ކަބީރް އަދި ސަލްމާން.
23 ޖުލައި 2020 - 08:46
ސަލްމާން ޚާން، ޓައިގާ ކިޔާ ކެރެކްޓާއެއް ކުޅޭ ފްރެންޗައިޒްގެ ތިން ވަނަ ފިލްމު ޑައިރެކްޓްކުރާނީ އޭގެ ފުރަތަމަ ފިލްމު ޑައިރެކްޓްކުރި ކަބީރު ޚާން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިޑް-ޑޭ އިން ބުނި ގޮތުގައި ކަބީރާ އެކު ތިން ވަނަ ބައި ކުރިއަށް ގެންދަން ސަލްމާނަށް ލަފާ ދިނީ 2018 ގައި ގެނެސްދިން ދެވަނަ ބައި "ޓައިޒާ ޒިންދާ ހޭ" ލިޔެ، ޑައިރެކްޓްކުރި އަލީ އައްބާސް ޒަފަރެވެ.
އަލީ މި ވަގުތު އުޅެނީ އެހެން ޕްރޮޖެކްޓްތަތަކެއްގައި ވަރަށް ބުރަކޮށެވެ. އޭގެ ތެރޭގައި އޭނާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "މިސްޓަ އިންޑިއާ" އާއި ކެޓްރީނާ ކެއިފާ އެކު ހަދާ ސުޕަހީރޯ ފިލްމެއްގެ އިތުރުން ސައިފް އަލީ ޚާނާ އެކު ގެނެސްދޭ ވެބް ސީރީޒް "ދިއްލީ" ހިމެނެ އެވެ. މީގެ އިތުރުން އަލީ ޕްރޮޑިއުސްކުރާ ފިލްމުތަކެއް ވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އިޝާން ޚައްތަރާއި އަނަންޔާ ޕާންޑޭގެ "ކާލީ ޕީލީ" އާއި ދިލްޖީތު ދޮސަންޖާ އެކު ހަދަން ނިންމާފައިވާ ފިލްމެއް ވެސް ހިމެނެ އެވެ.
މިޑް-ޑޭ އިން ބުނި ގޮތުގައި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު ސިނަމާތަކަށް ގެންނާނީ 2022 ގަ އެވެ. އަދި މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ކަބީރާއި ވައިއާރްއެފުން މިހާރު އަންނަނީ މަޝްވަރާތައް ވެސް ކުރަމުން ކަމަށް އެ ނޫހުން ބުންޏެވެ.
ސަލްމާއި ކެޓްރީނާއާ އެކު ކަބީރް "އޭކް ތަ ޓައިގާ" ގެނެސްދިނީ 2012 ގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ސަލްމާނާ އެކު އިތުރު އެހެން ދެ ފިލްމެއް ވެސް ހަދައިފަ އެވެ. އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި 2015 ގެ "ބަޖިރަންގީ ބައިޖާން" އާއި 2017 ގެ ފްލޮޕް ފިލްމު "ޓިއުބްލައިޓް" އެވެ.
ސަލްމާން ޕްރޮޑިއުސް ވެސް ކުރި "ޓިއުބްލައިޓް" އުންމީދުކުރި ވަރުގެ ފިލްމަކަށް ނުވެ، ބޮޑުތަނުން ފްލޮޕްވުމުން ކަބީރާއި ސަލްމާނާ ދެމެދު އޮތް ގާތް ގުޅުމެއް ވެސް ބުރޫއެރިކަމުގެ އަޑުތަކެއް ކުރިން އަރާފައިވެ އެވެ.
ކަބީރުގެ ކުރިއަށް އޮތް ފިލްމަކީ ކޮވިޑް-19އާ ހެދި ރިލީޒްކުރުން މަޑުޖައްސާލާފައި އޮތް ރަންވީރު ސިންގްގެ "83" އެވެ.
ސަލްމާން ދެން އެންމެ އަވަހަށް ފެންނާނީ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy