25 މާޗް 2021 - 08:10
ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލްގެ ހަގު ފިރިހެން ދަރިފުޅު ރަޖްވީރު ޑިއޯލް ބޮލީވުޑަށް ތައާރަފްކުރާ ފިލްމުގެ ބަލަތަލާ އަކީ ސަލްމާން ޚާނަށް ބޮޑުބޭބެ ކިޔާ އަލިޒޭ ޚާން އަގްނިހޯތުރީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަލިޒޭ އަކީ ސަލްމާންގެ ކޮއްކޮ އަލްވިރާ ޚާނާއި ޕްރޮޑިއުސަރު އަދި ކުރީގެ އެކްޓަރު އަތުލް އަގްނިހޯތުރީގެ ދަރިއެކެވެ. މީގެ ދެ އަހަރު ކުރިން ވެސް އަލިޒޭ ބޮލީވުޑަށް ނެރެން އުޅޭ ވާހަކަ މީޑިއާތަކުގައި ދެކެވިފައިވެ އެވެ. މިކަން މި ފަހަރު ހަގީގަތަކަށްވެއްޖެ ނަމަ މިއީ ސަލްމާންގެ އާއިލާ އިން ފިލްމީ ދާއިރާ އަށް ނުކުންނަ ފުރަތަމަ އަންހެން ފަންނާނަށް ވާނެ އެވެ.
އަލިޒޭ އާއި ރަޖްވީރު ބޮލީވުޑަށް ނެރޭ ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިފުޅު އަވްނިޝް ބަރްޖަތިއާ ޑައިރެކްޝަނަށް ނުކުންނަ ފިލްމެވެ. މީޑިއާތަކުން ބުނީ މި ފިލްމުގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް ފިލްމު ރަސްމީކޮށް އިއުލާންކުރާނެ ކަމަށެވެ.
ސޫރަޖްގެ އާއިލީ ފިލްމު ކުންފުނި ރާޖްޝްރީ ޕްރޮޑަކްޝަންގެ ފިލްމަކުން އަލިޒޭ އަށް ބޮލީވުޑަށް ނުކުންނަން ލިބުމަކީ ސަލްމާނަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލަކަށް ވާނެ އެވެ. ސަބަބަކީ އޭނާ ތަރިއަކަށް ހަދައި ދިނީ ވެސް އެ ކުންފުނީގެ ފިލްމަކުން ކަމަށްވުމެވެ. އެއީ ސޫރަޖްގެ އަލަތު ފިލްމު 1989 ގެ "މޭނޭ ޕިޔާރު ކިޔާ" އެވެ. އޭގެ ފަހުން ސޫރަޖް ހެދި ގިނަ ފިލްމުތައް ކުޅުނީ ސަލްމާނެވެ. އަދި ސަލްމާނާއި ސޫރަޖް ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ.
އަނެއްކޮޅުން ސަލްމާނާއި ސަނީގެ އާއިލާއާ ދެމެދު ވެސް ވަރަށް ބޮޑު ގާތްކަމެއް އޮންނާތީ ދެ އާއިލާ އަށް ނިސްބަތްވާ ކުދިންތަކެއް އެކީގައި ފިލްމީ ދާއިރާ އަށް ނެރުމަކީ ވަރަށް ހާއްސަ ކަމަކަށް ވާނެ އެވެ. ސަލްމާނަކީ ސަނީ އާއި ބޮބީ ޑިއޯލްއާ އެކީ ވެސް ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ މީހެކެވެ.
ސަލްމާންގެ އާއިލާގެ ފިލްމު ލެގަސީގެ މުސްތަގުބަލާ ގުޅިފައިވާ އަލިޒޭ، 20، އަކީ އަލްވިރާ އާއި އަތުލްގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އެ ދެ މީހުންގެ ދެން ހުންނަނީ އަޔާން އަގްނިހޯތުރީ ކިޔާ ފިރިހެން ކުއްޖެކެވެ.
ސަނީގެ ހަގު ދަރިފުޅު ރަޖްވީރު ބޮލީވުޑަށް ނުކުންނަ އިރު އޭނާގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ފިލްމީ ދާއިރާ އަށް ނުކުތީ 2019 ގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. އެ ފިލްމަކީ ސަނީ ޑައިރެކްޓްކުރި ފިލްމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy