ފްރާންސްގެ "ކޯލް މައި އޭޖެންޓް" ހިންދީ ބަހުން

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފްރާންސްގެ ވެބް ސީރީޒް "ކޯލް މައި އޭޖެންޓް" އަސްލަކަށް ބަލައިގެން ހިންދީ ބަހުން ގެނެސްދޭން ނިންމައިފި އެވެ.


އިންޑިއާގެ މުނިފޫހި ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި "ކޯލް މައި އޭޖެންޓް" ހިންދީ އޯޑިއަންސަށް ނެޓްފްލިކްސް މެދުވެރިކޮށް ގެނެސްދޭން އެންމެ ފުރަތަމަ ނިންމީ ކަރަން ޖޯހަރެވެ. ނަމަވެސް އެހެން ބަޔަކު އެއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަން އެނގުމުން އޭނާ އެ ހިޔާލު ދޫކޮށްލުމުން އެ ސީރީޒްގެ ހިންދީ ވާޝަން ހެދުމުގެ މަސައްކަތް ފަށާފައި ވަނީ ސަމީރު ނައިރްގެ އެޕްލޯސް އެންޓަޓައިންމަންޓާއި ބަނިޖޭ އޭޝިއާ ގުޅިގެންނެވެ.

މީޑިއާތަކުން ބުނި ގޮތުގައި "ކޯލް މައި އޭޖެންޓް" ގެ ހިންދީ ވާޝަން ޑައިރެކްޓްކުރާނީ "ބަންޓީ އޯރް ބަބްލީ" އާއި "ސާތިޔާ" ފަދަ ފިލްމުތައް ގެނެސްދިން ޝާދު އަލީ އެވެ. މީގެ ލީޑް ކާސްޓަށް އަހާނާ ކުމްރާ އާއި އާޔޫޝް މެހެރާ އާއި ރާދިކާ ސޭތު ވަނީ ނަގައިފަ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި "ކޯލް މައި އޭޖެންޓް" އެޕިސޯޑްތަކުގެ ކެމިއޯތަކުން ބޮލީވުޑްގެ އޭ-ލިސްޓް ތަރިންތަކެއް ވެސް ފެނިގެންދާނެ އެވެ. އަދި މީގެ ޝޫޓިން ފަށަން ތާވަލުކޮށްފައި ވަނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ހަންގާމާ އިން ބުނިގޮތުގައި "ކޯލް މައި އޭޖެންޓް" ގެ ހިންދީ ވާޝަންގެ މައިގަނޑު ކާސްޓުން ފެންނާނެ އިތުރު ތަރިންގެ ތެރޭގައި ރަޖަތު ކަޕޫރާއި ބަތަލާ އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާން ހިމެނެ އެވެ.

ކެމިއޯތަކުން ފެންނާނެ ބައެއް ތަރިންގެ ތެރޭގައި ރިޗާ ޗައްޑާ އާއި ލޯބިވެރިިޔާ އަލީ ފަޒަލާއި ދިއާ މިރްޒާ އާއި ލާރާ ދައްތާ އާއި ޝްރޫތީ ހަސަނާއި ޑައިރެކްޓަރު/ކޮރިއޮގްރާފަރު ފަރާ ޚާން ހިމެނެ އެވެ.

"ކޯލް މައި އޭޖެންޓް" ގެ ހިންދީ ވާޝަން ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ތިން ސީޒަނަކަށް ނެޓްފްލިކްސް އިން 2015-2018 އަށް ގެނެސްދިން "ކޯލް މައި އޭޖެންޓް" އަކީ ޓެލެންޓް އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރާ ހަތަރު މީހެއްގެ ވާހަކަ ކިޔައިދިން އެއްޗެކެވެ. އެގޮތުން އެ މީހުންގެ ޕްރޮފެޝަނަލް ކެރިއަރާއި ޒާތީ ދިރިއުޅުމުގައި ހުރި ސިއްރުތައް ޝައުގުވެރި ގޮތަކަށް ގެނެސްދީފައިވެ އެވެ.