހަރެން ވަރަށް އެދެން އެކަހަލަ ވާހަކަތައް ފޭނުން ގަބޫލުނުކުރަން. އަހަންނަކަށް ނޭނގޭ އެ ޒާތުގެ ވާހަކަ އަންނަނީ ކޮންތާކުން ކަމެއް ވެސް،" ތުރިޝަލާ ބުންޏެވެ. "އަދި އެފަދަ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް."
ތުރިޝަލާ އަކީ ސަންޖޭގެ އަލަތު ކައިވެންޏަށް ލިބުނު ހަމައެކަނި އަންހެން ދަރިފުޅެވެ. އޭނާ ވަރަށް ކުޑައިރު އޭނާގެ މަންމަ އަދި ކުރީގެ ބަތަލާ ރިޗާ ޝަރުމާ ވަނީ ސިކުނޑީގެ ޓިއުމަރެއްގައި މަރުވެފަ އެވެ. އެމެރިކާގައި "ޑްރީމް ޓްރެޒެސް ހެއާ އެންޑް އެކްސްޓެންޝަން" ގެ ނަމުގައި އަމިއްލަ ވިޔަފާރިއެއް ވެސް ކުރަމުން އަންނަ ތުރިޝަލާއަކީ އެމެރިކާގެ ޖޯން ޖޭ ކޮލެޖް އޮފް ކްރިމިނަލް ޖަސްޓިސް އިން ކްރިމިނަލް ލޯ އާއި ހޮފްސްޓްރާ ޔުނިވަސިޓީން ސައިކޮލޮޖީން މާސްޓާސް ޑިގްރީ ވެސް ހާސިލުކޮށްފައިވާ މީހެކެވެ.
ބައްޕަ ސަންޖޭއާ އޮންނަ ގުޅުން ވަރަށް ރަނގަޅު ކަމަށް ތުރިޝަލާ ބުނެފައިވާ އިރު، އޭނާ އާއި ސަންޖޭގެ މިހާރުގެ އަންހެނުން މަންޔަތާ ދަތާ ވެސް ގާތް ގުޅުމެއް އޮވެ އެވެ. އެކަން އިންސްޓަގްރާމުން ވެސް ފާހަގަކުރެވެ އެވެ. ދެހާސް އަށެއްގައި ކައިވެނިކުރި ސަންޖޭ އާއި މަންޔަތާގެ އެއްމާބާނޑު ދެ ކުދިން ތިބެ އެވެ.
ދާދި ފަހުން ތުރިޝަލާގެ ލޯބިވެރިޔާ ވަނީ ކުއްލި ގޮތަކަށް މަރުވެފަ އެވެ. އެ ހިތާމައިގެ ޝުއޫރުތައް އޭނާ ސޯޝަލް މީޑިއާގައި ދޭތެރެ ދޭތެރެ އިން ހިއްސާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy