24 ޖޫން 2020 - 07:57
އެމެރިކާގެ ބޮކްސިން ލެޖެންޑް މައިކް ޓައިޒަންގެ ރޯލް ފިލްމެއްގައި ކުޅެން ޖެމީ ފޮކްސް ސޮއިކޮށް، އެ ފިލްމަށް ތައްޔާރުވާން ފަށައިފި އެވެ.
ޖެމީ މިހާރު އަންނަނީ ޓައިޒަންގެ ރޯލަށް ހަށިގަނޑު ވަރުގަދަކުރަމުންނެވެ. ޓައިޒަން އަކީ ބޮކްސިންގެ ދުނިޔޭގައި އެންމެ ވިދައިލި އެއް ނަމެވެ. އޭނާ ފާހަގަކުރެވިފައި ވަނީ އެ ކުޅިވަރުގައި މިހާތަނަށް އެންމެ ޒުވާން އުމުރުގައި ހެވީވެއިޓް ޗެމްޕިއަންކަން ހޯދި ފަންނާނުގެ ގޮތުގަ އެވެ. އެއީ އުމުރުން 20 އަހަރުގަ އެވެ.
މިހާރު އުމުރުން 53 އަހަރުގެ ޓައިޒަންގެ ރޯލަށް ޖެމީ ތައްޔާރުވަމުން އަންނަ އިރު، "ކެޗިން އަޕް ވިތު މާކް ބާމްބޯމް" އިންސްޓަގްރާމް ލައިވްގައި 52 އަހަރުގެ އެކްޓަރު ބުނީ ޓައިޒަންގެ ރޯލްވެގެން ދާނީ ފިލްމީ ކެރިއަރުގައި މިހާތަނަށް ކުރިމަތިލާ އެންމެ ބޮޑު ޗެލެންޖާ ކަމަށެވެ. އަދި އެ ރޯލް ކުޅެން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ޝަރަފެއް ކަމަށް ބުންޏެވެ.
ޖެމީ ބުނި ގޮތުގައި ޝަހުސިއްޔަތެއްގެ ބައޮގްރަފިކަލް ޑްރާމާއެއް ކުޅުމަކީ އެއްގޮތަކަށް ވެސް ފަސޭހަކަމަކަށް ނުވާނެ އެވެ. އަދި އެކަހަލަ ފިލްމުތަކަށް ބެލުންތެރިން ކުރާނެ އުންމީދު ވެސް ބޮޑުވާނެތީ، ފިލްމު ވަރަށް ފުރިހަމަ އެއްޗަކަށް ވާން ޖެހޭނެ ކަމަށް ބުންޏެވެ.
"އެހެންވީމަ އަހަރެންގެ ސައިޑުން ޓައިޒަންގެ ރޯލަށް މެކްސިމަމް ދޭނަން، ޖަސްޓް މާސީ އާއި ޖާންގޯ އަންޗެއިންޑް ފަދަ ފިލްމުތައް ކުޅެފައިވާ އެކްޓަރު ބުންޏެވެ. "އަހަރެން އުންމީދުކުރަނީ މި ފިލްމަށް ފަހު ބެލުންތެރިންނަށް އަހަންނަކީ ޓައިޒަން ކަމަށް ހީވެގެން މަގުމަތިން ފެނިގެން އޮޓޯގްރާފް ހޯދަން ވެސް ފަހަތުން އަންނާނެ ކަމަށް."
ޖެމީ ބުނިގޮތުގައި މި ފިލްމަށް ކުރަން ޖެހޭ އެންމެ ބޮޑު މަަސައްކަތަކީ ޓައިޒަންގެ ވަރުގަދަ ހަށިގަނޑު ހޯދުމެވެ. އެކަމަށް އޭނާ އަންނަނީ ވަރަށް ގަދައަށް ޓްރޭނިންތައް ޖައްސަމުން ކަމަށް ބުންޏެވެ.
"ފިލްމުން ޓައިޒަންގެ އެކި ދުވަސްވަރު ދައްކައިނޭތީ އަހަރެންގެ ހަށިގަނޑުން ބޮޑެތި ބަދަލުތަކެއް ފެންނާނެ." ޖެމީ ބުންޏެވެ. "މި ތައްޔާރީތަކަށް ޓައޒަންގެ އެހީ ވެސް ލިބޭ."
ޓައިޒަންގެ ފިލްމަށް ދީފައިވާ ނަމަކީ "ފައިންޑިން މައިކް" އެވެ. އެކަމަކު މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy