30 ސެޕްޓެމްބަރ 2020 - 08:42
އަމިއްލަ ލަވަތައް އެއް އިރެއްގައި ވެސް އަޑުނާހާ ކަމަށާއި އެ ލަވަތައް އަހުއަޑާ ނަމަ ވަރަށް ގިނަ ގޯސްތައް ފެންނާނެ ކަމަށް އިންޑިއާގެ ކުޅަދާނަ ލަވަކިޔުންތެރިިޔާ ލަތާ މަންގޭޝްކަރް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި 91 އަހަރުގެ ލަތާ ބުނީ ލަވައެއް ރެކޯޑްކޮށް ނިމުން އެ ލަވައަކާއި އޭނާއާ އޮންނަ ގުޅުން ކެނޑުނީ ކަމަށެވެ.
"އަޑުއަހާ ނަމަ އެ ލަވަތަކުން ވަރަށް ގިނަ ގޯސްތައް ފެންނާނެ،" މިހާތަނަށް އެންމެ ގިނަ ލަވަ ރެކޯޑްކުރި އަންހެން ފަންނާނުންގެ ތެރޭގައި ހިމެނޭ ލަތާ ބުންޏެވެ. "އެހެންވެ އެހާ ގަޔާވާ ކަމެއް ވެސް ނޫން އަމިއްލަ ލަވަތައް އަޑުއެހުމަކީ."
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ލަތާ އަކީ އިންޑިއާ ދުށް އެންމެ ކުޅަދާނަ އަންހެން ލަވަކިޔުންތެރިޔާ އެވެ. ލަތާ ވަނީ ހިންދީ ސިނަމާގެ އެތައް ޖީލަކަށް ލަވަ ކިޔައިދީފަ އެވެ. އޭނާ ކިޔާފައިވާ ކޮންމެ ލަވަ އަކީ އެހުންތެރިންނާއި ބެލުންތެރިންގެ ހިތްތަކުން ހާއްސަ މަގާމެއް ހޯދާފައިވާ ލަވަތަކެވެ.
ލަތާ ބުނި ގޮތުގައި އޭނާގެ މިއުޒިކީ ކެރިއަރުގެ ކުލަ ކިތަންމެ ގަދަވެފައި ކާމިޔާބު މީހަކަށް ވިޔަސް ދުވަހަކު އެކަންކަން ސީރިއަސްކޮށެއް ނުނަގަ އެވެ. އަދި އަބަދު ވެސް އޭނާ އަކީ ވަރަށް އާދައިގެ މީހެއް ކަމަށް ބުންޏެވެ. ލަތާ ބުނީ ލިބުނު ކާމިޔާބީގެ ސަބަބުން ބޮޑާ މީހަކަށްވި ނަމަ އޭނާ އަށް މިއަދު އާދެވިފައި ހުރި ހިސާބަށް ނާދެވުނީސް ކަމަށެވެ.
"އަހަރެން ދެކެފިން ކުއްލިއަކަށް ތަރި އަރާފައި އޮއްސުނު ފަންނާނުންތަކެއް ވެސް. ސަބަބަކީ ކާމިޔާބީގެ ސަބަބުން ބޮޑާވެ، އެ މީހަކަށް އޭނާ ފެނުން،" ލަތާ ބުންޏެވެ.
އޭނާ ބުނީ ހިންދީ ސިނަމާ އިން ހާއްސަ މަގާމެއް ހޯދުމުގެ ކުރިން ވެސް އިންޑިއާގެ މިއުޒިކީ އުދަރެހުން އަލިގަދަ އަންހެން އެތައް ފަންނާނުންތަކެއް ފެނިގެން ދިޔަ ކަމަށެވެ. އެހެންވެ އެއް އިރެއްގައި ވެސް އަމިއްލަ އަށް މާ މޮޅު މީހަކަށް ވެގެން ނޫޅޭ ކަމަށް ބުންޏެވެ. ލަތާ ބުނީ ކުރީގެ ލަވަކިޔުންތެރިން ކަމަށްވާ ޝަމްޝާދު ބޭގަމާއި ނޫރު ޖަހާން އާއި ގީތާ ދަތު ފަދަ އަންހެން ލަވަކިޔުންތެރިންނަކީ ލާމަސީލު މިސާލުތަކެއް ކަމަށެވެ. އަދި ލަތާއާ އެކުއެކީގައިހެން ކާމިޔާބު ހޯދި ކޮއްކޮ އާޝާ ބޯސްލޭ އަކީ ވެސް ވަރަށް ހުނަރު ލަވަކިޔުންތެރިއެއް ކަމަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ހިންދީ ސިނަމާ އަށް ލަވަ ކިޔައިދޭ މިހާރުގެ ފަންނާނުންގެ ތެރޭގައި ޝްރެޔާ ގޯޝަލް އާއި ސުނީދީ ޗޯހަންގެ އިތުރުން އަލްކާ ޔަގްނިކަކީ ވަރަށް ކަމުދާ ލަވަކިޔުންތެރިންނެވެ.
ލަތާ ބުނީ އިންޑިއާ އަކީ ހުނަރުން ފުރިގެންވާ ފަންނާނުންތަކެއް ތިބި ގައުމެއް ކަމަށާއި މިހާރު ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް އެތަކެއް ލަވަކިޔުންތެރިންތަކެއް އުފެދިގެންދާނެ ކަމަށެވެ. އަދި ބައެއް މީހުން ދެކޭ ގޮތާ ހިލާފަށް އިތުރު ލަތާއެއް އިންޑިިއާ އިން ފެނުމަކީ ނުވާނެ ކަމަށް ބުނާ ވާހަކަ އަކީ ވެސް ގަބޫލުކުރާ ވާހަކައެއް ނޫން ކަމަށް ބުންޏެވެ.
"އަހަންނަށް ވުރެ މާ ކުރިން އަދި ފަހުން ވެސް މާ މޮޅެތި އަންހެން ލަވަކިޔުންތެރިން އިންޑިއާ އިން ފެނިފައިވޭ." ލަތާ ބުންޏެވެ.
ހާހަކަށް ވުރެ ގިނަ ފިލްމުތަކަށާއި އަދި އެތައް އަލްބަމަކަށް އިންޑިއާގެ އެތައް ބަހުރުވައަކުން މިހާތަނަށް ލަވަ ކިޔާފައިވާ ލަތާ ބުނި ގޮތުގައި އޭނާ ލަވަ ކިޔައިދިން ބަތަލާއިންގެ ތެރޭގައި މީނާ ކުމާރީ އާއި ނަރުގިސް އާއި ހެމާ މާލިނީ އަދި ޕޫޖާ ބަޓަކީ ވަރަށް ގަޔާވި ބަތަލާއިންނެވެ.
ވަރަށް ހަގު އުމުރުގައި މިއުޒިކީ ދާއިރާ އަށް ނުކުތް ލަތާ އާންމުންގެ ތެރޭގައި މަޝްހޫރުވެގެން ދިޔައީ 1949 ގެ ފިލްމު "މަހަލް" އަށް ކިޔައިދިން "އާއެގާ އާނޭވާލާ" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ފަނޑުވުމެއް ނެތް އައިކޮނިކް އެތައް ލަވައެއް ކިޔައިފަ އެވެ.
"މަހަލްގެ އާއެގާ އާނޭވާލާ އަހަރެންގެ ކެރިއަރު ބަދަލުކޮށް ލަވައަކީ." ލަތާ ބުންޏެވެ.
ލަވަކިޔައިގެން ލަތާ އަށް މިހާތަނަށް ނުލިބޭ އެއްވެސް ކާމިޔާބީއެެއް ނެތެވެ. ތިން ނެޝަނަލް އެވޯޑް ހޯދާފައިވާ ލަތާ އަކީ އިންޑިއާ ސަރުކާރުން ހިދުމަތްތެރިންނަށް ދޭ މަތީ ޝަރަފުތައް ވެސް ހާސިލުކޮށްފައިވާ ފަންނާނެކެވެ. އޭގެ ތެރޭގައި ޕަދުމާ ބުޝަން އާއި ޕަދުމާ ވިބުޝަން އާއި ބާރަތު ރަތުނާގެ އިތުރުން ދާދާ ސާހެބް ޕާލްކޭ އެވޯޑް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޝް
01 October 2020
ތީ ދޮގެއް! ކިތައް ކުރީގެ އިންޓަވިއު ތަކުގަ ބުނީ ތިމްންނަގެ މިވެނި ލަވައެކޭ އެއްމެ ރީތީ! އަޑު ނާހާ ކިހިނެއްތޯ އިގެނީ!
ކުމާެރު ސާނޫން
30 September 2020
އެކަމު އަހަރެންނަށް ގިނައިން އަޑުއެހެނީ އަހަރެންގެ ލަވަތައް އެގޮތުން ކޮންމެ ދުވަހަކު އެންމެ މަދުވެގެން 3 ލަވަ ކިޔަމުން އަޑުއަހަން
ޒަންޖަބީލާ
30 September 2020
ސޭކުސްތާނު ލަވަތައް ޓީވީ އެމުން ފޮނުވާނީ..