އަންނަ އެޕްރީލް މަހުގެ 10 ގައި ރިލީޒްކުރަން ކުރިން ނިންމާފައި އޮތް ރަންވީރު ސިންގްގެ ފިލްމު "83" އަންނަ ޖޫން މަހުގެ 25 ގެނެސްދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އެ ތާރީހަކީ "83" ގައި ކިޔައިދޭ ވާހަކައިގެ ތާރީހާ ގުޅޭ ވަރަށް ހާއްސަ ދުވަހެކެވެ. ސަބަބަކީ ޖޫން 25 އަކީ އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި ދުވަހެވެ. އެހެންވެ އެއީ މުބާރާތް ކާމިޔާބުކުރިތާ 37 އަހަރު ފުރޭ ދުވަހެވެ.
ކަބީރް ޚާން ޑައިރެކްޓްކޮށްފައިވާ ފިލްމުގައި ދައްކަނީ އިނގިރޭސިވިލާތުގައި ބޭއްވި މުބާރާތަށް އިންޑިއާ އިން ވި ތައްޔާރީތަކާއި މުބާރާތް ކާމިޔާބުކުރަން ހިތްވަރުގެ ވާހަކަ އެވެ.
އޭރު އިންޑިއާ ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލް "83" ގައި ކުޅެފައި ވަނީ ރަންވީރެވެ. އަދި އޭނާގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލުން ދީޕިކާ ޕަދްކީން ފެންނާނެ އެވެ.
މި ފިލްމު އެޕްރީލްގައި ގެނެސް ނުދޭން ނިންމީ ކޮރޯނާވައިރަހާ ގުޅިގެންނެވެ. ޖޫން މަހަށް ފިލްމަށް ތާވަލުކުރި ކަމަށް މީޑިއާތަކުން ބުނި ނަމަވެސް އެކަން އަދި ފިލްމުގެ ޓީމުން ކަށަވަރެއްނުކޮށް ދެ އެވެ.
އަނެއްކާ ވެސް ޖެކްލީންގެ އާ ލަވައެއް
ދާދި ފަހުން "މެރޭ އަގްނޭ މޭ" ކިޔާ ވީޑިއޯ ލަވައަކުން ފެނުނު ބަތަލާ ޖެކްލިން ފެނަންޑޭޒްގެ އާ ވީޑިއޯ ލަވައެއް އަނެއްކާ ވެސް ބެލުންތެރިންނަށް ދައްކާލައިފި އެވެ.
މި ފަހަރުގެ ލަވަ އަކީ "ޖެންޑާ ޕޫލް" އެވެ. މި ލަވައިން ޖެކްލިންއާ އެކު ފެނިގެން ދަނީ ލަވައިގެ މިއުޒިކް ހަދައި، ލަވަކިޔާފައިވާ ބާދްޝާ އެވެ.
ސިޑްނާޒްގެ ލަވަ ދައްކާލައިފި
"ބިގް ބޮސް 13" އިން ހާއްސަ ގުޅުމެއް އުފެދުނު ދެ ބައިވެރިން ކަމަށްވާ ސިދާތު ޝުކްލާ އާއިު ޝެހެނާޒް ގިލް (ސަނާ) އެކީގައި ކުޅުނު ވީޑިއޯ ލަވަ ދައްކައިލުމާ އެކު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެން ފަށައިފި އެވެ.
"ބުލާ ދޫނގާ" ގެ ނަން ދީފައިވާ މި ލަަވައިގެ މިއުޒިކް ހަދައި ލަވަ ކިޔާފައި ވަނީ ދަރުޝަން ރަވަލް އެވެ. މި ލަވައިން ސިޑްނާޒްގެ ކެމިސްޓްރީ ވަރަށް ބޮޑަށް ދައްކުވައިދެ އެވެ.
"ބުރައްމަސްތުރާ" އަންނަ އަހަރަށް؟
އެންމެ ފުރަތަމަ މިދިޔަ އަހަރު ގެނެސްދޭން ނިންމި ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ފެންޓަސީ ސުޕަހީރޯ ފިލްމު "ބުރައްމަސްތުރާ" މި އަހަރަށް ތާވަލުކޮށްފައި ވަނިކޮށް އަނެއްކާ ވެސް އެ ފިލްމު ފަސްވެދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނިގޮތުގައި ކޮރޯނާވައިރަހުގެ ސަބަބުން މަސައްކަތްތައް މި ވަގުތު މެދުކަނޑާލަން ޖެހުމުން، ފިލްމު ނިންމަން ބުރޫއަރާފައިވާތީ މިހާރު ތާވަލުކޮށްފައި އޮތް ތާރީހުގައި ފިލްމު ރިލީޒެއް ނުކުރާނެ އެވެ.
އެގޮތުން މި އަހަރުގެ ޑިސެމްބަރު 4 ގެ ބަދަލުގައި އަންނަ އަހަރަށް ފިލްމު ފަސްކޮށްފައިވާ ކަމަށްވެ އެވެ. ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެ އެވެ.
"ބުރައްމަސްތުރާ" އަކީ އަޔާން މުކަރްޖީ ލިޔެ، ޑައިރެކްޓްކުރާ ޓްރިލޮޖީއެއްގެ ފުރަތަމަ ބައެވެ. މީގެ ލީޑް ކާސްޓުންނަކީ އާލިއާ ބަޓާއި ރަންބީރު ކަޕޫރެވެ. އިތުރު ކާސްޓުންގެ ތެރޭގައި އަމީތާބު ބައްޗަނާއި ޑިމްޕަލް ކަޕާޑިއާ އާއި ނާގުރްޖުނާ އަކިނޭނީގެ އިތުރުން މޯނީ ރޯއި ހިމެނެ އެވެ.