މިދިޔަ ހަފުތާގެ ތެރޭގައި ހަނީމޫނަށް ރާއްޖެ އައި އިންޑިއާގެ ބަތަލާ ކާޖަލް އަގަރްވާލްގެ ދަތުރުގެ ތެރެއިން ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓްގައި ނަގާފައިވާ އިތުރު ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށްފި އެވެ.

ކާޖަލް އާއި ވިޔަފާރިވެރިޔާ ގޯތަމް ކިޗްލޫ ކައިވެނިކުރީ މިދިޔަ މަހުގެ 30 ގަ އެވެ. ހަނީމޫނަށް ރާއްޖެ އައިސް ދެ މީހުން ތިބޭ ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކުގެ ތެރޭގައި އެ މީހުން ތިބޭ ބީޗް ވިލާގައި ނަގާފައިވާ ފޮޓޯތަކާއި ރިސޯޓްގެ ކަނޑުއަޑީގެ ރެސްޓޯރަންޓާއި ކޮޓަރީގައި ނަގާފައިވާ ފޮޓޯތައް ވެސް ހިމެނެ އެވެ.

ބައެއް ފޮޓޯތަކުގެ ކެޕްޝަންތަނުގައި ރާއްޖޭގެ ރީތިކަމުގެ ވާހަކަ ވެސް ލިޔެފައިވެ އެވެ. ފޮޓޯއެއްގައި ކާޖަލް ވަނީ ރާއްޖެ އަންނަ ކޮންމެ ފަހަރަކު ނަސުފަށް ވަރަށް ބޮޑު ހަމަޖެހުމަކާއި އުފާވެރިކަމެއް ލިބޭ ކަމަށް ވެސް ބުނެފަ އެވެ.

ހަނީމޫނަށް މި އަހަރު ރާއްޖެ އައުމުގެ ކުރިން މިދިޔަ އަހަރުގެ ފަހުކޮޅު އާއިލާއާ އެކީ ވެސް ކާޖަލް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. އެ ފަހަރު އެ މީހުން ތިބީ ރީތި ފަރު ރިސޯޓްގަ އެވެ.

ހިންދީ ފިލްމުތަކުން ވެސް ފެންނަ ކާޖަލް އަކީ އިންޑިއާގެ ތެލެގޫ ފިލްމު އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް ބަތަލާ އެވެ. އޭނާ ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި އަޖޭ ދޭވްގަންގެ "ސިންގަމް" އާއި އަކްޝޭ ކުމާރުގެ "ސްޕެޝަލް 26" ގެ އިތުރުން ރަންދީޕް ހޫޑާގެ "ދޯ ލަފުޒޯން ކީ ކަހާނީ" ހިމެނެ އެވެ.

ކާޖަލްގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ ޖޯން އަބްރަހަމާއި އިމްރާން ހާޝިމީއާ އެކު ފެނިގެން ދާނެ "މުމްބާއީ ސާގާ" އެވެ. އަދި ކަމަލްގެ ހަސަންގެ "އިންޑިއަން 2" ގެ ބަތަލާ އަކީ ވެސް ކާޖަލް އެވެ.