ސަލްމާން.
19 ސެޕްޓެމްބަރ 2020 - 08:01
ސަލްމާން ޚާންގެ "ޓައިގާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު ހަތް ގައުމެއްގައި ޝޫޓްކުރާނެ ކަމަށާއި ޝޫޓިން ފަށަން ތާވަލުކޮށްފައި ވަނީ އަންނަ ފެބްރުއަރީ މަހު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މި ފަހަރު ފިލްމުގެ ޑައިރެކްޝަން މަނީޝް ޝަރުމާ ހަވާލުކޮށްފައިވާ އިރު، ލޮކޭޝަން ހޯދަން އޭނާ އާއި ފިލްމުގެ ޓީމް ޑިސެމްބަރު މަހު އެމެރިކާ އާއި ޔޫއޭއީ އާއި ތުރުކީ ފަދަ ގައުމުތަކަށް ވެސް ދާނެ އެވެ. "ބޭންޑް ބާޖާ ބާރާތު" ފަދަ ފިލްމުތައް ގެނެސްދިން މަނީޝް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ޝާހްރުކް ޚާންގެ 2016 ފިލްމު "ފޭން" އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޑިއުސްކުރާ "ޓައިގާ" ފްރެންޗައިޒަކީ ސަލްމާނާއ ކެޓްރީނާ ކެއިފް ފެނިގެންދާ އެއްޗެކެވެ. ތިން ވަނަ ބައިން ވެސް ކެޓްރީނާ ފެންނާނެ ކަމަށް ބެލެވެ އެވެ.
ފިލްމުފެއާ އިން ބުނިގޮތުގައި "ޓައިގާ 3" ހަދަން މި ފަހަރު ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ ބޭނުން ވަނީ ބޮޑު ބަޖެޓަކުން ވަރަށް ބިޔަ ޕްރޮޖެކްޓެއްގަ އެވެ. އެގޮތުން ހަތް ގައުމެއްގައި ފިލްމުގެ މަންޒަރުތައް ނަގާ އިރު، މީގެ ބަޖެޓަކީ ގާތްގަނޑަކަށް 300 ކްރޯޑް ރުޕީސް (41.9 މިލިއަން ޑޮލަރު) ކަމަށް ބައެއް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވެ އެވެ. އެހެންވެ މި ފިލްމުވެގެން ދާނީ މިހާތަނަށް ވައިއާރްއެފުން ހަދާ އަގު ބޮޑު ފިލްމަށެވެ.
"ޓައިގާ 3" ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ބެލެވެނީ މި މަހުގެ 27 ގަ އެވެ. އެ ދުވަހަކީ އެ ސްޓޫޑިއޯގެ ބާނީ ޔާޝް ޗޯޕްޅާގެ އުފަން ދުވަހަށްވެފައި މި އަހަރަކީ ވައިއާރްއެފުން ފިލްމު ހަދާތާ ބައި ގަރުނު ފުރުނު އަހަރަށްވާތީ އެކަމާ ގުޅުވައިގެން ގިނަ ޕްރޮޖެކްޓްތަކެއް އިއުލާންކުރަން އަންނަނީ ތައްޔާރުވަމުންނެވެ.
"ޓައިގާ" ފްރެންޗައިޒްގެ ފުރަތަމަ ފިލްމު "އޭކް ތަ ޓައިގާ" ކަބީރް ޚާން ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިނީ 2012 ގަ އެވެ. އަދި "ޓައިގާ ޒިންދާ ހޭ" އަލީ އައްބާސް ޒަފަރު ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިނީ 2017 ގަ އެވެ. އެ ދެ ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް ހިނގި ދެ ފިލްމެވެ.
ފިލްމުފެއާ އިން ބުނިގޮތުގައި "ޓައިގާ 3" ގެ ސްކްރީންޕްލޭ ލިޔުނީ އަދިތިޔާ އާއި ޖައިދީޕް ސާނީ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy