ސޮނީ ޓީވީން މިހާރު ގެނެސްދޭ "އިންޑިއަން އައިޑޮލް 12" އަކީ އެ ޝޯ ފެށުނީއްސުރެ އެއާ ބެހޭ ގޮތުން ކޮންމެވެސް ނެގަޓިވް ވާހަކަތަކެއް ދެކެވޭ ޝޯއެކެވެ. އެގޮތުން ޝޯގެ ކުރީކޮޅު އޭގެ ބައެއް ބައިވެރިންގެ އެ މީހުންނާ ބެހޭ ގޮތުން ދޮގު ހަދައިގެން ވާހަކަތަކެއް ދެއްކި ކަމަށް ބުނެ ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައިވެ އެވެ.
ޝޯ މިހާރު ނިމުމަކާ ވެސް ގާތްވެފައި ވަނިކޮށް އަނެއްކާ ވެސް އައިޑޮލް އަށް އެތައް ބައެއްގެ ނުރުހުން އަމާޒުވެފައިވެ އެވެ. މިކަން ދިމާވީ މީގެ ހަފުތާއެއްހާ ކުރިން، ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރަށް ޓްރިބިއުޓް ދޭން އޭނާގެ ދަރިފުޅު އަމިތު ކުމާރު ޝޯ އަށް ގެނައުމުން، ފަހުން އޭނާ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. އޭނާ ބުނި ގޮތުގައި ޝޯގެ ބައިވެރިން ވަރަށް ކަމުނުދެ އެވެ. އަދި ބައްޕަގެ އައިކޮނިކް ލަވަތަކެއް އައިޑޮލްގެ ބައިވެރިން ވަނީ "ހަލާކުކޮށްލައިފަ" އެވެ.
އަމިތު ބުނެފައިވާ ގޮތުގައި ޝޯ އަށް އޭނާ ގެންދިޔައީ ވެސް ބައިވެރިންނަށް ތައުރީފުކުރުވަން ޝަރުތުކޮށްފަ އެވެ. އޭނާގެ މި ވާހަކަތަކާ އެކު ޝޯގެ ޖަޖުންނަށް ވެސް ފާޑުކިޔުންތައް އަމާޒުވެ، މިހާރު ޝޯ ބަލާ މީހުން އަންނަނީ އެ މީހުން ބަދަލުކުރަން ވެސް ގޮވައިލަމުންނެވެ.
ބައެއް މީހުން ބުނެފައިވާ ގޮތުގައި މިހާރު ޝޯގައި ތިބި ޖަޖުންނާ އެކު "އިންޑިއަން އައިޑޮލް 12" ކުރިއަށް ގެންދާ ނަމަ އެ ޝޯގެ ފެންވަރު އިތުރަށް ދަަށްވުން ނޫން ކަމެއް ކަމެއް ނުވާނެ އެވެ. މިއީ ޝޯގެ ޖަޖުން ވަކިކުރަން ގޮވައިލި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ.
ކުރިން އައިޑޮލްގެ ވަރަށް ގިނަ ސީޒަންތަކުގެ އާންމު ޖަޖެއްގެ ގޮތުގައި ހިމެނުނު އަނޫ މަލިކް ވެސް ޖަޖުންގެ ޕެނެލުން ވަކިކުރަން ޖެހުނީ އާންމުންގެ ރުޅިވެރިކަމާ ހެދި އެވެ. އެއީ އޭނާގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކަކާ ހެދި އެވެ. އެކަމަކު އެއިން އެއްވެސް މައްސަލައެއް މިހާތަނަށް ސާބިތުވެފައެއް ނުވެ އެވެ.
އިންޑިއަން އައިޑޮލްގެ މިހާރުގެ ޖަޖުންނަކީ ވިޝާލް ދަދްލާނީ އާއި ނޭހާ ކައްކަރާއި ހިމޭޝް ރޭޝަމިއާ އެވެ. ހިމޭޝް ޝޯގެ ޖަޖުންގެ ޕެނަލާ ގުޅުނީ އަނޫ ވަކިކުރަން ޖެހުމުން ކަމަށް ވިޔަސް، ވިޝާލާއި ނޭހާ މިހާރު ޝޯ ޖަޖުންގެ ގޮތުގައި އެކީގައި މަސައްކަތްކުރާތާ މިހާރު މިއީ ތިން ވަނަ އަހަރެވެ.
ވިޝާލަކީ "އިންޑިއަން އައިޑޮލް ޖޫނިއާ" ގައި ވެސް ޖަޖްކަންކޮށްފައިވާ މީހެކެވެ. ނޭހާ އަކީ އެންމެ ފުރަތަމަ އިންޑިއަން އައިޑޮލްގައި ވާދަކުރި ބައިވެރިއެކެވެ. އެއީ އޭގެ ދެވަނަ ސީޒަނުގައި 2006 ގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޝޯގެ މިހާރުގެ ޖަޖުން ވަކިކުރަން ގޮވަމުން ދިޔަ ނަމަވެސް ސޮނީން ޕެނެލަށް ބަދަލެއް ނުގެންނާނެ އެވެ. އޭގެ އެއް ހެއްކަކީ މިހާރު ވެސް ދޭތެރެ ދޭތެރެ އިން އިންޑިއަން އައިޑޮލްގެ އެޕިސޯޑްތަކަށް އަނޫ ގެންނާތީ އެވެ.
އަނެއް ސަބަބަކީ ވިޝާލާއި ނޭހާ އާއި ހިމޭޝް އަކީ ވެސް ބޮލީވުޑްގެ އެންމެ ވަރުގަދަ މިއުޒިކީ ފަންނާނުންގެ ތެރޭގައި ހިމެނޭ ބަޔަކަށްވާތީ އެވެެ. ނޭހާ އަކީ މި ވަގުތު ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިދޭ އެންމެ ކާމިޔާބު އަދި އެންމެ ހުނަރުވެރި އެއް އަންހެން ލަވަކިޔުންތެރިޔާ އެވެ.
ވިޝާލާއި ހިމޭޝް އަކީ މިއުޒިކް ހަދަމުން ލަވަ ވެސް ކިޔާ ވަރަށް ތަޖުރިބާކާރު ދެ ފަންނާނުންނެވެ. އަދި މިއުޒިކް އެތައް ޝޯއެއްގައި ވެސް ޖަޖްކަންކޮށް ތަޖުރިބާ ލިބިފައިވާ ދެ މީހުންނެވެ. ނޭހާ ވެސް "އިންޑިއަން އައިޑޮލް" ގެ ކުރިން ޒީޓީވީގެ "ސާރޭގާމާޕާ" ގެ ޖަޖްކަންކޮށްފައިވެ އެވެ.
މި ބައިވެރިން ޖަޖުންގެ ޕެނަލުން ވަކިކުރަން ގޮވަމުންދާ އިރު، އިންޑިއާގެ ބައެއް އޮންލައިން ނޫސްތަކުން އަންނަނީ އާންމުންގެ ހިޔާލު ހުރި ނެތް ގޮތް ބަލަން ޕޯލްތައް ވެސް ހަދަމުންނެވެ.