ކައިވެނިކޮށް، ދަރިއަކު ލިބުނު ފަހުން މިއުޒިކާ ތަންކޮޅެއް ދުރުގައި ހުރި އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން އާ އަލްބަމެއް ވަރަށް އަވަހަށް ގެނެސްދޭނެކަމުގެ އިޝާރާތެއް ދީފި އެވެ.

އޭނާގެ އާ ލަވައިގެ ތަންކޮޅެއް އިންސްޓްގްރާމްގައި ހިއްސާކޮށް ބުނީ އެއީ ހަމައެކަނި އާ ސިންގަލްއެއް ނޫން ކަމަށާއި އެއީ ކުރިއަށް އޮތް އަލްބަމްގެ ލަވައެއް ކަމަށެވެ. ނަމަވެސް އާ އަލްބަމާ ބެހޭ އިތުރު އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މިދިޔަ އަހަރު ޗެރީ ސީބޯންއާ ކައިވެނިކޮށް އަންހެން ދަރިއަކު ވެސް ލިބުނު 29 އަހަރުގެ ފަންނާނު ވަނީ މިހާތަނަށް ހަތަރު އަލްބަމެއް ނެރެފަ އެވެ. އޭގެ ތެރެއި އެންމެ ފަހުން ނެރުނު އަލްބަމަކީ މިދިޔަ އަހަރުގެ "ނަމްބާ 6 ކޮލަބަރޭޝަން ޕްރޮޖެކްޓް" އެވެ.

މަގުބޫލު އެތައް ލަވައެއް އާންމުންނަށް ދޫކޮށްލާފައިވާ ޝީރަން އަކީ އިނގިރޭސިވިލާތުގެ މިއުޒިޝަނުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކެކެވެ.

އޭނާ މިހާތަނަށް ހަތަރު ގްރެމީ އެވޯޑް ހާސިލުކުރުމުގެ އިތުރަށް މިއުޒިކް ދާއިރާ އިން އެތައް އެވޯޑެއް ހޯދާފައިވެ އެވެ. ޝީރަންގެ މިލްކިއްޔާތު 200 މިލިއަން ޕައުންޑް (267.89 މިލިއަން ޑޮލަރު) އަށް އަރަ އެވެ