11 ޖޫން 2020 - 05:26
ދިހަ ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު، ބަތަލާ ސުޝްމިތާ ސެން އެނބުރި އެކްޓިން އަށް އައި ވެބް ސީރީޒް "އާރިއާ" ކުރިން ފީޗާ ފިލްމެއްގެ ގޮތުގައި ގެނެސްދޭން ނިންމައި، އޭގެ ބަތަލާގެ ރޯލް ހުށަހެޅީ ކާޖޮލް އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ތުގައި ޑައިރެކްޓަރު ރާމް މަދަވާނީ ފިލްމުގެ ސްޓޯރީލައިން ކިޔައިދިނުމުން ކާޖޮލް އަށް އެ ވަރަށް ކަމުދިޔަ އެވެ. އަދި ފިލްމަށް އެއްބަސްވާނެކަމުގެ ފެހި ސިގްނަލް ވެސް ދީފައި ވަނިކޮށް، އޭނާ ފިލްމު ދޫކޮށްލީ އަމިއްލަ ބައެއް ސަބަބުތަކާ ހެދި ކަމަށް މީޑިއާތަކުން ބުންޏެވެ.
ނޫސްތަކުން ބުނިގޮތުގައި މީގެ ނުވަ އަހަރަކަށް އަހަރު ކުރިން ފެށިގެން ޑްރީމް ޕްރޮޖެކްޓެއްގެ ގޮތުގައި "އާރިއާ" ހަދަން ތައްޔާރީތައް ވަމުން ގޮސް، ކާޖޮލް ފަހު ވަގުތު، ފިލްމު ދޫކޮށްލުމުން ރާމް ވަނީ ޕްލޭނަށް ބޮޑު ބަދަލުތަކެއް ގެނެސްފަ އެވެ.
އެގޮތުން ފީޗާ ފިލްމެއްގެ ބަދަލުގައި ވެބް ސީރީޒެއްގެ ގޮތުގައި "އާރިއާ" ގެނެސްދޭން ނިންމައި ސުޝްމިތާ އަށް އޭގެ ޓައިޓްލް ރޯލް ހުށަހެޅީ އެވެ. މި ސީރީޒް މި މަހުގެ 19 ވަނަ ދުވަހު ޑިޒްނީ+ހޮޓްސްޓާ އިން ސްޓްރީމްކުރަން ފަށާ އިރު، ޓްރެއިލާ ވެސް ވަނީ ދައްކާލައިފަ އެވެ.
"އާރިއާ" ގައި ސުޝްމިތާ ފެނިގެންދާނީ އާރިއާ ސަރީން ކިޔާ ވަރަށް ވަރުގަދަ ކެރެކްޓާއަކުންނެވެ. އޭނާގެ ރޯލަކީ ކުށްވެރިންތަކެއް ކިބައިން އާއިލާ ސަލާމަތްކުރަން ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވާން ޖެހިލުން ނުވާ މައެއްގެ ރޯލެވެ.
"އާރިއާ" ގެ ކާސްޓުންގެ ތެރޭގައި ޗަންދުރަޗޫރް ސިންގް އާއި ސިކަންދަރު ކޭރާއި މަނީޝް ޗައުދަރީގެ އިތުރުން ނަމީތާ ދާސް އާއި އަންކޫރް ބާޓިއާ ހިމެނެ އެވެ.
މި ސީރީޒަކީ 2016 ގައި ރިލީޒްކުރި ކާމިޔާބު ފިލްމު "ނީރްޖާ" އަށް ފަހު، ރާމް ގެނެސްދޭ ފުރަތަމަ އުފެއްދުމެވެ. "އާރިއާ" ގެ ވާހަކަ ބިނާކޮށްފައި ވަނީ ނެދަލެންޑްސްގެ ޑްރާމާ ސިލްސިލާ "ޕެނޯޒާ" އަށެވެ.
ދާދި ފަހުން ކާޖޮލް ބުނެފައިވާ ގޮތުގައި 2009 ގައި ރިލީޒްކުރި "3 އިޑިއަޓްސް" ގައި ކަރީނާ ކަޕޫރް ކުޅުނު ރޯލް ވެސް ކުރިން ލިބުނީ އޭނައަށެވެ. އެކަމަކު އެ ރޯލަށް އެއްބަސްނުވީ އޭގައި މާ ހާއްސަ ކަމެއް ނެތުމުން ކަމަށް ބުންޏެވެ.
ހިންދީ ސިނަމާގެ އެންމެ ހުނަރުވެރި އަދި ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކާޖޮލްގެ އެންމެ ފަހުގެ ފިލްމަކީ ފިރިމީހާ އަޖޭ ދޭވްގަންއާ އެކު ޖެނުއަރީ މަހު ރިލީޒްކުރި "ތާނަޖީ: ދި އަންސަންގް ވޮރިއާ" އެވެ. ކާޖޮލްގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ތިރުބާންގާ" ކިޔާ ނެޓްފްލިކްސްގެ ވެބް ސީރީޒެއް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy