18 ފެބުރުއަރީ 2021 - 07:20
މިދިޔަ ހޯމަ ދުވަހު ކައިވެނިކުރި ބޮލީވުޑްގެ ބަތަލާ ދިއާ މިރުޒާގެ ކައިވެނީގެ ހަފުލާ އިން ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފި އެވެ.
ދިއާ މި ފަހަރު ކައިވެނިކުރީ މުމްބާއީގެ ވިޔަފާވެރިއެއް ކަމަށްވާ ވައިބާވް ރޭކީއާ އެވެ. އޭނާ އަކީ ވެސް ކުރިން ކައިވެންޏެއްކޮށް ދަރިއަކު ލިބުނު ފަހުން ކައިވެނި ރޫޅިފައިވާ މީހެކެވެ. ދިއާ އާއި ޑައިރެކްޓަރު ސާހިލް ސާންގާގެ 11 އަހަރުވީ ކައިވެނި ރޫޅައިލީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
އޭގެ މާ ގިނަ ދުވަސްތަކެއް ނުވަނީސް ދިއާ ވަނީ ވައިބާވްއާ ލޯބީގެ ގޮތުން ގުޅިފަ އެވެ. ހޯމަ ދުވަހު ކައިވެނީގެ ހަފުލާ ވަރަށް ކުލަގަކޮށް ބޭއްވީ ދެ ފަރާތުގެ އާއިލާ އާއި ގާތް ރައްޓެހިންނާ އެކީގަ އެވެ.
ހަފުލާގެ ފޮޓޯތައް ހިއްސާކުރަމުން ދިއާ ބުނީ ލޯތްބަކީ ވަރަށް އާދަޔާހިލާފު އެއްޗެއް ކަމަށާއި ހިތުގައި ލޯބި ޓަކި ޖަހާލުމުން ދެން އޮންނާނީ އެއަށް ކިޔަމަންތެރިވުން ކަމަށެވެ.
ދިއާ، 39، ބޮލީވުޑަށް ތައާރަފުވީ 2001 ގެ "ރެހެނާ ހޭ ތޭރޭ ދިލް މޭ" އިންނެވެ. އޭގެ ކުރިން އޭނާ އާންމުންގެ ސަމާލުކަން ހޯދީ 2000 ވަނަ އަހަރުގެ މިސް އޭޝިއާ ޕެސިފިކްގެ ތާޖާ އެކީގަ އެވެ.
ދިއާ އަކީ ބޮލީވުޑަށް ނުކުތް ނަމަވެސް މާ ބޮޑު މަޝްހޫރުކަމެއް ލިބުނު ބަތަލާއެއް ނޫނެވެ. އަދި މާ ގިނަ ފިލްމުތަކެއް ވެސް ކުޅެފައެއް ނުވެ އެވެ. މި ފަހުން އޭނާ މުޅިން ވެސް ފެންނަނީ ސަޕޯޓިން ރޯލްތަކުންނެވެ.
ދިއާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ތާޕްސީ ޕައްނޫގެ "ތައްޕަޅު" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy