އަންނަ އަހަރު ރިލީޒްކުރާ އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" އަކީ ބަތަލާ ކްރިތީ ސެނަންގެ ކޮއްކޮ ނުޕޫރް ސެނަން ބޮލީވުޑަށް ތައާރަފުކުރާ ފިލްމަށްވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކުރިން މީޑިއާތަކުން ބުނެފައިވާ ގޮތުގައި ނިކިލް އަދުވާނީ އާއި ވާޝޫ ބަގްނާނީ ޕްރޮޑިއުސްކުރާ ފިލްމުން އަކްޝޭއާ އެކު ފެންނާނީ "ސުޕަ 30" އާއި "ބަތުލާ ހައުސް" ފަދަ ފިލްމުތައް ކުޅުނު މުރްނާލް ތާކޫރެވެ.
ނަމަވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ބުނަނީ "ބެލް ބޮޓަމް" އަށް މުރުނާލް ގެންނަން އެއްވެސް އިރެއްގައި މަސައްކަތްކޮށްފައި ނުވާ ކަމަށާއޮ ފިލްމުން ފެންނާނީ ނުޕޫރް ކަމަށެވެ.
އަކްޝޭއާ އެކު "ހައުސްފުލް 4" ކުޅެ އަދި މިހާރު "ބައްޗަން ޕާންޑޭ" އަށް ސޮއިކޮށްފައިވާ ކްތިރީގެ ކޮއްކޮ ނުޕޫރް، 24، ދާދި ފަހުން ވަނީ އަކްޝޭ، 52، އާ އެކު ވީޑިއޯ ލަވައެއް ވެސް ކުޅެފަ އެވެ. "ފިލްހާލް" ގެ ނަމުގައި ނެރުނު އެ ލަވަ އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.
"ބެލް ބޮޓަމް" އަކީ އަންނަ އަހަރުގެ އެޕްރީލް 2 ގައި ރިލީޒްކުރާ ފިލްމެކެވެ. އޭގެ ޑައިރެކްޓަރަކީ ރަންޖީތު އެމް ތެވާރީ އެވެ.
އަކްޝޭ މިހާރު ވެސް އަންނަނީ ޒުވާން ބަތަލާއަކާ އެކު ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެއީ 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރް، 22، އާ އެކު ކުޅޭ "ޕްރިތުވީރާޖް" އެވެ. މީގެ އިތުރުން އޭނާ ވަނީ ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާން، 24، އާ އެކު ވެސް "އަތުރަންގީ ރޭ" ކިޔާ ފިލްމެއް ކުޅެން ސޮއިކޮށްފަ އެވެ.