ސޮނީ ޓީވީގެ އިންޑިއަން އައިޑޮލް ސީޒަން 12 ގެ މިރޭގެ އެޕިސޯޑްގައި ކުރީގެ ބަތަލާ ޒީނަތު އަމަން މެހުމާނެއްގެ ގޮތުގައި ބައިވެރިވާނެ އެވެ.

އޭނާއާ އެކު ޝޯގެ ޕްރޮމޯތަކެއް ވެސް ސޮނީން އަންނަނީ ދައްކަމުންނެވެ. ޒީނަތު މެހުމާނެއްގެ ގޮތުގައި ގެނެސްދޭ އިރު، އޭނާގެ ފިލްމުތަކުން އެންމެ ފަހުން ފާހަގަކޮށްލެވުނު ބައެއް ލަވަތަކަށް އައިޑޮލްގެ ބައިވެރިން ލަވަތައް ހުށަހަޅައިދޭނެ އެވެ.

އާންމުކޮށްފައިވާ އެއް ޕްރޮމޯގައި ފެންނަނީ ޒީނަތުގެ ފިލްމުތަކުން އެންމެ ފާހަގަކޮށްލެވުނު އެއް ލަވަ ކަމަށްވާ "ދޯ ލަފުޒޯ ކީ" އަށް ޒީނަތާ އެކު އޮޑިއެއްގެ ތެރޭގައި އިނދެގެން ޕަފޯމްކުރާ ތަނެވެ. ޒީނަތުގެ އެޕިސޯޑްގައި އޭނާގެ ފިލްމީ ކެރިއަރުގެ ވަރަށް ގިނަ ވާހަކަތަކާއި ފިލްމުތަކުގެ ޝޫޓިން ތެރޭގައި ދިމާވެފައި ހުރި ހާއްސަ ބައެއް ކަންކަން ވެސް ބެލުންތެރިންނާ ހިއްސާކުރާނެ އެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި މިހާރު އުމުރުން 69 އަހަރުގެ ޒީނަތަކީ 1970 ގެ އަހަރުތަކުގެ ތެރޭގައި ހިންދީ ސިނަމާ އަށް ގްލެމާއާ އެކު ހުޅަނގުގެ ފެޝަން ސްޓައިލް ގެނެސްދިން ބަތަލާ އެވެ.

އޭނާގެ ކެރިއަރުގެ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ދޯސްތާނާ" އާއި "ޑޮން" އާއި "ހަރޭ ރާމާ ހަރޭ ކްރިޝްނާ" އާއި "ޔާދޯން ކީ ބާރާތު" އާއި "ރޯޓީ ކަޕްޅާ އޯރް މަކާން" އާއި "ދަރަމް ވީރު" އާއި "ސައްތަމް ޝިވަމް ސުންދަރަން" އަދި "ގުރުބާނީ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

މިހާރު ވެސް މަދުމަދުން ފިލްމުތަކުގައި މަސައްކަތްކުރަމުން އަންނަ ޒީނަތުގެ އެންމެ ފަހުގެ ފިލްމަކީ 2019 ގައި ރިލީޒްކުރި އަރުޖުން ކަޕޫރާއި ކްރިތީ ސެނަންގެ ތާރީހީ ހަނގުރާމަ ފިލްމު "ޕާނިޕަތު" އެވެ.

އިންޑިއަން އައިޑޮލް 12 ގެ މެހުމާނެއްގެ ގޮތުގައި މިރޭ ބައިވެރިވާ އިރު 2018 ގައި ގެނެސްދިން އައިޑޮލްގެ 10 ވަނަ ސީޒަނުގައި ވެސް މެހުމާނެއްގެ ގޮތުގައި ވެސް ޒީނަތު ބައިވެރިވި އެވެ.