ދިވެހިރާއްޖެ އަށް ދާން ބޭނުންވާ ކަމަށް ބުނެ އެކަމުގެ އެހީއަކަށް އިންޑިއާގެ އެކްޓަރު ސޯނޫ ސޫދުގެ ކިބައިން ޓްވިޓާގައި އެދުނު މީހަކަށް މަޖާ ޖަވާބެއް ދީފި އެވެ.
ޕާތު ކިޔާ މީހާ ރާއްޖެ ދާން ބޭނުންވެގެން އެހީއަކަށް އެދުމުން އޭގެ ރައްދުގައި ހިންދީ ބަހުން ސޯނޫ ކުރި ޓްވީޓްގައި އަހާފައި ވަނީ "ރާއްޖެ ދާން ބޭނުންވަނީ ރިކްޝާގައި ނުވަތަ ސައިކަލުގައިތޯ" އެވެ. އަދި އެ ރައްދާ ގުޅިގެން އެކި މީހުން އެކި ކަހަލަ ޓްވީޓްތައް ވެސް ކޮށްފައިވެ އެވެ.
އެގޮތުން ބައެއް މީހުން ވަނީ ސޯނޫ އާއި ޕާތު ޓެގްކޮށް ތިމަންނަމެން ވެސް ގޮވައިގެން ދާށޭ ބުނެފަ އެވެ. އަދި ބައެއް މީހުން ވަނީ ތާކުންތާކު ނުޖެހޭ ކަހަލަ ކަންކަމަށް އެދި ކުރާ ޓްވީޓްތަކަށް ސޯނޫ ރައްދު ނުދީ، ހަމަ އަސްލު ވެސް ބޭނުން ޖެހިގެން އެހީ އަށް އެދޭ މީހުންގެ އެދުންތަކަށް އިޖާބަދޭން އެދިފަ އެވެ.
ހިންދީ ފިލްމުގެ އިތުރުން އިންޑިއާގެ އެހެން ބަހުރުވަތަކުން ހަދާ ދެކުނު ފިލްމު އިންޑަސްޓްރީގައި ވެސް މަައްކަތްކުރާ ސޯނޫ، 48، މި ފަހުން ފާހަގަކުރެވިފައި ވަނީ އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ނަމޫނާއެއްގެ ގޮތުގަ އެވެ.
އެގޮތުން ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު އިންޑިއާގެ އެކި ސްޓޭޓްތަކުގައި އަމިއްލަ ވަޒަނަށް ނުދެވި ތާށިވި އެތައް ހާސް ބަޔަކާއި ގައުމުން ބޭރުގައި ކިޔަވަން ތިބި އެތައް ދަރިވަރުންނެއް ވެސް އޭނާގެ އެހީގައި އާއިލާތަކާ ހަމައަށް ފޮނުވައި ދީފައިވެ އެވެ.
މީގެ އިތުރުން އެތައް ގޮތަކުން ސޯނޫ މިހާތަނަށް އެތައް ބަޔަކަށް އެހީވެފައިވެ އެވެ. އޭގެ ތެރޭގައި ބޭސް ފަރުވާގެ އިންތިޒާމުތަކާއި މާލީދަތިތަކާ ހެދި ކިޔެވުމުން މަހޫރުމުވެފައިވާ ކުދިންނަށް ކިޔެވުމުގެ ފުރުސަތާއި މަތީ ތައުލީމަށް ސްކޮލަޝިޕްތައް ދިނުމާއި ސްކޫލްތަކަށް ބޭނުންވާ ތަކެތި ހަދިޔާކުރުމާއި އިންޓަނެޓް ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ ތަންތަނުގެ ނެޓްވޯކް ރަނގަޅުކޮށް ދިނުން ފަދަ ކަންކަން ހިމެނެ އެވެ.
ސޯނޫގެ މި އެހީތަކާ ގުޅިގެން ޔޫއެންޑީީޕީން އޭނާގެ މަސައްކަތުގެ އަގުވަޒަންކޮށް ދާދި ފަހުން "ސްޕެޝަލް ހިއުމަނިޓޭރިއަން އެކްޝަން އެވޯޑް" ވެސް ދީފައިވެ އެވެ.