ގުރޫ ދަތު.
28 އޯގަސްޓް 2020 - 10:24
ހިންދީ ސިނަމާ ދުށް އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ކުރީގެ މަޝްހޫރު ޑައިރެކްޓަރު/އެކްޓަރު ގުރޫ ދަތުގެ ވާހަކަ ކިޔައިދޭ ފިލްމެއް އޭނާގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ޕިޔާސާ" ގެ ނަމުގައި ހަދަން ނިންމައިފި އެވެ.
މި ފިލްމު ޑައިރެކްޓްކުރަނީ ބަވްނާ ތަލްވާރެވެ. އޭނާ އަކީ 2010 ގެ "ހައްޕީ" އާއި 2007 ގެ "ދަރަމް" ގެނެސްދިން ޑައިރެކްޓަރެވެ. ގުރޫ ދަތުގެ ބައޮގްރަފިކަލް ޑްރާމާ ހަދާކަން ބަވްނާ މިދިޔަ މަހު ކުރި ޓްވީޓެއްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އޭގައި އޭނާ ވަނީ "ޕިޔާސާ" ގެ ސްކްރިޕްޓް ވެސް ދައްކާލައިފަ އެވެ. އެ ޓްވީޓްގައި ބުނީ އޭގެ މަސައްކަތްކުރަމުން އަންނަތާ ހަތް އަހަރުވެއްޖެ ކަމަށާއި ދެން އޮތީ ފިލްމުގެ މަސައްކަތް ފަށައިގަތުން ކަމަށެވެ.
Now that the cat’s out of the bag! Can’t wait to get down to this one after 7 years of toil and immeasurable joy. pic.twitter.com/dRwszMWEM0
— Bhavna Talwar (@BhavnaTalwar) July 29, 2020
"ޕިޔާސާ" އަކީ ގުރޫ ދަތުގެ ކުރު ކެރިއަރުގައި ގެނެސްދިން ފިލްމުތަކުގެ ތެރެއިން އެ ފިލްމެއްގެ ވާހަކަ އަބަދު ވެސް ހިންދީ ސިނަމާގައި އެންމެ ގަދައަށް ދެކެވޭ އެއް ފިލްމެވެ. ވަރަށް އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދިން އެ ފިލްމަކީ ގުރޫ ދަތު ޑައިރެކްޓްކޮށް 1957 ގައި ކުޅުނު ފިލްމެކެވެ. "ޕިޔާސާ" ގެ ބަތަލާއިންނަކީ ވަހީދާ ރަހްމާނާއި މާލާ ސިންހާ އެވެ.
އުމުރުން އެންމެ 39 އަހަރުގައި މަރުވި ގުރޫ ދަތު ހިންދީ ސިނަމާ އަށް ދޫކޮށްލި ރަންމުތް ފަދަ ފިލްމުތަކުގެ ތެރޭގައި "ކާގަޒް ކޭ ޕޫލް" އާއި "ސާހިބު ބީވީ އޯރް ގުލާމް" އަދި "ޗޯންދުވިން ކަ ޗާންދު" ހިމެނެ އެވެ.
ގުރޫ ދަތުގެ މަރަކީ އަމިއްލަ އަށް މަރުވުމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. އޭނާ ނިދީގައި މަރުވެފައި އޮއްވައި އޮކްޓޯބަރު 10، 1964 ގައި ފެނުނު އިރު ގިނަ އަދަދަކަށް ނިދާ ބޭހާއި ބަނގުރާ ބޮއެ އޯވަޑޯޒްވެފައިވާ ކަމަށް އޭރު މީޑިއާތަކުން ބުނެފައިވެ އެވެ.
ގުރޫ ދަތުގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ނިންމި ނަމަވެސް މިއާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy