މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވި އުންމީދީ ޒުވާން ބަތަލާ، އަނަންޔާ ޕާންޑޭގެ ދެބެއިންގެ ދެ ދަރި އަހާން ޕާންޑޭ ބޮލީވުޑަށް ނެރޭނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ނޫސްތަކުން ބުނީ 22 އަހަރުގެ އަހާންގެ ފުރަތަމަ ފިލްމަކީ ވައިއާރްއެފަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކަށް ހާއްސަކޮށް ހަދާ ފިލްމުތަކުގެ ތެރެއިން ފިލްމެއް ކަމަށެވެ. އަދި އެ ފިލްމު ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ބެލެވެނީ ވައިއާރްއެފްގެ ބާނީ އަދި ކުރީގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ޔާޝް ޗޯޕްޅާގެ 88 ވަނަ އުފަން ދުވަހާ ދިމާކޮށް އަންނަ މަހުގެ 27 ގައި ކަމަށް ބުންޏެވެ.

އެ ތާރީހުގައި ވައިއާރްއެފުން ގިނަ ޕްރޮޖެކްޓަކެއް އިއުލާންކުރާނެ ކަމަށް ބެލެވޭ އިރު، އޭގެ ތެރޭގައި އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާން ބޮލީވުޑަށް ނެރޭ ފިލްމު ވެސް ހިމެނޭނެ ކަމަށް ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.

ވައިއާރްއެފްގެ ފިލްމަކުން އަހާން ބޮލީވުޑަށް ނެރެން ނިންމާފައިވާ ކަމަށް އަޑު ފެތުރިފައިވާ އިރު، މިދިޔަ އަހަރު ރިލީޒްކުރި، ބަތަލާ ރާނީ މުކަރްޖީގެ ފިލްމު "މަރުދާނީ 2" ގެ ވިލަންގެ ރޯލުން ވެސް އަހާން ނެރެން އުޅުނު ކަމަށް އަޑު ފެތުރުނެވެ.

ނަމަވެސް އެ ފިލްމުގެ ޒުވާން ވިލަންގެ ރޯލް ކުޅުނީ ޓީވީ އެކްޓަރު ވިޝާލް ޖެތުވާ އެވެ.

އަހާން އަކީ އަނަންޔާގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު ޗަންކީ ޕާންޑޭގެ ކޮއްކޮ ޗިއްކީ ޕާންޑޭގެ ދަރިއެކެވެ. ޗިއްކީ އާއި ޑިއާން ޕާންޑޭގެ ދެން ހުންނަނީ އަލާނާ ޕާންޑޭ، 25، ކިޔާ އަންހެން ކުއްޖެކެވެ.