ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އެކްޓަރު އިރްފާން ޚާން އެނބުރި ބޮޑު ސްކްރީނަށް އަންނަ ފިލްމު "އަނގްރޭޒީ މީޑިއަމް" ގެ ޓްރެއިލާ ދައްކާލައި އެވެ.


އަންނަ މަހުގެ 20 ގައި ގެނެސްދޭ މި ފިލްމަކީ 2017 ގައި ގެނެސްދިން އިރްފާންގެ "ހިންދީ މީޑިއަމް" ގެ ދެވަނަ ބައެވެ. މި ފަހަރު ހޯމީ އަދަޖާނިއާ ޑައިރެކްޓްކޮށްފައިވާ ފިލްމުން ފެންނާނެ ކާސްޓުންގެ ތެރޭގައި ކަރީނާ ކަޕޫރާއި ރާދިކާ މަދަން އާއި ރަންވީރު ޝޯރޭ އާއި ދީޕަލް ދޮބްރާޔިލް ފަދަ ތަރިން ހިމެނެ އެވެ.

"އަނގްރޭޒީ މީޑިއަމް" ގެ މަންޒަރުތައް ނަގާފައި ވަނީ އިންޑިއާ އިން އިނގިރޭސިވިލާތުގަ އެވެ.

"ޗަލާންގް" ގެ ތާރީހު އަނެއްކާ ވެސް ބަދަލުވެއްޖެ

ރިލީޒްކުރާ ތާރީހު އެކި ފަހަރުމަތިން ބަދަލުވަމުން ގޮސް ހެންސެލް މެހެތާ ޑައިރެކްޓްކޮށްފައިވާ ސޯޝަލް ކޮމެޑީ "ޗަލާންގް" ގެނެސްދޭ އާ ތާރީހާ އެކު ފިލްމުގެ އާ ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.

ރާޖްކުމާރު ރާއޯ އާއި ނުޝްރަތު ބަރޫޗާ ލީޑް ރޯލް ކުޅެފައިވާ ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖޫން މަހުގެ 12 ގަ އެވެ. "ޗަލާންގް" ގެ ތާރީހަށް ގެނައި ބަދަލުތާ އެކު ކުރިން މި ފިލްމު ރިލީޒްކުރަން އޮތީ އަންނަ މަހުގެ 13 ގަ އެވެ.

މި ފިލްމަކީ އަޖޭ ދޭވްގަނާއި ބުޝަން ކުމާރުގެ ޓީ ސީރީޒާއި ލަވް ރަންޖަންގެ ލަވް ފިލްމްސް ގުޅިގެން ހަދާފައިވާ ފިލްމެކެވެ.

"ބޫތު" ގެ ލަވައެއް

މި މަހުގެ 21 ގައި ރިލީޒްކުރާ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ބިރުވެރި ފިލްމު "ބޫތު: ޕާޓް ވަން-ހޯންޓެޑް ޝިޕް" ގެ ލަވައެއް ދައްކާލައިފި އެވެ.

ވިކީ ކޯޝަލާއި ބޫމީ ޕެޑްނޭކަރް ފެނިގެންދާ ލަވައިގެ ނަމަކީ "ޗައްނާ ވޭ" އެވެ. މީގެ މިއުޒިކާއި ޅެން އާޚިލް ސަޗްދޭވާ ހަދާފައިވާ އިރު، ލަވަ ކިޔާފައި ވަނީ އޭނާ އާއި މަންޝީލް ގުޖްރާލެވެ.

"ބޫތު" އަކީ ވިކީ އާއި ބޫމީގެ ޖޯޑު އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. އަދި މިއީ ދަރުމާ އިން މި އަހަރު ގެނެސްދޭ ފުރަތަމަ ފިލްމު ވެސް މެ އެވެ.

"ހާތީ މޭރާ ސާތީ" ގެ ޓީޒާއެއް

"ބާހްބަލީ" ގެ ފިލްމުތަކުގައި ވަރަށް ވަރުގަދަ ހަށިގަނޑެއް ދައްކައިލި އެކްޓަރު ރާނާ ދަގޫބަތީ ވަރަށް ނިކަމެތި އަނަރޫފަ ހަށިގަނޑަކާ އެކު ފެނިގެންދާ އެޑްވެންޗަ ފިލްމު "ހާތީ މޭރާ ސާތީ" ގެ ޓީޒާއެެއް ދައްކާލައިފި އެވެ.

އެތަކާއި އިންސާނަކާ އޮންނަ ގުޅުން ދައްކުވައިދޭ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޕުލްކިތު ސަމްރާޓާއި ޝްރިޔާ ޕޮލްގާއޯންކަރް، ޒޯޔާ ހުސައިން އަދި ވިޝްނޫ ވިޝާލް ހިމެނެ އެވެ.

އެޕްރީލް މަހުގެ 2 ގައި ސިނަމާތަކަށް ގެންނަ "ހާތީ މޭރާ ސާތީ" ގެ ޑައިރެކްޓަރަކީ ޕްރަބޫ ސޮލޮމަން އެވެ. މި ފިލްމު ހިންދީ، ތެލެގޫ އަދި ތަމަޅަ ބަހުން ގެނެސްދޭނެ އެވެ.