ސަލްމާން ހާނަށް ބޮޑުބޭބެ ކިޔާ އަލިޒޭ އަގްނިހޯތުރީ ވެސް ދެން މާ ލަހެއް ނުވެ ބޮލީވުޑަށް ތައާރަފުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 18 އަހަރުގެ އަލިޒޭއަކީ ސަލްމާންގެ ދޮށީ އަންހެން ކޮއްކޮ އަދި ޕްރޮޑިއުސަރު އަލްވިރާ ހާނާއި ކުރީގެ އެކްޓަރު އަދި ޕްރޮޑިއުސަރު/ޑައިރެކްޓަރު އަތުލް އަގްނިހޯތުރީގެ އަންހެން ދަރިފުޅެވެ. އެ ދެ މީހުންގެ ދެން ހުންނަނީ އަޔާން އަގްނިހޯތުރީ ކިޔާ ފިރިހެން ކުއްޖެކެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި މި ފަހުން އަލިޒޭ އާއިލާއާ އެކު ގިނަ އިވެންޓްތަކުން އާންމުންގެ ތެރެއަށް ނުކުމެ އުޅޭތީ، އެއީ އޭނާ ބޮލީވުޑް ދަތުރު ފަށަން އުޅޭ ކަމުގެ ސިގްނަލެކެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ސަލްމާންގެ އާއިލާ އިން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އެ އާއިލާގެ އަންހެނުންނަކީ އާންމުކޮށް ފިލްމީ ބަތަލާއިންގެ ގޮތުގައި ފެންނަ ބައެއް ނޫނެވެ. ސަލްމާން މިހާރު އަންނަނީ ހަގު އަންހެން ކޮއްކޮ އަރްޕިތާ ހާންގެ ފިރިމީހާ އާޔޫޝް ޝަރްމާ ބޮލީވުޑަށް ނެރެން ތައްޔާރުވަމުންނެވެ. އެއީ އަންނަ މަހުގެ 5 ގައި ރިލީޒް ކުރާ "ލަވްރާތުރީ" އިންނެވެ.

ސަލްމާން މިހާރު ކުޅެމުން އަންނަ ފިލްމް "ބާރަތު" އަކީ ޅިޔަނު އަތުލް އާއި ޓީ ސީރީޒް ގުޅިގެން ޕްރޮޑިއުސް ކުރާ ފިލްމެކެވެ. އަތުލް 2008 ގައި ޑައިރެކްޓް ކުރި "ހެލޯ" ގައި ވެސް ސަލްމާން މަސައްކަތްކޮށްފައިވެ އެވެ.

އަލިޒޭ ބޮލީވުޑަށް ނެރެން އުޅޭ ވާހަކަ ދެކެވެން ފަށާފައިވާ އިރު، އެ ފިލްމަކީ ސަލްމާން ޕްރޮޑިއުސްކޮށް، ބައްޕަ އަތުލް ޑައިރެކްޓް ކުރާ ފިލްމަކަށް ފަހަރުގައި ވެދާނެ އެވެ.