ލަވަކިޔުންތެރިޔާ އަޝްފާ "ބީވީމާ" އިން އެކްޓިން އަށް

ޑާކް ރެއިން އެންޓަޓައިންމަންޓަށް ސްކްރީން ރައިޓަރު އަހުމަދު ޒަރީރު ލިޔެ، ޑައިރެކްޓްކުރާ ފިލްމު "ބީވީމާ" އިން، މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އެކްޓިން އަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.


މިހާރު ޝޫޓިން ކުރިއަށްދާ ފިލްމުގެ މައި ކެރެކްޓާތަކުގެ ޕޯސްޓަރުތައް ދައްކައިލި އިރު، އަޝްފާގެ ޕޯސްޓަރެއް ވެސް ހިމެނެ އެވެ. އާންމުންގެ ތެރޭގައި މަގުބޫލުވި އެތައް ލަވައެއް ކިޔާފައިވާ އަޝްފާ އަކީ ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) ގެ އަންހެނުންނެވެ.

ޑާކް ރެއިންގެ ފިލްމަކުން އަޝްފާ އެކްޓިން އަށް ނުކުންނަ އިރު، އެ ސްޓޫޑިއޯ އިން މީގެ ކުރިން ވެސް ވަނީ ބައެއް ލަވަކިޔުންތެރިން ބޮޑު ސްކްރީނަށް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި އަބްދުﷲ ޝާފިއު (ފުބޫ) އާއި އަހުމަދު ޔާމީނާއި ހަސަން އިރުފާން (ޒަކިއްޓެ) ގެ އިތުރުން އޭނާގެ ކޮއްކޮ އިބްރާހީމް އަމާން ހިމެނެ އެވެ.

"ބީވީމާ" ގެ ކާސްޓްގައި އަޝްފާއާ އެކު ފެނިގެންދާނެ ކާސްޓުންގެ ތެރޭގައި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، އަލީ ޝަޒްލީމް، އައިޝަތު ޔާދާ އަދި އާމިނަތު ރަޝްފާ (އާޝާ) ހިމެނެ އެވެ. ފިލްމުން އާ މޫނުތަކެއް ވެސް ތައާރަފުކުރާނެ އެވެ.

"ލީނާ" އާއި "އަނދިރިކަން" ފަދަ ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުނު ޒަރީރު ޑައިރެކްޓްކުރާ "ބީވީމާ" އަކީ އޭނާ ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމެވެ. މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.