03 ސެޕްޓެމްބަރ 2020 - 07:04
އިނގިރޭސިވިލާތުގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ އެޑް ޝީރަން އަށް ދަރިއަކު ލިބިއްޖެ އެވެ.
ޝީރަން، 29، އާއި ޝެރީ ސީބޯން، 28 އަށް ދަރިއަކު ލިބިފައި މި ވަނީ ކައިވެނިކުރިތާ ދެ އަހަރު ފަހުންނެވެ. ދެ މީހުންނަށް ދަރިއަކު ލިބުނު ވާހަކަ ދަރިފުޅުގެ އިސްޓާކީނެއްގެ ފޮޓޯއަކާ އެކު ޝީރަން އިސްޓަގްރާމްގައި ޕޯސްޓްކުރަމުން ބުނެފައި ވަނީ މިއީ ދެ މީހުންގެ ލޯބި ފުރިހަމަވުން ކަމަށެވެ. އަދި އަލަތު އަންހެން ދަރިފުޅުގެ ނަމަކީ ލީރާ އެންޓާކްޓިކާ ސީބޯން ޝީރަން ކަމަށް ބުންޏެވެ.
ޝީރަން އަކީ އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިންގެ ތެރެއިން އެންމެ ކާމިޔާބު އެއް ފަންނާނެވެ. އަދި އޭނާ އަކީ އެ ގައުމުގެ ޒުވާން މިއުޒިކް ފަންނާނުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކަކެވެ. ޝީރަން މިހާތަނަށް ހަތަރު އަލްބަމް ނެރެފައިވެ އެވެ.
އޭނާގެ އެންމެ ފަހުގެ އަލްބަމަކީ މިދިޔަ އަހަރު ނެރުނު "ނަމްބާ 6 ކޮލަބްރަރޭޝަން ޕްރޮޖެކްޓް" އެވެ.
މަގުބޫލު އެތައް ލަވަތަކެއް ކިޔާފައިވާ ލަވަކިޔުންތެރިޔާ އަށް މިހާތަނަށް ހަތަރު ގްރެމީ އެވޯޑް ހާސިލުކޮށްފައިވެ އެވެ.
ދެހާސް އަށާރަ ވަނަ އަހަރުގެ ކުރީކޮޅު އެންގޭޖްވިކަން އިއުލާންކުރުމަށް ފަހު، ދިން އިންޓަވިއުއެއްގައި ޝީރަން ވަނީ ދަރިއަކު ލިބުމުން މިއުޒިކް ކުޅެން ހުއްޓައިލާނެ ކަމަށް ބުނެފަ އެވެ.
ނަމަވެސް އަލަތު ދަރިފުޅުމުގެ ލިބުމާ އެކު، އޭނާ މިއުޒިކް ކެރިއަރާ ބެހޭ ވާހަކަތަކެއް އަދި ނުދައްކަ އެވެ. އިންސްޓަގްރާމް ޕޯސްޓްގައިވާ ގޮތުން އާއިލާ އަށް މި ވަގުތު ޕްރައިވެސީ ވަރަށް މުހިއްމެވެ. އަދި ވަގުތު ޖެހުމުން އެނބުރި ފޭނުންނާ ގާތަށް އަންނާނެ ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy