ޖިންނިއެއްގެ ޝަކުވާ

ބުދަ ދުވަހާ ގުޅޭ


އުނަގަނޑުގައި ދެއަތް ވިއްދައިލައިފައި، ނިކަން ނުބައި އަޑަކުން ހަނާ ހީނގަތެވެ. މައްޗަށް ބަލައިލިއެވެ. އެއީ ނާމާން އަޑެކެވެ. ކުރެވުނީ ބިރުވެރި އިހުސާސެކެވެ. އިވޭ ކޮންމެ މީހެއްގެ ނިތްކުރިން ފައިގެ ބޮޑުވައި އިނގިއްޔާ ހަމައަށް ފިނިވެ، ދެފައި ގަނޑުވެދާނެ ކަހަލައެވެ. އެންމެން ވެސް ތިބީ އުޑު ފެންނަ ހިސާބެއްގައެވެ. ހަނާ ހުރީ މިނިވަން ވެފައެވެ. ސިކުންތެއްގެ ތެރޭގައި ހުރިހައި ކަމެއް ބަދަލުވެގެން ހިނގައިދާނެ ކަހަލަ ހާލަތެކެވެ. ބުއްދީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަންޖެހެނީ ވެސް އެ ފަދަ ހާލަތްތަކުގައެވެ. އަނިލް ތެޅިފޮޅިއެއް ނުގަނެއެވެ. ކަންބޮޑުވި ކަމަކަށް ނުހެދުނެވެ.

"ކީއްކުރަން މީހުން ބިރުގަންނަވަނީ؟" އަނިލް ސުވާލުކުރިއެވެ. "މަ ހިތަށް ނާރާނެ ކަހަރުވަކެކޭ ވެސް. މަތިން ކޯޗެއް ފެންނަނީ؟"

އަނިލް ބުނީ ތެދެއް ކަމަކަށް ހަނާ ގަބޫލެއް ނުކުރެއެވެ. އެ މާނަ ދޭހަވީ ހަނާގެ ދެ ލޮލުންނެވެ. އަނިލްއާ ދިމާއަށް ބަލައިލައިފައި އަނެއްކާ ވެސް ހަނާ ބަލައިލީ އުޑާ ދިމާއަށެވެ.

"ހަނދު!" ހަނާ ދިނީ ވަރަށް ކުރު ޖަވާބެކެވެ.

ހަނާ ކުއްލިއަކަށް އުދުއްސައެއް ނުގަނެއެވެ. މަތި ބަލަން އިރުކޮޅަކު ހުއްޓެވެ. އެއްވެސް މީހަކު ހާސްނުވުމަށް، އަތުގެ އިޝާރާތުން އަނިލް އެންގިއެވެ. އެންމެން ގާވެފައި ތިބީއެވެ. ހަނާ ކުރިޔަށް ހިނގައިގަތެވެ. ރިޒްވާން ގޮސް ހަނާގެ އަތުގައި ހިފިއެވެ. ދެ މީހުން އެކުގައި ހިނގައިފައި ގޮސް ގެއަށް ވަނެވެ. އެ ގެއަކީ ހަނާ ދަންނަ ގެއެކެވެ. ވަދެއުޅޭ ގެއެކެވެ.

"އަންނާނަން ވުލޫކޮށްލައިގެން." ދޮރާށިން އެތެރެއަށް ވަދެފައި ހަނާ ބުންޏެވެ.

ރިޒްވާން ދޫކޮށްލުމުން ހަނާ އެތެރެއަށް ވަދެގެން ގޮސް އަފީފާގެ ކޮޓަރިއަށް ވަނެވެ. އަފީފާގެ ދެމަފިރިން ތިބީ ޓީވީ ބަލާށެވެ. އަނިލްމެން ކޮޓަރިއަށް ވަންއިރު ހަނާ އުޅެނީ ފާހާނައިގައެވެ. އެ ރޭ އަނިލް ކުޑަ ކެމެރާއެއް ގެނައެވެ. ރުޤްޔާކުރާ އިރު ރެކޯޑު ކޮށްގެން ފަހުން ދިރާސާކޮށް ބެލުމަށް ޓަކައެވެ. އެކި ވޭދަނަ ތަކުގައި މަސައްކަތްކުރާ އިރު ވާނުވާ ބަލަހައްޓަން ފަސޭހަކުރުމަށް ޓަކައެވެ. ކެމެރާ ބަހައްޓާނެ ތަނަކާ މެދުގައި ތިން މީހުން މަޝްވަރާކޮށްފައި ރިޒްވާނަށް ކަމުދިޔައީ އެނދުގެ ކުރިމަތީގައި ހުރި އަލަމާރީގެ މައްޗެވެ. އަނިލް އެނދަށް އަރައި، އަލަމާރި މަތީގައި ކެމެރާ ބަހައްޓަނިކޮށް ކުއްލިއަކަށް ހަނާ ފާހާނައިން ނުކުތެވެ. އެހާ އަވަހަށް ހަނާ ނުކުންނާނެ ކަމަކަށް އެކަކު ވެސް ހިޔެއް ނުކުރެއެވެ.

"ރިޒްވާން!" ހަނާ ގޮވައިލިއެވެ. "އާދެބަލަ!"

ރިޒްވާނަކީ ހަނާގެ ފިރިމީހާއެވެ. އެކަމަކު ރިޒްވާނަށް އެކަނި ގޮވައިލުމުން ދާން ނުދާން ކަހަލަ ގޮތަކަށް ރިޒްވާން އިނީއެވެ.

"ކީއްވެފަތަ ފާޑަކަށް ތި ހުންނަނީ؟" ހަނާ ސުވާލުކުރިއެވެ. "ގެނައި ހެދުން ދީބަލަ! ހެދުން ބަދަލުކުރަން ވެއްޖެ! ކިޔަވާ އިރު މި ހެދުން ކަމަކުނުދާނެ."

ރިޒްވާން ހެދުން ގެނައީ އަނިލްއަށް ވެސް ނާންގައެވެ. އެކަމަކު ހަނާއަށް އެ ކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ "ހަނާ" އަކީ ހަނާ ނޫން ކަމަށް ގަބޫލުކުރެވެނީ އެ ކަހަލަ ސަބަބުތަކަށް ޓަކައެވެ. އެހެން ބާރެއްގެ މުށުތެރޭގައި ހަނާ ހައްޔަރުވެފައިވާ ކަން ސާބިތުވަނީ ވެސް އެހެންވެއެވެ. ކަންކަން ހިނގަމުންދިޔައީ އެންމެންގެ ލޯ ކުރިމަތީގައެވެ.

"ކިޔަވާ އިރުއޭ؟" ނޭނގޭ ކަމަށް ހެދިފައި ރިޒްވާން ބުންޏެވެ. "އަހަރުމެން އެބަ އުޅޭތަ ހަނާއަށް ކިޔަވަން؟"

"އަހަންނަށް ނޭނގޭ ކަމަށްތަ ހީކުރީ؟" މަލާމާތުގެ ރާގަކަށް ހީނގެންފައި ހަނާ ބުންޏެވެ. "އަހަންނަށް އެބަ އެނގޭ ތި ހުރިހާ އެއްޗެއް. އަހަންނަށް އެބަ އެނގޭ އެ ގޭގަ ނުކިޔެވީ ކީއްވެގެންކަން ވެސް. ދެން މައްސަލައެއް ނެތޭ! މި ގޭގަ ވެސް ކިޔަވާލާ! ވާ އެއްޗެއް އެނގިދާނެއްނު!"

ރިޒްވާން ހެދުން ދިނެވެ. ހަނާ ފާހާނަޔަށް ވަންނާކަށް ނޫޅެއެވެ. އަނިލްއާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ.

"ކީއްކުރަން ތި އުޅެނީ؟" ހަނާ އެހިއެވެ.

"ކިހިނެއްވީ؟" ރިޒްވާން ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އެއީ އަނިލް ފޯނު ޗާޖަށްޖަހަން ކަރަންޓު ޕޮއިންޓެއް ފެނޭތޯ ބަލައިލަނީ."

"އެހެންތަ؟" ހަނާ ބުންޏެވެ. "ފޯނު ޗާޖަށް ޖަހަނީ އުޑަށްތަ؟ މަށަށް އެބަ އެނގޭ މިރޭ ކީއްކުރަންކަން ތި އުޅެނީ. މަޑުކުރޭ! މަ އެބަ އަންނަން ރަނގަޅު އެއްޗެއް ހިފައިގެން."

ހަނާ ވަގުތުން ކޮޓަރިން ނުކުތެވެ. އަނިލްއާއި ރިޒްވާން އެކަކު އަނެކަކަށް ބަލައިލިއެވެ. އެ ގޭގައި ހުންނަ އެއްޗެއްސާއި އެއްޗެހި ހުންނަ ތަންތަން ހަނާއަށް އެނގޭ ހެއްޔެވެ؟ އެންމެންގެ ހިތުގައި ވެސް ސުވާލު އުފެދުނެވެ. ހަނާ އެ ދިޔައީ އެއްޗެއް ބަލައި ހެއްޔެވެ؟ ނުވަތަ އެންމެން މޮޔަހައްދައިފައި ގެއިން ނުކުމެގެން ދިޔައީ ހެއްޔެވެ؟ އެކަކު ވެސް ފަހަތަކުން ނުދެއެވެ. އިންތިޒާރުކޮށްގެން ތިބީއެވެ. އިރުކޮޅެއްވީ އިރު ވެސް ހަނާއެއް ނައެވެ. ރިޒްވާނަކަށް ނުހުރެވުނެވެ. ނުކުންނަން ހަމަ ހިނގައިގަތް ތަނާ ހަނާ ކޮޓަރިއަށް ވަނެވެ. އޭނަ އަތުގައި އޮތީ ކެމެރާސްޓޭންޑެކެވެ. ގޭގައި އެ ފަދަ އެއްޗެއް އޮންނާނެކަން ރިޒްވާން ހަނދާންވީ ދެނެވެ. އޭގެ އެއް ފައި އޮންނަން ޖެހޭނީ ނެއްޓިފައެވެ. ކުރިން ދުވަހަކު އޭތި ހޯދަން ރިޒްވާން ވަރަށް މަސައްކަތްކުރި ވެސް މެއެވެ. އެހެންނަމަވެސް ކާމިޔާބު ނުވީއެވެ. އެކަމަކު ހަނާއަށް އެ ކެމެރާސްޓޭންޑް އޮތްކަން އެނގުނީ ކިހިނެއްބާއޭ ރިޒްވާން ހިތަށްއެރިއެވެ.

"ތި މީގަ ހަރުކޮށްބަލަ!" ހަނާ ބުންޏެވެ. "ތި އުޅެނީ ވީޑިޔޯކުރާކަށްނު! އަހަންނަށް އެބަ އެނގެޔޭ. މީތި މި އޮތީ ހަދައިލާފަ!"

ހައިރާންވެގެން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބައި ހަނާ ގޮސް ފާހާނަޔަށް ވަދެފައި ހެދުން ބަދަލުކޮށްގެން އައިސް އެނދުގައި، ނިކަން ހަމަޖެހިލައިގެން އޮށޯތެވެ.

"ހޫނ! ފަށާ!" ހަނާ އެދުނެވެ. "މަ މިހިރީ ތައްޔާރަށް."

ކެމެރާ ރަނގަޅަށް ހަރުކުރުމަށް ފަހު އަނިލް ކިޔަވަން ފެށިއެވެ. ހަމަ ފަށާ އިރަށް ހަނާ ވައްތަރުތަކެއް ޖައްސަން ފެށިއެވެ. ދެފައި އެކުގައި މައްޗަށް ހިއްލިއެވެ. ދެއަތް މައްޗަށް ނަގައިގެން ހަރަކާތްތަކެއް ކުރިއެވެ. ދޭތެރެއަކުން ތެދުވަން އުޅެލައިފައި އޮށޯވެއެވެ. ދެފައިން ބައިސްކަލު ދުއްވަން ފަށައެވެ.

"ބަލަބަަލަ! ތައްޔާރަށޭ ކިޔައިފަ ކޮން ވައްތަރުތަކެއް ތި ޖައްސަނީ؟" އަނިލް ސުވާލުކުރިއެވެ. "ރީތިކޮށް އޮވެބަލަ!"

