"މޭ ޑޫބާ ރަހޫ" ގެ ޕޯސްޓަރެއް.
13 އެޕްރީލް 2020 - 12:12
އިންޑިއާގެ ޒުވާން ލަވަކިޔުންތެރިޔާ އަތިޔާ ނާރަޔަން މިދިޔަ އަހަރު ރާއްޖޭގެ މަންޒަރުތަކާ އެކު ގެނެސްދިން ވީޑިއޯ ލަވަ "ލިއްލާހް" ގިނަ ބަޔަކަށް މިހާރު ވާނީ ފެނިފަ އެވެ.
އެ ލަވަ އަށް ފަހު އަނެއްކާ ވެސް އޭނާ މިއޮތީ ރާއްޖޭގެ ރިސޯޓެއްގެ ހިތްގައިމު މަންޒަރުތަކާ އެކު އިތުރު ލަވައެއް ނެރެފަ އެވެ. އަދާރަން ޕްރެސްޓީޖް ވާދޫގެ މަންޒަރުތައް ފެންނަ ލަވައިގެ ނަމަކީ "މޭ ޑޫބާ ރަހޫ" އެވެ. އަދިތިޔާގެ އަޑުން ކިޔައި އޭނާ ކުޅެފައިވާ ލަވައިގެ މިއުޒިކް ހަދާފައި ވަނީ އަންކިތު ޝާހެވެ. އަދި ލަވައިގެ ޅެން ހެދީ މަނޯޖް ޔާދަވް އެވެ.
"މޭ ޑޫބާ ރަހޫ" ގެ ވީޑިއޯ ޑައިރެކްޓްކުރީ ގޯރަވް ސީ ބަޓެވެ.
އަދިތިޔާ، 32، އަކީ 90 އާއި 2000 ގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ވިދައިލި ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އުދިތު ނާރަޔަންގެ ހަމައެކަނި ދަރިފުޅެވެ. އަދިތިޔާ އަކީ ލަވަކިޔުންތެރިއެއްގެ އިތުރުން އެކްޓަރެއް އަދި ހޯސްޓެއް ވެސް މެ އެވެ.
ސޮނީ ޓީވީން ދާދި ފަހުން ނިންމައިލި "އިންޑިއަން އައިޑޮލް ސީޒަން 10" ގެ ހޮސްޓަކީ ވެސް އޭނަ އެވެ. ބައްޕަގެ ފަހަތުން ލަވަކިޔަން ނުކުތް ނަމަވެސް އަދިތިޔާ އަކީ އެހާ ކާމިޔާބު އަދި މާ މަޝްހޫރު ފަންނާނެއް ވެސް ނޫނެވެ.
އޭނާ އަށް ފިލްމަކަށް ލަވައެއް ކިޔައިލަން ލިބެނީ ވެސް ހާލަކުން ފަހަރަކު އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ލަވަ އަކީ ސަންޖޭ ލީލާ ބަންސާލީ 2013 ގައި ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯނާ އެކު ގެނެސްދިން ފިލްމު "ރާމް-ލީލާ" ގެ "ތަތަޅު ތަތަޅު" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy