މާދަމާ ރިލީޒްކުރާ ސަލްމާން ޚާންގެ ފިލްމު "ރާދޭ: ޔޯ މޯސްޓް ވޯންޓެޑް ބާއީ" ގެ ލަވަތަކުގެ ތެރެއިން އެންމެ ފަހު ލަވައަކަށް "ޒޫމް ޒޫމް" ދައްކާލައިފި އެވެ.

ސާޖިދު-ވާޖިދުގެ މިއުޒިކަށް ހަދާފައިވާ މި ލަވަ އަކީ އޫލިއާ ވަންތޫރާއި އޭޝް ކިޔާފައިވާ ލަވައެކެވެ. ސަލްމާން ޑިޝާ ޕަޓާނީގެ ނެށުންތަކެއް ފެނިގެންދާ ލަވައިގެ ކޮރިއޯ ހަދާފައި ވަނީ ސީޒާ އެވެ. "ރާދޭ" ގެ ލަވަތަކުގެ ތެރެއިން ހަތަރު ވަނަ އަދި ފަހު ލަވަ "ޒޫމް ޒޫމް" އާންމުކުރި، އެންމެ ފުރަތަމަ ދައްކައިލި ލަވަ "ސީޓީ މާރް" އަކީ މިހާރު ވެސް ޔޫޓިއުބްގައި ރެކޯޑް ހަދާފައިވާ ލަވައެކެވެ.

ވަރުގަދަ މިއުޒިކަށް ސަލްމާނާއި ޑިޝާގެ އެހާމެ ވަރުގަދަ ނެށުންތަކެއް ފެނިގެންދާ އެ ލަވަ އަކީ މިހާތަނަށް ޔޫޓިއުބްގައި އެންމެ އަވަހަށް 100 މިލިއަން ވިއުސް ހަމަކުރި ހިންދީ ލަވަ އެވެ. ދިހަ ދުވަހުގެ ތެރޭގައި 100 މިލިއަން ވިއުސް ހޯދި "ސީޓީ މާރް" ގެ ވިއުސް މިހާރު 118 މިލިއަނަށް ވުރެ ގިނަ އެވެ.

"ޒޫމް ޒޫމް" އަކީ ވެސް ސަލްމާނާއި ޑިޝާގެ ނެށުންތަކެއް ފެނިގެންދާ އެކަމަކު ލޯބީގެ ސްޓައިލްގެ ލަވައެކެވެ. ލަވަ އެއްކޮށްހެން އައުޓްޑޯގައި ޝޫޓްކޮށްފައިވާ އިރު އެންމެ ފާހަގަކޮށްލެވެނީ ޑިޝާގެ ކުލަގަދަ ކޮސްޓިއުމްތަކެވެ.

މި ލަވަ އަކީ މިދިޔަ އަހަރު ކޮވިޑް-19އާ ހެދި "ރާދޭ" ގެ ޝޫޓިން ކުރިއަށް ނުގެންދެވި އެތައް ދުވަހެއްވެފައި ވަނިކޮށް މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓްކުރި ލަވައެކެވެ. ފިލްމުގެ މަސައްކަތް މެދުކަނޑާލަން ޖެހުނު އިރު، ޝޫޓްނުކުރެވި އޮތީ ވެސް "ޒޫމް ޒޫމް" އެވެ.

ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ "ރާދޭ" ގެ ލަވަތަކުގެ ތެރޭގައި ދެން ހިމެނެނީ "ދިލް ދޭ ދިޔާ" އާއި ޓައިޓްލް ލަވަ "ރާދޭ" އެވެ.