08 އެޕްރީލް 2020 - 08:27
ޑައިރެކްޓަރު ޝަކޫން ބަޓްރާއާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމު ވަރަށް ތަފާތުވާނެ ކަމަށާއި އެ ފިލްމާ ދޭތެރޭ ކުރެވޭ އުންމީދުތައް ވަރަށް ބޮޑު ކަމަށް ބަތަލާ ދީޕިކާ ޕަދްކޯން ބުނެފި އެވެ.
އަދި ނަން އިއުލާންނުކުރާ މި ފިލްމަކީ ދީޕިކާ، ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނާ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެގެން ގެނެސްދޭ ފިލްމެކެވެ. މިދިޔަ ޖެނުއަރީ މަހު ގެނެސްދިން "ޗަޕާކް" އަށް ފަހު، ހުނަރުވެރި ބަތަލާ އެންމެ އަވަހަށް ޝޫޓިން ފަށާ ގޮތަށް އޮތީ ވެސް މި ފިލްމެވެ. ނަމަވެސް ކޮރޯނާވައިރަހާ ހެދި މަސައްކަތް އޮތީ ފަސްކޮށްފަ އެވެ.
އުންމީދީ ޒުވާން ދެ ތަރިން ކަމަށްވާ ސިދާންތު ޗަތުރަވެދީ އާއި އަނަންޔާ ޕާންޑޭ ވެސް މުހިއްމު ރޯލްތަކެއް ކުޅޭ ފިލްމާ ބެހޭ ގޮތުން މިޑް-ޑޭ އަށް ދިން އިންޓަވިއުއެއްގައި ދީޕިކާ ބުނީ ޝަކޫންއާ އެކު މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އޭނަގެ ފިލްމުތައް އަހަންނަށް ވަރަށް ކަމުދޭ. އަބަދު ވެސް ސްޓޯރީލައިން ވަރަށް ތަފާތުވެފައި ޕްރެޒެންޓްކޮށްދިނުމުގައި ޝަކޫންގެ ހުރޭ އާދަޔާހިލާފު ގޮތްތަކެއް،" އޭނާ ބުންޏެވެ. "ހަމަ އެގޮތަށް މި ފަހަރުގެ ފިލްމަކީ ވެސް ހަމަ އެހަލަ ފިލްމަކަށް ވާނެ. އަހަންނަށް ގެރެންޓީ ދެވިދާނެ ވަރަށް ތަފާތު ލޯބީގެ ފިލްމަކަށް މި ފިލްމަކަށް މި ފިލްމު ވާނޭ. މީގެ މަސައްކަތަ ފަށަން ވެސް ކެތްމަދުވެފައި މި ހުންނަނީ."
ދީޕިކާ ބުނިގޮތުގައި "ކަޕޫރް އެންޑް ސަންސް" އާއި "އޭކް މޭ އޯރް އޭކް ތޫ" ފަދަ ފިލްމުތައް ގެނެސްދިން ޝަކޫންގެ އާ ފިލްމުގެ ކޮންމެ މަންޒަރަކީ ބެލުންތެރިންގެ ހިތްތަކާ ވަރަށް ކުޅެލާނެ މަންޒަރެކެވެ. އަދި މީގެ ކޮންމެ ކެރެކްޓާ އަކީ ގިނަ ދުވަސްތަކަކަށް ބެލުންތެރިންގެ ސިކުނޑީގައި ހަރުލާފައި ހުންނާނެ ކެރެކްޓާތަކަށް ވާނެ ކަމަށް ބުންޏެވެ.
"އަހަރެން ބުނާނީ މީގެ ކޮންމެ ސީނެއް ވަރަށް ޑިލިޝަސްވާނޭ. ވަރަށް ވެސް ހީނުކުރާ ކަހަލަ ކެރެކްޓާތަކުން މީގެ ސެންޓްރަލް ކެރެކްޓާތައް ފެނިގެންދާނީ." ދީޕިކާ ބުންޏެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ގަ އެވެ.
ދީޕިކާގެ ކުރިއަށް އޮތް ފިލްމަކީ ކޮރޯނާވައިރަހާ ހެދި ފަސްކޮށްފައި އޮތް އަދި ފިރިމީހާ ރަންވީރު ސިންގްއާ އެކު ފެނިގެންދާ "83" އެވެ. މީގެ އިތުރުން "ދި އިންޓާން" އާއި "މަހާބާރަތު" އަކީ އޭނާ މަސައްކަތް ފަށަން ކުރިއަށް ހުރި ފިލްމުތަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy