21 ނޮވެމްބަރ 2020 - 09:10
މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ސޮއިކޮށްފައިވާ އޭނާ ފުރަތަމަ ވެބް ސީރީޒްގައި ކުޅެން ޖެހޭ ކެރެކްޓާ އަށް ތައްޔާރުވުމުގެ ގޮތުން 11 ކިލޯ ލުއިކޮށްފައިވާ ކަމަށް ބުނެފި އެވެ.
މި ވާހަކަ އޭނާ ވަނީ ނިމުނު ހަފުތާގައި ގެނެސްދިން ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ގޯވިންދާ ބައިވެރިވި އެޕިސޯޑްގެ ޝޫޓިންގެ ތެރޭގައި ވެސް ހިއްސާކޮށްފަ އެވެ. އޭގެ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.
ބަރުދަން ލުއިކުރި ވާހަކަ ގޯވިންދާ ކައިރީގައި ކަޕިލް ބުނުމުން، ޝޯގައި ހިނިގަނޑު ޖަހަން އިންނަ އަރްޗަނާ ޕުރާން ސިންގް ކިތައް ކިލޯ ލުއިކުރިތޯ އެހުމުން ކަޕިލް ބުނީ 11 ކިލޯ ކަމަށެވެ. އޭނާ ބުނީ ބަރުދަން ލުއިކުރަން ފެށި އިރު ހުރީ 92 ކިލޯ ކަމަށާއި މިހާރުގެ ބަރުދަނަކީ 81 ކިލޯ ކަމަށެވެ. އަދި އެކަމަށް ގޯވިންދާ ޖޯކް ޖަހާފައި ހީނހީނފައި ކަޕިލް އަކީ ރޮކްސްޓާއެއް ކަމަށް ވެސް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކަޕިލްގެ އަލަތު ވެބް ސީރީޒަކީ ސޮނީ އެންޓަޓައިންމަންޓްގެ ޑިޖިޓަލް ޕްލެޓް ސޮނީ ލިވް އިން ހަދާ އެއްޗެކެވެ. އެކަމަކު އެއާ ބެހޭ އެއްވެސް ތަފުސީލެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ. ދާދި ފަހުން މީޑިއާތަކުން ބުނީ ކަޕިލް އަށް އެއަށް ސޮއިކުރީ 20 ކްރޯޑް (2.73 މިލިއަން ޑޮލަރު) އަށް ކަމަށެވެ.
އިންޑިއާގެ އެންމެ މަގުބޫލު އަދި އެންމެ ހުނަރުވެރި އެއް ކޮމީޑިއަންގެ ގޮތުގައި ފާހަގަކުރެވޭ ކަޕިލް ވަނީ ކުރިން ފިލްމުތަކެއް ވެސް ކުޅެފަ އެވެ. އެއީ 2017 ގެ "ފިރަންގީ" އާއި 2015 ގެ "ކިސް ކިސްކޯ ޕިޔާރު ކަރޫ" އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy