މީނާކްޝީގެ އެހާރާއި މިހާރު.
04 މެއި 2020 - 09:46
ޖެކީ ޝްރޮފްގެ ފިލްމު "ހީރޯ" އާއި އަމީތާބް ބައްޗަންގެ "ޝެހެންޝާހް" އަދި "ދާމިނީ" ފަދަ ފިލްމުތައް ބަލާފައިވާ ނަމަ ކުރީގެ ބަތަލާ މީނާކްޝީ ޝެޝަދުރީ އަކީ ހާއްސަ ނަމަކަށް ވާނެ އެވެ.
އަށްޑިހައިގެ އަހަރުތަކުގައި ވިދިލައި މީނާކްޝީ އަކީ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާއެކެވެ. އޭނާގެ ކެރިރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ. އުމުރުން މިހާރު 56 އަހަރުގެ ބަތަލާ ބޮލީވުޑަށް ތައާރަފުވީ 1983 ގައި ގެނެސްދިން "ޕެއިންޓަރު ބާބޫ" އިންނެވެ. އެކަމަކު އޭނާ ވިދައިލި ފިލްމަކީ ޖެކީ ބޮލީވުޑަށް ތައާރަފުކުރި ހަމަ އެ އަހަރުގެ "ހީރޯ" އިންނެވެ.
ދެހާސް ހަ ވަނަ އަހަރާ ހަމައަށް ފިލްމީ ދާއިރާގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނު މީނާކްޝީގެ އެންމެ ފަހު ފާހަގަކޮށްލެވޭ އެއް ފިލްމަކީ 1990 ގެ "ދާމިނީ" އެވެ. އެ ފިލްމުގައި އޭނާ ކުޅުނީ ރޭޕްގެ ޝިކާރަކަށްވާ އަންހެނަކަށް އިންސާފު ހޯދައިދޭން ނުކުންނަ ހިތްވަރު އަންހެނެއްގެ ރޯލެވެ.
ހިންދީ ފިލްމުތަކުގެ އިތިރުން މީނާކްޝީ ވަނީ އިންޑިއާގެ ރީޖަނަލް ފިލްމުތަކެއް ވެސް ކުޅެފަ އެވެ. އެގޮތުން ތެލެގޫ އާއި ތަމަޅަ ބަހުން ހަދާފައިވާ ފިލްމުތަކެއް ވެސް ކުޅުނެވެ. އޭނާގެ ފިލްމީ ކެރިއަރުގެ ރަންޒަމާނުގައި އެ ދުވަސްވަރުގެ އެންމެ މަޝްހޫރު އެކްޓަރުންނާ އެކު މަސައްކަތްކުރި އެވެ.
އެގޮތުން މީނާކްޝީ ފިލްމު ކުޅުނު އެކްޓަރުންގެ ތެރޭގައި އަމީތާބާއި ޖެކީ އާއި ވިނޯދު ކަންނާ އާއި ސަނީ ޑިއޯލް އާއި ގޯވިންދާ އާއި މިތުން ޗަކްރަބަތީ އަދި އަނިލް ކަޕޫރް ފަދަ އެކްޓަރުން ހިމެނެ އެވެ.
އޭނާ ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި 1985 ގެ "ހޮޝިޔާރު" އާއި "ބޭވަފާއީ" އާއި "މޭރީ ޖަންގް"، ސްވަތީ (1986)، 1990 ގެ "ޖުރުމް" އާއި "ގާޔަލް" ހިމެނެ އެވެ. މީޝާކްޝީގެ ކެރިއަރުގައި 50 އާ ގާތްކުރާ އަދަދަކަށް ފިލްމު ކުޅުނެވެ.
އިންޑިއާގެ ބިހާރަށް އުފަން މީނާކްޝީގެ އެންމެ ފަހުގެ ފިލްމަކީ 1996 ގެ "ގަތަކު" އެވެ. އެ ފިލްމަށް ފަހު އޭނާ ވަނީ އެކްޓިންއާ ދުރުވެ، ފިރިމީހާއާ އެކު އެމެރިކާ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އެއީ ދަރިންނަށް ކިޔަވައި ދިނުމުގެ ގޮތުންނެވެ.
މީނާކްޝީ އާއި ބޭންކަރެއްގެ ގޮތުގައި މަސައްކަތްކުރާ ހަރީޝް މައިސޯރް 1995 ގައި ކުރި ކައިވެންޏެއް ތިން ކުދިން ލިބިފައިވެ އެވެ. އެއީ އަންހެން ކުއްޖަކާއި ދެ ފިރިހެން ކުދިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްރޯ
04 May 2020
ވަރަށް މޮޅު ހުނަރުވެރި ތަރިއެއް.