09 މާޗް 2021 - 17:35
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރް ކަޕޫރާއި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ވެސް ކޮވިޑަށް ޕޮޒިޓިވް، އެ މީހުން މަސައްކަތްކުރަމުން ދިޔަ ޕްރޮޖެކްޓްތަކެއް ހުއްޓުމަކަށް އަތުވެއްޖެ އެވެ.
ރަންބީރްގެ މަންމަ ނީޓޫ ކަޕޫރް އިންސްޓަގްރާމްގައި ބުނީ ރަންބީރް ހޯމް ކަރަންޓީނުގައި ހުރެގެން ފަރުވާ ހޯދަމުން އަންނަ އިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. ރަންބީރް ކޮވިޑަށް ޕޮޒިޓިވްވެފައި މި ވަނީ ދެ ފިލްމެއްގެ މަސައްކަތުގައި ބިޒީކޮށް އުޅެނިކޮށެވެ. އެއީ އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" އާއި ލަވް ރަންޖަންގެ ރޮމޭންޓިކް ކޮމެޑީއެކެވެ.
"ބުރައްމަސްތުރާ" އަކީ ލޯބިވެރިޔާ އާލިއާ ބަޓާ އެކު ރަންބީރް ކުޅޭ ފިލްމެކެވެ.
ބަންސާލީ ކޮވިޑަށް ޕޮޒިޓިވްވެގެން އޭނާގެ އޮފީހުގައި ކަރަންޓީނުވެގެން ހުރި އިރު، އާލިއާއާ އެކު ހަދަމުން އަންނަ ފިލްމު "ގަންގޫބާއި ކަތިއާވާޅީ" ގެ މަސައްކަތް ވެސް މިކަމާ ހެދި މި ވަގުތު އޮތީ މެދުކަނޑާލައިފަ އެވެ. މީޑިއާތަކުން ބުނީ ބަންސާލީ އާއި ރަންބީރް ޕޮޒިޓިވްވުމާ ގުޅިގެން އާލިއާ ވެސް މިހާރު ހުރީ ކޮވިޑަށް ޓެސްޓްކޮށް ސެލްފް އައިސޮލޭޝަނުގައި ކަމަށެވެ. ނަމަވެސް އާލިއާގެ ނަތީޖާ އަދި ނުލިބެ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ރަންބީރުގެ މަންމަ ނީޓޫ އަށް ވެސް ކޮވިޑް ޖެހުނެވެ. އޭރު އޭނާ ގެންދިޔައީ ފިލްމު "ޖުޖް ޖުގް ޖިއޯ" ޝޫޓްކުރަމުންނެވެ. އެ ފިލްމުގެ މަސައްކަތުގެ ތެރޭގައި އެކްޓަރު ވަރަން ދަވަން އަށް ވެސް ބަލި ޖެހުނެވެ.
ބޮލީވުޑްގެ މަޝްހޫރު ފަންނާނުންގެ ތެރެއިން ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި އަމީތާބް ބައްޗަނާއި ދަރިފުޅު އަބީޝެކް ބައްޗަނާއި އޭނާގެ އަންހެނުން އައިޝްވާރިއާ ރާއީ އާއި ކްރިތީ ސެނަން އާއި އަރުޖުން ކަޕޫރާއި ލޯބިވެރިޔާ މަލައިކާ އަރޯރާ އާއި ރަކުލް ޕްރީތު ސިންގް އާއި ޑައިރެކްޓަރު އާނަންދު އެލް ރާއީ އަދި ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރް ފަދަ މީހުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy