ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ދާދި ފަހުން ސްކޮޓްލެންޑްގައި "ބެލް ބޮޓަމް" ގެ މަސައްކަތް ނިންމައިލި އަކްޝޭ ކުމާރު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ޝޫޓިން މެދުކެނޑިފައި އޮތް "ޕްރިތުވީރާޖް" ގެ މަސައްކަތް އަލުން ފަށައިފި އެވެ.


އެކަން ކަށަވަރުކޮށް ދެމުން، ތާރީހީ ހަނގުރާމަ ފިލްމުގެ ޑައިރެކްޓަރު ޗަންދުރަޕްރަކާޝް ދިވެދީ ބުނީ އަލުން ފިލްމުގެ ޝޫޓިން ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އޭނާ ބުނީ މަސްތަކެއް ފަހުން އަލުން "ޕްރިތުވީރާޖް" ގެ މަސައްކަތް ފެށުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މި ފިލްމަކީ އިންޑިއާގެ ކުރީގެ ރަސްކަލެއް ކަމަށްވާ ޗަހާމަނާ ރާޖްޕޫތުގެ ނުފޫޒުގަދަ ރަސްކަލެއް ކަމަށްވާ ޕްރިތުވީރާޖް ޗޯހަންގެ ރޯލުން އަކްޝޭ ފެންނާނެ ފިލްމެކެވެ. "ޕްރިތުވީރާޖް" އިން 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރް ބޮލީވުޑަށް ތައާރަފުކުރާނެ އެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތާއި ސޯނޫ ސޫދާއި ސާކްޝީ ތަންވަރާއި އަޝުތޯޝް ރާނާ އާއި މާނަވް ވިޖް ފަދަ ތަރިން ހިމެނެ އެވެ.

"ޕްރިތުވީރާޖް" އަކީ ކުރިން މި އަހަރު ގެނެސްދޭން އުޅުނު ފިލްމެއް ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ފިލްމުގެ މަސައްކަތް ލަސްވުމުން އެ ފިލްމު ގެނެސްދޭނީ އަންނަ އަހަރު އެވެ.

"ސީރިއަސް މެން" ގެ ޓީމްގެ އިތުރު ފިލްމެއް

މި މަހުގެ 2 ގައި ނެޓްފްލިކްސް ޕްރިމިއާކުރި ނަވާޒުއްދީން ސިއްދީގެ ފިލްމު "ސީރިއަސް މެން" ގެ ޓީމުގެ އިތުރު ފިލްމަކަށް އޭނާ ސޮއިކޮށްފި އެވެ.

ނަން އަދި އިއުލާންނުކުރާ މި ފިލްމަކީ "ސީރިއަސް މެން" ގެ ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވި ބަވޭޝް މަންޑަލިއާގެ އާއި ސޭޖަލް ޝާހްގެ އިތުރުން ޕްރޮޑިއުސަރެއްގެ ގޮތުގައި "102 ނޮޓް އައުޓް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އުމޭޝް ޝުކްލާ އާއި ގޯރަވް ޝުކްލާ އަދި އަޝިޝް ވާގް ވެސް ހިއްސާވާ ފިލްމެކެވެ.

މީގެ ސްކްރީންޕްލޭ ބަވޭޝް ލިޔެފައިވާ އިރު، ޑައިރެކްޓްކުރާނީ ސޭޖަލެވެ.

"ސޫރަޖް ޕޭ މަންގަލް ބާރީ" ދިވާލީގައި

އިންޑިއާގެ ސިނަމާތައް މި މަހު ހުޅުވަން ހުއްދަ ދިނުމުން، ފިލްމުތައް ސިނަމާތައް ގެނައުމުގެ ތައްޔާރީތައް ވަމުން އަންނަނިކޮށް "ސޫރަޖް ޕޭ މަންގަލް ބާރީ" ދިވާލީގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

އަންނަ މަހުގެ ތެރޭގައި ފާހަގަކުރާ ދިވާލީއާ ދިމާކޮށް އެ ފިލްމު ގެނެސްދޭން ނިންމާފައި ވަނީ އަންނަ މަހުގެ 13 ގަ އެވެ. "ސޫރަޖް ޕޭ މަންގަލް ބާރީ" އަކީ މިދިޔަ އަހަރު "ދަ ޒޯޔާ ފެކްޓާ" ގެނެސްދިން އަބީޝެކް ކަޕޫރް ޑައިރެކްޓްކޮށްފައިވާ ކޮމެޑީއެކެވެ.

މީގެ ލީޑް ކާސްޓުންނަކީ މަނޯޖް ބަޖްޕާއީ އާއި ފާތިމާ ސަނާ ޝެއިޚްގެ އިތުރުން ދިލްޖީތު ދޮސަންޖެވެ.

"ސޫރަޖް ޕޭ މަންގަލް ބާރީ" ގެ ފަސްޓްލުކް ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

ޖެނެލި އާއި ރިތޭޝް އަލުން ފިލްމަކަށް

ދެހާސް ބާރައިގައި ކައިވެނިކޮށް މިހާރު ދެ ދަރިން ވެސް ތިބި ބަތަލާ ޖެނެލިއާ ޑި ސޫޒާ އާއި ފިރިމީހާ ރިތޭޝް ދޭޝްމުކް އަލުން އެކީގައި ފިލްމެއް ކުޅެން އުޅޭކަމުގެ އިޝާރާތެއް ދީފި އެވެ.

އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި ޖެނެލިއާ ބުނީ ފިރިމީހާއާ އެކު މަސައްކަތް ނުކުރާތާ މިހާރު ވަރަށް ގިނަ ދުވަސްތަކެއްވެފައިވާތީ އެކަހަލަ ޕްރޮޖެކްޓަކަށް އުންމީދުކުރެވޭ ގޮތަށެވެ. އެގޮތުން މިހާރު ވެސް ދެ މީހުންނަށް ލިބިފައިވާ ސްކްރިޕްޓެއް ކިޔަމުން އަންނަ ކަމަށް ބުންޏެވެ. އެކަމަކު އޭގެ ތަފުސީލެއް ނުދެ އެވެ.

ޖެނެލިއާ ބުނީ އެއަށް އާނއެކޭ ބުނަން ރިތޭޝް ބާރު ވެސް އަޅަމުން އަންނަ ކަމަށެވެ. އެހެންވެ ދެ މީހުން އެކީގައި ދެން މާ ލަސްތަކެއް ނުވެ ފެނުމުގެ ފުރުސަތު އޮތް ކަމަށް ބުންޏެވެ.

ރިތޭޝް އާއި ޖެނެލިއާ އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި 2003 ގެ "ތުޖޭ މޭރީ ކަސަމް" އާއި 2004 ގެ "މަސްތީ" އާއި 2012 ގެ "ތެރެ ނާލް ލަވް ހޯ ގަޔާ" ހިމެނެ އެވެ.