"މަ ނޯންނާނަން ރީއްޗަކަށް!" ހަނާގެ ކަރުބުޑުން ނުކުތީ ހަނާގެ އަޑާ ވައްތަރު ނޫން އަޑެކެވެ. "މަ ރީތިކޮށް އޮންނަން ވެގެނެއް ނޫނޭ ކަލޭ ކައިރީގަ ކިޔަވާށޭ ބުނީ. ކިޔެވިޔަސް ކަމެއް ނުވާނެކަން ދައްކާލަންވެގެން ކިޔަވާށޭ ބުނީ."

އަނެއްކާ ވެސް އަނިލްއާއި ޖިންނި "ހަތަރުކަޅި ހަމަކޮށް" ބައްދަލުވީއެވެ. ހަނާގެ ހަށިގަނޑު ތެރޭގައި އެތައް އިރަކު ފިލައިގެން އުޅުމަށް ފަހުގައެވެ.

"ކަލެޔާތަ އަހަރެންނަށް ވާހަކަދެއްކުނީ؟" އަނިލް އެހިއެވެ. "އަހަންނަށް އެނގެޔޭ ކަލެއަށް އެނގޭކަން. އެހެންވެ މަ ދެން އެއްޗެކޭ ނުބުނެ މި އައީ."

"ކަލޭ ހީކުރީ މި ގޭގަ ކިޔެވީމަ މަގޭ ރައްޓެހިންނަށް މި ގެއަށް ނާދެވޭނެ ކަމަށް؟" ރުޅިއައިސްފައިވާ ދެ ލޮލުން އަނިލްއަށް ބަލައިލަމުން "ހަނާ" ބުންޏެވެ. "ދޮންތަ ގާތުގަ ކަލޭ ދެއްކި ހުރިހާ ވާހަކައެއް އަހަރެން އަޑުއެހީމޭ."

"ކޮން އިރަކު؟" އަނިލް ނުވެސް އެނގިފައި އެހިއެވެ.

"މިރޭ!" ހަނާގެ ރުޅި ހައްތަހާ ގަދަވިއެވެ. "މި ތަނަށް އައުމުގެ ކުރިން."

ކިތަންމެ ރުޅިއައިސްފައި ހަނާ ވާހަކަދެއްކިޔަސް އަނިލް އިނީ ވަރަށް ހަމަޖެހިފައެވެ. ހަނާ ރުޅިއަންނަ ވަރަކަށް އަނިލްއަށް ލިބުނު ހިތްހަމަޖެހުން ވީ ބޮޑެވެ. ޖިންނިސައިތާނާ ރުޅިއައުމަކީ އެ މަޚުލޫގުގެ ކެތްތެރިކަން ކޮޅުންލާ ކަމުގެ ހެއްކެކެވެ.

"މިރޭ ރިޒްވާންގެ ދޮންތަޔަކާ ވާހަކައެއް ނުވެސް ދައްކަން." އަނިލް ޖަވާބުގައި ބުންޏެވެ.

"އެހެންވިއްޔާ ކަލެޔާ ރިޒްވާނާ ދެ މީހުން ފޯނުން ވާހަކަދެއްކީމެއްނު!" ޔަގީންކަމާ އެކުގައި ހަނާ ރައްދު ދެމުން ގެންދިޔައެވެ. "ފޯނުން ދައްކާ ވާހަކަތައް ވެސް އަހަންނަށް އަޑުއެހޭނެ."

"ވަރިހަމައޭ އަޑުއެހިޔަސް،" އަނިލް ބުންޏެވެ. "އެކަމަކު ރިޒްވާނަކީ ދޮންތައެއް ނޫނެއްނު!"

"ރިޒްވާން ގުޅިއޭ ދޮންތައަށް،" ތަންކޮޅެއް ބާރަށް ހަނާ ބުންޏެވެ. "އަދި ބުނީމެއްނު ދާން މި އުޅެނީ ކޮން ތަނަކަށްކަން ނުބުނައްޗޭ! ކަލޭ ގެއަށް ވަދެފަ ދާން ބުނާ އިރަށް އަހަންނަށް އެނގިއްޖެ މީކަން އެ ރެޔަކީ."

އަނިލްގެ މަގުސަދަކީ ރުޤްޔާކުރުމެވެ. ހަނާ ރަނގަޅުކުރުމެވެ. އެހެންނަމަވެސް ވަގުތު ބޭކާރުވަމުން ދިޔައީ ތާކުންތާކު ނުޖެހޭ ވާހަކަތަކުގައެވެ.

"އަންނަ ތަން އެކަންޏެއްނު އެނގުނީ. އަންނަ ގަޑިއެއް ނޭނގުނެއްނު!" އަނިލް ވެސް ދުލެއް ނުކުރެއެވެ. "ގަޑި އެނގުނީ ހަމަ އަހަރެން އަންގަން ބޭނުންވި ގަޑީގައެއްނު! އަޑުއެހިކަމުން ކޮން ފައިދާއެއް ކުރީ؟"

"މަ އިތުރަށް ހޯދަން އުޅުނު ނަމަ ގަޑި ވެސް އެނގުނީސް." ހަނާ ޖަވާބުދިނެވެ.

ލިބުނު ފުރުސަތުގެ ބޭނުން އަނިލް ހިފިއެވެ. ޖިންނިސައިތާނުން ފޮރުވަން ބޭނުންވާ ބޮޑު ސިއްރު ބޭޒާރުކޮށްލިއެވެ.

"މަ އެއްވެސް މީހެއް ގާތުގަ ނުބުނާ އެއްޗެއް ކަލޭ ކިތަންމެ ވަރަކަށް ހޯދަން އުޅުނަސް ކަލެއަކަށް ނޭނގޭނެ،" އަނިލްގެ ޖަވާބުތައް ވެސް ހަރުކަށިވަމުން ދިޔައެވެ. "ކަލޭމެންނަކީ އެހާ ބާރު ގަދަ ބައެއް ނޫނޭ! ކުރިން ކަލޭމެންނަށް އުޑުގެ ވަކި ހިސާބަކަށް އަރައިގެން ޚަބަރުތައް ގެނެވުނަސް މިހާރު އެ މަގު ވެސް ބަންދުވެއްޖެ! ކަލޭމެންގެ ތެރެއިން މަދު ބަޔަކަށް އިންސާނާގެ ސިކުނޑީގަ ހުންނަ ބައެއް އެއްޗެހި އެނގެނީ. އެއީ ވެސް ވަރަށް މަދު ފަހަރަކު. ދެން ކަލޭމެންނަށް ކޮންމެ އެއްޗެއް ވެސް އެނގޭނީ އަހަރުމެންގެ ދުލުން ބޭރުވީމަ."

"އަހަރުމެންގެ ތެރެއިން މަދު ބަޔަކަށް އިންސާނުންގެ ސިކުނޑީގަ ހުންނަ އެއްޗެހި އެނގޭނޭ ބުނާ އިރު އަހަރެން ވެދާނެއްނު އެ މަދު ބައިގެ ތެރެއިން އެކަކަށް،" ހަނާގެ ވާހަކަ ދަތުރުކުރީ ވަކި ހާއްސަ މިސްރާބަކަށެވެ. "އެހެންވެއެއްނު އަހަންނަށް އެނގެނީ ކަލެއަށް ހަނާ ކިހާ ރީތިކަން. ކަލޭ އެއްވެސް މީހެއް ގާތަކު އެ ވާހަކައެއް ނުބުނަމެއްނު!"

"ހަނާ" ބުނީ ތެދެއްކަން އަނިލް ގަބޫލުކުރެއެވެ. ހަނާއަކީ ހުތުރު ކުއްޖެއް ނޫނެވެ. ޖިންނީގެ ބޭނުމަކީ އަނިލް ލައްވައި އެހެން ބުނުވައިގެން ރިޒްވާންގެ ހިތުގައި ޝައްކު އުފެއްދުމެވެ.

"ކަލޭ ހާދަ ވަރަކަށޭ ތި ކަމާ އަޅައިގަނެގެން ތި އުޅެނީ ދޯ؟" އަނިލް ރައްދުގައި ބުންޏެވެ. "އެންމެ ރަނގަޅު. ކަލެއަށް ހަނާ ރީތިތަ؟"

ނުނިމޭ