13 މެއި 2020 - 09:38
އެކްސަލް އެންޓަޓައިންމަންޓުން ހަދާ ފިލްމު "ފޯން ބޫތު" ވަރަށް ވަރުގަދަ ފިލްމަކަށްވާނެ ކަމަށާއި އޭގެ ސްކްރިޕްޓް ކިޔާފައި ހައިރާންވި ކަމަށް، ޒުވާން އެކްޓަރު އިޝާން ޚައްތަރު ބުނެފި އެވެ.
މި ފިލްމަކީ ފަރްހާން އަޚްތަރާއި ރިތޭޝް ސިދްވާނީގެ އެކްސަލް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކޮށް، ކެޓްރީނާ ކެއިފާއި ސިދާންތު ޗަތުރަވެދީ ވެސް މުހިއްމު ރޯލްތަކުން ފެނިގެންދާނެ ފިލްމެކެވެ. "ފޯން ބޫތު" ގެ ވާހަކަ ދެކެވޭތާ ދުވަސްތަކެއްވި ނަމަވެސް ރަސްމީކޮށް ފިލްމާ ބެހޭ އެއްވެސް މައުލޫމާތު އެކްސަލް އިން އަދި ހާމައެއްނުކުރެ އެވެ.
ނަމަވެސް މިއީ ބިރުވެރި ފިލްމެއް ކަމަށާއި ފިލްމުގެ ޑައިރެކްޓަރަކީ ގުރްމީތު ސިންގް ކަމަށް މީޑިއާތަކުން ކުރިން ބުނެފައިވެ އެވެ. އެކަމަކު އެންމެ ފުރަތަމަ މީޑިއާތަކުން ބުނެފައި ވަނީ އެއީ އެކްޝަން ފިލްމެއް ކަމަށެވެ.
އިންސްޓަގްރާމް ލައިވް މެދުވެރިކޮށް އިޝާން ދިން އިންޓަވިއުއްގައި ފިލްމުގެ ޖޯންރާ ހާމަނުކޮށް އެއަށް ސޮއިކުރިކަން ކަށަވަރުކޮށްދީ، އޭގެ މަސައްކަތް ފަށާނެ އިރަކަށް އިންތިޒާކުރަމުން އަންނަ ކަމަށް ބުންޏެވެ.
"އަހަރެން ވަރަށް ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓެއް ފޯނު ބޫތަކީ. އުންމީދުކރަން ފިލްމީ މަސައްކަތްތައް އަލުން ފަށައިގަނެވުމާ އެކު އޭގެ މަސައްކަތް ވެސް މާ ލަސްތަކެއް ނުވެ ފެށޭނެ ކަމަށް،" ޝާހިދު ކަޕޫރްގެ ކޮއްކޮ ބުންޏެވެ.
"ފޯން ބޫތު" ވެގެން ދާނީ އިޝާނާއި ސިދާންތު އެކްސަލްއާ އެކު މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. ނަމަވެސް ކެޓްރީނާ ވަނީ އެ ސްޓޫޑިއޯގެ 2011 ގެ ފިލްމު "ޒިންދަގީ ނާ މިލޭގީ ދޮބާރާ" ގައި މަސައްކަތްކޮށްފަ އެވެ.
"ދަޅަކް" އާއި "ބިޔޯންޑް ދަ ކްލައުޑްސް" ކުޅުނު އިޝާންގެ ކުރިއަށް އޮތް ފިލްމަކީ އަނަންޔާ ޕާންޑޭއާ އެކު ކުޅޭ "ޚާލީ ޕީލީ" އެވެ. އޭނާ ދާދި ފަހުން ވަނީ މީރާ ނައިރްގެ މިނީ ސީރީޒް "އަ ސޫޓަބަލް ބޯއި" ގެ މަސައްކަތް ވެސް ނިންމާލައިފަ އެވެ.
"ގަލީ ބޯއި" އިން ބޮލީވުޑަށް ތައާރަފުވި ސިދާންތުގެ އަތުގައި މި ވަގުތު ހުރި ފިލްމުތަކުގެ ތެރޭގައި "ބަންޓީ އޯރް ބަބްލީ 2" އާއި ޑައިރެކްޓަރު ޝަކުން ބަޓްރާގެ ފިލްމެއް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy