އޭއާރް ރަހްމާން: ޖަޕާނުން ދޭ ފުކޯކާ ޕްރައިޒް އެވޯޑް އޭނާ އަށް ރޭ ވަނީ އަރުވާފައި.
31 މެއި 2016 - 07:08
މިއުޒިކްގެ ދާއިރާ އަށްް ކޮށްދެމުން އަންނަ ހިދުމަތާއި ހާއްސަކޮށް ސައުތު އޭޝިއާގެ މިއުޒިކް ކުރިއަރުވަން،އޮސްކާ ހާސިލްކޮށްފައިވާ އިންޑިިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަދި ލަވަ ކިއުންތެރިޔާ އޭއާރް ރަހްމާން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ޖަޕާނުން "ފުކޯކާ ޕްރައިޒް" އެވޯޑް އޭނާ އަށް ދީފި އެވެ.
ރަހްމާނަށް އެ ޝަރަފު އަރުވާފައި ވަނީ ޖަޕާނުގައި ރޭ ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ.
ތިން ކެޓަގަރީއަކުން އަގު ވަޒަންކުރާ ފުކޯކާ ޕްރައިޒް އެވޯޑް ރަހްމާނަށް ދިނީ އާޓްސް އެންޑް ކަލްޗާގެ ދާއިރާއިންނެވެ. މި އެވޯޑަކީ ޖަޕާނުގެ ފުކޯކާ ސިޓީގެ ޔޮކަޓޯޕިއާ ފައުންޑޭޝަނުން ދޭ އެވޯޑެކެވެ.
އިންޑިއާގެ މަޝްހޫރު އެތައް ފިލްމަކަށް މިއުޒިކް ހަދައި ދިނުމުގެ އިތުރަށް އަމިއްލަ އަޑުން ކިޔާފައިވާ ހިތްގައިމު ލަވަތަކެއް ވެސް ދޫކޮށްފައިވާ ރަހުމާނަށް ވަނީ 2009 ވަނަ އަހަރުގެ ހޮލީވުޑް ފިލްމް "ސްލަމްޑޮގް މިލިއަނާ" އަށް މިއުޒިކް ތައްޔާރުކޮށް ދީގެން ދެ އޮސްކާ ލިބިފަ އެވެ.
އޭނާ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ހަތަރު ފަހަރެއްގެ މަތިން ނެޝަނަލް އެވޯޑް ހޯދުން ހިމެނެ އެެވެ.
މީގެ އިތުރުން ގޯލްޑެން ގްލޯބް އެވޯޑާއި ބަފްޓާ އެވޯޑް ވެސް ރަހްމާން ވަނީ ހާސިލްކޮށްފަ އެވެ.
މިހާރު ވެސް ފިލްމްތަކަށް މިއުޒިކް ތައްޔާރުކޮށްދީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓުއާތައް ވެސް ބާއްވަމުން އަންނަ ރަހްމާނަށް 1995 ވަނަ އަހަރު މޮރިޝަސް ނެޝަނަލް އެވޯޑް ވެސް ވަނީ އަރުވައިފަ އެވެ. އަދި މިއުޒިކަށް އޭނާ ކޮށް ދެމުން އަންނަ ހިދުމަތުގެ އަގު ވަޒަންކޮށް މެލޭޝިއަން އެވޯޑް ވެސް ވަނީ އަރުވައިފަ އެވެ.
ފުކާކޯ ޕްރައިޒް އެވޯޑް މި އަހަރު ރަހްމާން ހާސިލް ކުރި އިރު، މިދިޔަ އަހަރު ވެސް އިންޑިއާ އަށް ނިސްބަތްވާ މީހަކަށް ވަނީ އެ އެވޯޑް ލިބިފަ އެވެ.
އެއީ ތައުލީމީ ދާއިރާއިން ރާމްޗަންދްރާ ގުހާ އެވެ. އޭނާ އަށް އެވޯޑް ލިބުނީ ތާރީހަށް ކޮށްދެމުން އަންނަ ހިދުމަތުގެ އަގު ވަޒަންކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy