ފިރިމީހާ އަނިޔާކުރާ މައްސަލަ 2019 ގައި ޝްވޭތާ ފުލުހުންނަށް ވެސް ހުށަހަޅާފައިވޭ
އަބިނާވް އަދި ޝްވޭތާ ދަރިފުޅާ އެކު.
12 މެއި 2021 - 09:38
ދަރިފުޅު "އެއްލާލާފައި" ކަލާޒްގެ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ސީޒަން 11 ގައި ބައިވެރިވާން ދިޔަ ކަމަށް ބުނެ ބަތަލާ ޝްވޭތާ ތިވާރީއާ ބެހޭ ގޮތުން މައްސަލަ ޖެހިފައިވާ ފިރިމީހާ އަބިނާވް ކޯލީ ސޯޝަލް މީޑިއާގައި އާންމުކުރަމުންދާ ވީޑިއޯތަކާ ގުޅިގެން އޭނާގެ އަސްލު ހާމަކޮށްދިނުމުގެ ގޮތުން ޝްވޭތާ ވީޑިއޯތަކެއް އިންސްޓަގްރާމްގައި އާންމުކޮށްފި އެވެ.
އޭގައި ފެންނަނީ އޭނާ ދަރިފުޅު ރިޔަންޝް ކޯލީ، 4، އުރާލައިގެން އިމާރާތެއްގެ ބޭރުގައި ރޭގަނޑުގެ ވަގުތެއްގައި ހިނގާ އިރު، އަބިނާވް ފަހަތުން ހިނގައި، ދަރިފުޅު އަތުލަން މަސައްކަތްކުރާ ތަނެވެ. އަދި އެކަމުގެ ތެރޭގައި ޝްވޭތާ ބިންމައްޗަށް ވެއްޓުމުން އަނިޔާކުރާ މަންޒަރު ވެސް ފެނެ އެވެ.
ކުރީގެ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ޕްރޭނާގެ ރޯލު ކުޅެގެން މަޝްހޫރުވި ޝްވޭތާ ވީޑިއޯ ޕޯސްޓްކޮށް، ބުނީ އެ އާންމުކުރަން މަޖުބޫރުވީ އަބިނާވްގެ ސޫރަ ހާމަކުރަން ކަމަށެވެ. އަދި އެ ވީޑިއޯ ފަހުން ޑިލީޓްކޮށްލާނެ ކަމަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ދަރިފުޅު ރިޔަންޝް އަނިޔާވެރި ބައްޕަ ދެކެ ބިރުގަންނަނީ އޭނާގެ މިފަދަ އަމަލުތަކާ ހެދި އެވެ. އެގޮތުން ދަރިފުޅު ޖަހައިގަންނަން ކުރި މަސައްކަތުގެ ތެރޭގައި ކުއްޖާގެ އަތަށް ތަދުވާތީ ދެ ހަފުތާ ވަންދެން އުޅެން ޖެހުނު ކަމަށާއި އެ ހާދިސާގެ ތެރޭގައ ގަތް ބިރުގެ ސަބަބުން ކުއްޖާ އަށް މަހެއް ވަންދެން ރަނގަޅަށް ނުވެސް ނިދޭ ކަމަށް ބުނެފައިވެ އެވެ.
ޝްވޭތާ ވަނީ އަބިނާވް ގެވެށި އަނިޔާކުރާ ކަމަށް ބުނެ އެ މައްސަލަ 2019 ގައި ފުލުހުންނަށް ވެސް ރިޕޯޓްކޮށްފަ އެވެ. އެ ދެ މީހުން ކައިވެނިކުރީ 2016 ގަ އެވެ. އެކަމަކު ފަހުން ކައިވެނީގައި ބޮޑެތި މައްސަލަތަކެއް ޖެހި، މިހާރު އުޅެނީ ވަކިންނެވެ.
ނަމަވެސް މި ފަހަރު ދެ މީހުންގެ ދޭތެރޭގައި ކޯޅުން ބޮޑުވީ މިދިޔަ ހޮނިހިރު ދުވަހު ޝްވޭތާ "ހަތުރޯން ކޭ ކިލާޅީ 11" ގައި ބައިވެރިވާން ދެކުނު އެފްރިކާގެ ކޭޕް ޓައުނަށް ފުރައިގެން ދިއުމާ އެކު އަބިނާވް ހަގީގާ ހިލާފު ވާހަކަތައް ތަކުރާރުކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރަން ފެށުމުންނެވެ. ޝްވޭތާ ބުނި ގޮތުގައި އޭނާ ފުރައިގެން ދިޔައީ ހަގު ދަރިފުޅު އާއިލާގެ މީހުންގެ ގާތުގައި ބަހައްޓައިފަ އެވެ އޭގެ ތެރޭގައި އޭނާގެ 20 އަހަރުގެ އަންހެން ދަރިފުޅު ޕަލަކް ޗައުދަރީ ވެސް ހިމެނެ އެވެ. ޕަލަކަކީ ޝްވޭތާގެ އަލަތު ކައިވެންޏަށް ލިބުނު ދަރިފުޅެވެ.
އަބިނާވް ބުނެފައިވާ ގޮތުގައި ޝްވޭތާ ދަރިފުޅު "އެއްލާލާފައި" ފުރައިގެން ދިޔައީ ޝޯގައި ބައިވެރި ނުވާން ވެސް އެދިފައި ވަނިކޮށެވެ. އެކަމަމާ ގުޅިގެން ޝްވޭތާ ބުނެފައި ވަނީ އޭނާ އުޅެންވީ ގޮތާއި ކުރަންވީ ކަންތަކާއި ނުކުރަންވީ ކަންތައް ކިޔައިދުނުމުގެ ހައްގެއް އަބިނާވަށް ނޯންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައްވާ
13 May 2021
ޑްރާމާ ކުޅެނިކޮށް އަމިއްލަ ދިރިއުޅުމުގެ އަސްލު ކަސޯޓީއަކާ ލައްވާލީ.
1234
12 May 2021
މަ ކިތަންްމެ ނުލަފާކޮއް އުޅުނަސް މަށަކައް ނުކެރޭނެ މަގޭ އަންބެއް ދަރިއެއްގައިގަ ޖަހާކައް އެމީހުން މަގޭ ގައިގަ ޖެހިޔަސް.