ރާޒުވާ އިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އިންޑިއާގެ ލެޖެންޑް ވިސްވަނާތަން އާނަންދުގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ނިންމައިފި އެވެ.

އުމުރުން 51 އަހަރުގެ ވިޝްވަނާތަންގެ ބައޮގްރަފިކަލް ޑްރާމާ ހަދަނީ މި ވަގުތު "އަތުރަންގީ ރޭ" ކިޔާ ފިލްމެއް ހަދަމުން އަންނަ ޑައިރެކްޓަރު/ޕްރޮޑިއުސަރު އާނަންދު އެލް ރާއީ އެވެ. ވަކި ނަމެއް އަދި ދީފައި ނުވާ މި ފިލްމު ޕްރޮޑިއުސްކުރަނީ ރާއީގެ ފިލްމު ކުންފުނި ކަލަ ޔެލޯ ޕްރޮޑަކްޝަނުންނެވެ.

ވިސްވަނާތަންގެ ވާހަކަ ކިޔައިދޭ ފިލްމަކީ ރާއީ ހަދާ ފުރަތަމަ ބައޮގްރަފިކަލް ޑްރާމާއަށެވެ. މީގެ ދެ އަހަރު ކުރިން "ޒީރޯ" އުފެއްދި ޑައިރެކްޓަރު ވަނީ ވަރަށް ކާމިޔާބު ފިލްމުތަކެއް ހަދައިފަ އެވެ. އޭގެ ތެރޭގައި "ރާންޖަނާ" އާއި "ތެނޫ ވެޑްސް މަނޫ" ގެ ދެ ފިލްމު ހިމެނެ އެވެ.

އިންޑިއާގެ ޗެސް ގްރޭންޑްމާސްޓަރެއްގެ ގޮތުގައި މަޝްހޫރުވި ވިސްވަނާތަން އަކީ ވޯލްޑް ޗެސް ޗެމްޕިއަނެކެވެ. ޗެންނާއީ އަށް އުފަން ކުޅުންތެރިޔާ އެންމެ ފުރަތަމަ އިންޑިއާގެ ގްރޭންޑްމާސްޓަރަކަށްވީ 1988 ގަ އެވެ.

ރާޒުވާ އިން މިހާތަނަށް އެތައް ކާމިޔާބީއެއް ހޯދާފައިވާ ވިސްވަނާތަން އަށް ވަނީ އިންޑިއާ ސަރުކާރުގެ ދެވަނަ އަށް ދޭ އެންމެ މަތީ ޝަރަފު ޕަދުމާ ވިބުޝަން ވެސް 2007 ގައި ލިބިފަ އެވެ.

ވިސްވަނާތަންގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދާކަން އިއުލާންކުރި ނަމަވެސް އޭނާގެ ރޯލު ކުޅޭނެ އެކްޓަރަކާއި ފިލްމުގެ މަސައްކަތް ފަށާނެ އިރެއް އަދި ނުނިންނަ އެވެ.

ރާއީ މިހާރު އަކްޝޭ ކުމާރާއި ސާރާ އަލީ ޚާނާއި ދަނޫޝްއާ އެކު ހަދަމުން އަންނަ "އަތުރަންގީ ރޭ" އަށް ފަހު އަކްޝޭއާ އެކު "ރަކްޝާބަންދަން" ކިޔާ ފިލްމެއް ހަދަން ވެސް އޮތީ ނިންމައިފަ އެވެ.