އިންޑިއާގެ ޓީވީ ޗެނެލްތަކުން މިހާރު ދައްކާ ބަތަލާ ދީޕިކާ ޕަދްކޯންގެ ލިވައިސް ޖީންސް އިޝްތިހާރުގައި ފިލްމެއްގެ ސެޓް ކޮޕީކޮށްފައިވާ ކަމަށް ބުނެ ފާޑުކިޔައިފި އެވެ.

އެ އިޝްތިހާރުގައި ފެންނަނީ ކުރީގެ ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ "ކޮއި ޔަހާ ނަޗޭ ނަޗޭ" އަށް ދީޕިކާ އާއި އިތުރު އަންހެނުންތަކެއް ލިވައިސް ޖީންސް ލައިގެން ނަށާ ތަނެވެ. އިޝްތިހާރު މައްސަލައަކަށްވީ އެ ޝޫޓްކޮށްފައިވާ ސެޓަކީ ފިލްމެއްގެ ސެޓްގެ ކޮޕީއަކަށް ވުމެވެ.

އެ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން ފިލްމު "ޔޭ ބެލޭ" އެވެ. ބަތަލާ ވިދިއާ ބާލަންގެ ފިރިމީހާ ސިދާތު ރޯއި ކަޕޫރް ޕްރޮޑިއުސްކޮށް ސޫނީ ޓަރަޕޮރެވާލާ ޑައިރެކްޓްކުރި އެ ފިލްމަކީ މުމްބާއީގައި އުޅޭ ޒުވާން ދެ ފިރިހެނެއްގެ ބެލޭ ޑާންސް ހުނަރު ދައްކާލާ ފިލްމެކެވެ.

ޑައިރެކްޓަރު ސޫނީ ބުނި ގޮތުގައި ދީޕިކާގެ އިޝްތިހާރުގައި އޮތީ އެ މީހުންގެ ސެޓް ކޮޕީކޮށްފަ އެވެ. އަދި އެއީ ވަރަށް ދެރެ ކަމެއް ކަމަށާއި އެހެން ބަޔަކު ކޮށްފައި އޮތް މަސައްކަތެއް ކޮޕީކުރެވިގެން ނުވާނެ ކަމަށް ބުންޏެވެ.

ސޫނީ ބުނި ގޮތުގައި "ޔޭ ބެލޭ" ގައި ޑާންސް ސްޓޫޑިއޯއެއް ގޮތަށް ހަދާފައިވާ ސެޓަކީ ފިލްމު ޝޫޓްކުރަން މުމްބާއީން އެފަދަ ތަނެއް ލިބެން ނެތުމުން އެ މީހުންގެ އަމިއްލަ ވިސްނުމަށް ހެދި ސެޓެކެވެ. އަދި އެ ސެޓްގެ ފަހަތުގައި ހުރީ ޝައިލާޖާ ޝަރުމާ ކަމަށާއި އޭނާގެ މަސައްކަތެއް ބަޔަކު ކޮޕީކުރުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ބުންޏެވެ.

ސޫނީ ބުނީ ދީޕިކާގެ އިޝްތިހާރުގެ ޓީމުން ސެޓް ކޮޕީކުރީ އެ މީހުންގެ ފިލްމު ބަލައިފައިކަން އޭގެ ކޮންމެ ޝޮޓަކުން ވެސް އެނގޭ ކަމަށެވެ. އަދި އެހެން ބައެއްގެ މަސައްކަތްތައް އިންޑިއާގައި ކޮޕީކުރާތީ އިންޑިއާ މީހުން މިހާރު ތިބީ ކްރިއޭޓިވިޓީގެ ގޮތުން "ބަނގުރޫޓްވެފައިތޯ" ސޫނީ ސުވާލު އުފައްދާފައިވެ އެވެ.

"އިންޑިއާގައި އޮތް ކޮޕީކެޓް ކަޗްލާ ނިމުމަކަށް ގެންނަން ޖެހޭ،" ސޫނީ ބުންޏެވެ.

ދީޕިކާގެ އިޝްތިހާރުގެ ސެޓް ހެދި ޕްރޮޑަކްޝަން ޑިޒައިނަރު ރުޕިން ސަޗަކް ވަނީ "ޔޭ ބެލޭ" ގެ ސެޓް ކޮޕީކުރި ކަމަށް ސޯޝަލް މީޑިއާގައި ވެސް ބުނެފަ އެވެ. އެ ފިލްމުގެ ސެޓާ އިޝްތިހާރުގެ ސެޓް ވައްތަރުކަމުން ޝޫޓްކުރީ އެތަނުގައިތޯ މީހަކު ސޯޝަލް މީޑިއާގައި ސުވާލުކުރުމުން ރުޕިން ބުނެފައި ވަނީ އިޝްތިހާރުގެ ޑައިރެކްޓަރު ސެޓް ކޮޕީކުރަން ބޭނުންވުމުން އެގޮތަށް ސެޓް ހެދީ ކަމަށެވެ.

ރުޕިންގެ އެ ޖަވާބު ސޫނީ ސްކްރީންޝޮޓެއްގެ ގޮތުގައި އޭނާގެ އިންސްޓަގްރާމް ޕޯސްޓްގައި ވެސް ހިމަނާފައިވެ އެވެ.